މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ހުސައިން ޘަގީފް

އެޑްރެސް: ހިސާން، ހދ. ވައިކަރަދޫ

ކުރިމަތިލާ ދާއިރާ: ވައިކަރަދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 2

ޤާބިލިއްޔަތު

ހުސައިން ޘަގީފް އޭނާގެ އުފަން ރަށުން ތައުލީމު ހާސިލުކުރެއްވުމަށްފަހު މާލެ އައިސް، އައިޓީގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވިއެވެ. އެއަށްފަހު އައިޓީ ޓެކްނީޝަނެއްގެ ގޮތުގައި މާލޭގެ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރުމުގެ އިތުރުން ބައެއް ބޮޑެތި ރިސޯޓުތަކުގައި ޓެކްނީޝަނުން ފެށިގެން އައިޓީ މެނޭޖަރުގެ ވަޒީފާ އަދާކުރެއްވިއެވެ. ޘަގީފް 2014 ގައި ޕީޕީއެމް ޓިކެޓުގައި ހދ. އަތޮޅު ކައުންސިލަށް އިންތިހާބުވެ، ކައުންސިލުގެ ރައީސްކަން ކުރެއްވިއެވެ. ނަމަވެސް އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް ކުރި މަސައްކަތްތަކަށް ހުރަސް އެޅި، ކައުންސިލްތަކުގެ ބާރުތައް އަތުލުމުގެ ސަބަބުން އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައި، ކައުންސިލުން ޘަގީފް އިސްތިއުފާދެއްވިއެވެ.

ކުރިމަތިލަނީ ކީއްވެ؟

މަޖިލީހަށް ޘަގީފް ކުރިމަތިލައްވަނީ އަތޮޅާއި ދާއިރާގެ ތަރައްގީގެ އެކި މަޝްރޫއުތައް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދެއްވުމަށެވެ. އޭނާއަކީ ތިލަދުންމަތީގެ ރައްޔިތުންނާއި، ޚާއްސަގޮތެއްގައި، ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޘަގީފްގެ އަމާޒަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދިނުމުގެ ވަރުގަދަ އަދި ސާބިތު އަޒުމުގެ މަތީގައި ހުންނެވުމެވެ. އަދި މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރެވޭނެކަމަށް އޭނާ ގަބޫލުކުރައްވައެވެ. މީގެ ކުރިންވެސް އަތޮޅާއި ދާއިރާގެ ހައްގުގައި ވަކާލާތުކުރި ފަދައިން މަޖިލީހުގެ ތެރެއިންވެސް ތިލަދުންމަތީގެ ހައްގުގައި ވަކާލާތުކުރުމުގެ ފުރުސަތު ލިބުމަކީ އޭނާގެ އުންމީދެވެ.

ކެނޑިޑޭޓުގެ ޚުލާސާ

އައިޓީގެ ދާއިރާގެ އިތުރުން ޓޫރިޒަމުގައިވެސް އުޅުއްވި ޘަގީފް ސިޔާސީ ދާއިރާއަށް ވެދެވަޑައިގެންނެވީ 2014 ވަނަ އަހަރު، އަތޮޅު ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ހިސާބުންނެވެ. ކައުންސިލުގެ ރައީސްކަން ކުރެއްވިއެވެ. ހދ. އަތޮޅުން ޕާސްޕޯޓު ލިބޭނެ ގޮތް ހެދުމާއި ތިލަދެކުނު ޝަރަފުވެރިކަމުގެ އެވޯޑު ދިނުމާއި ލޭ ހަދިޔާކުރާ ދަފްތަރެއް ހެދުމާއި ވައިކަރަމުރައިދޫގެ އެއްފަޅި ޕިކްނިކަށް ހާއްސަކުރުމަށް ކުރި މަސައްކަތުގައި ޘަގީފުގެ ހިއްސާ ބޮޑެވެ. ކައުންސިލުން އިސްތިއުފާ ދެއްވުމަށްފަހުވެސް އޭނާގެ ހިދުމަތްތަކަށް ނިމުމެއް ނާދެއެވެ. "ޓޫރިޒަމް ނެތް ހދ."ގެ ނަމުގައި ހިންގި ކެމްޕޭނުގައި މުހިންމު ރޯލެއް އޭނާ އަދާކުރެއްވިއެވެ. އަދި މަންޒިލެއްގެ ގޮތުގައި އަތޮޅު މާކެޓުކުރުމަށް ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މީގެ އިތުރުން ޘަގީފް ވަނީ ނޫސްވެރިކަމުގެ ދާއިރާގައިވެސް ހަރަކާތްތެރިވިއެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ޖަޒީރާ މެނިފެސްޓޯ ތަންފީޒުކުރުމަށާއި އޭގެން ރައްޔިތުންނަށް ވާންޖެހޭ ކަންކަން ސަރުކާރުގެ ތެރެއިން ކަށަވަރުކޮށްދިނުމަކީ ޘަގީފުގެ ވައުދެކެވެ. އަދި މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި ތަރައްގީ ލަސްނުކޮށް ގެނައުމަށް އެހީތެރިވުމެވެ. މަޖިލިސް މެމްބަރަކީ ދާއިރާގެ ރައްޔިތުންނާއި ސަރުކާރާ ގުޅުވައިދޭ، އަދި ސަރުކާރު ތެރެއިން ކުރަންޖެހޭ ކަންކަން ކުރަން މަގުފަހިކޮށްދޭ ފަރާތްކަން ޘަގީފު ގަބޫލުކުރައްވައެވެ. 19 ވަނަ މަޖިލީހުގެ މެމްބަރުކަމަށް ހޮވިއްޖެނަމަ "ތިލަދުންމަތި ފަޚުރުވެރިވާ ފަދަ" މެމްބަރަކަށް ވާނެކަމަށް ޘަގީފު ވައުދުވެއެވެ.