ލަންކާގެ މަސްބޯޓެއް ހަ މީހުންނާއެކު ރާއްޖޭ ސަރަހައްދުން އަތުލައިގެންފި

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ސްރީލަންކާގެ މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑިއެފްގެ އިންފޯރމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 42 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ މަސްބޯޓު އަތުލައިގަތީ، އެމްއެންޑީއެފްގެ ކޯސްޓްގާޑް ހުރަވީން ކަމަށެވެ. މިއަދު ހެނދުނު 7:35 ކަންހާއިރު އަތުލައިގަތް އެ ބޯޓުގައި ހަ މީހުން ތިބިކަމަށާއި މިއަދުގެ ހަވީރުގެ ވަގުތެއްގައި އެ ބޯޓު ހއ. އަތޮޅަށް ގެނެވޭނޭ ކަމަށެވެ.

ލަންކާގެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައިވަގުތު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްވެސް ހުރަވީގައި އިންނެވިކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

"އެއީ ބުރާސްފަތި ދުވަހު އެމަނިކުފާނު ސީޖީ ހުރަވީގައި އުތުރަށް ކުރައްވާ ދަތުރުފުޅެއްގައި،" އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުން މިދިޔަ ހަފްތާގައި ވަނީ، ސޯމާލިއާގެ މަސްބޯޓެއް ވެސް އަތުލައިގެންފައެވެ. މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ލަންކާގެ ދެ މަސް ބޯޓު މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވެސް ވަނީ އަތުލައިގެންފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވި ތޫފާން އޯޗީގައި އިންޑިއާ އަދި ލަންކާ އިން ގެއްލިގެން ހޯދަމުންދާ މަސްބޯޓުތައް ހޯދުމުގެ މަސައްކަތުގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާކަމަށް އެންއެމްޑިއެފުން މީގެ ކުރީން ވަނީ ބުނެފައެވެ. އިންޑިއާ އަދި ލަންކާ އިން 67 މަސްބޯޓު ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު އިންޑިއާ އިން ގެއްލުނު މަސްބޯޓުތައް ހޯދުމަށް އެގައުމުގެ މަސްވެރިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް