ކޭން އަށް ރެއާލްގައި ކާމިޔާބީ ހޯދޭނެ: އަގުއޭރޯ

ޓޮޓެންހަމްގެ ތަރި ހެރީކް ކޭން --- ފޮޓޯ: އޭޕީ

ޓޮޓެންހަމްގެ ތަރި ހެރީކް ކޭންއަށް ރެއާލް މެޑްރިޑްގައި ކާމިޔާބު ހޯދޭނެ ކަމަށާއި އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.

ކޭން ވަނީ މިދި ދިޔަ އަހަރު 56 ގޯލު ޓޮޓެންހަމަށް ކާމިޔާބު ކޮށްދީފައެވެ. މިއީ ކްރޮސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ޖެހި ގޯލަށް ވުރެ އިތުރު އަދަދެކެވެ. މީގެ ސަބަބުން ކޭން ރެއާލްއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ މީޑިއާތަކުގައި ދެކެވެން ފަށާފައެވެ.

މާސާ އާއި އޭއެސް އިން މިގޮތަށް ރިޕޯޓުކުރި ނަމަވެސް ޓޮޓެންހަމްގެ ކޯޗު މައުރިސިއޯ ޕޮޗެޓީނޯ ބުނީ އުމުރުން 24 އަހަރުގެ ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ކޭން އެ ކުލަބަށް ގެންދަން ބޭނުންވާ ކަމަށް މާސާ އިން ބުނެއެވެ. ނަމަވެސް އިނގިރޭސި ކުޅުންތެރިންނަށް ގައުމުން ބޭރުގައި ދިރުއުޅުމަކީ އުނދަގޫ ކަމަކަށްވާއިރު، ކޭން ރެއާލް އަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށް ޕެރޭޒް ދެކެއެވެ.

ކުރީގެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އަގުއޭރޯ "އެލް ލާގުއެރޯ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޭން އިނގިރޭސި ޕްރިމިއަ ލީގުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާފަ އޭނާ އަށް ރެއާލްގައި ކާމިޔާބު ހޯދުމަކީ އުނގަދޫ ކަމަކަށް ނުވާނެ ކަމަށެވެ.

"ކޭންގެ ކޮލެޓީ އަށް ބަލާފައި އޭނާ އަށް ރެއާލްގައި ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމެއް ނޫން. އޭނާ ދެކޭ ގޮތެއް އަހަންނަކަށް ނޭނގެ. އެކަކަމު އަހަރެންނަށް އޭނާ އަކީ ޕްރިމިއަރ ލީގާއި ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު ސްޓްރައިކަރުންގެ ތެރެއިން އެއް ސްޓްރައިކަރު،" އަގުއޭރޯ ބުންޏެވެ.

ކޭން ވަނީ ޕްރިމިއަ ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ދެ މެޗު ކަމަށްވާ ބާންލީ އާއި ސައުތުއެމްޓަނާއި ދެކޮޅަށް ހެޓްރިކް ހަދާފައެވެ.

comment ކޮމެންޓް