ނިޒާމްބެ މާޒިޔާއަށް ސޮއިކޮށްފި

މާޒިޔާއަށް ސޮއިކުރި ނިޒާމްބެ(ވ): އޭނާ މިދިޔަ ސީޒަނުގައި ފެނިގެންދިޔައީ ކްލަބު ގްރީން ސްޓްރީޓްސްއިން --- ފޮޓޯ/ މާޒިޔާ

މިދިޔަ ސީޒަނުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ފެނިގެންދިޔަ ފޯވަޑް އަހްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފި އެވެ.

މާޒިޔާއަށް ނިޒާމްބެ ސޮއިކުރިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ އެ ކްލަބަށް ސޮއިކުރީ ކުރިއަށްއޮތް ސީޒަނަށެވެ.

ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރުން ފެށިގެން ވިދަމުންދާ ނިޒާމްބެ ވަނީ ޓީސީ ސްޕޯޓްސް ކްލަބުން އެ އަހަރު ހޯދި ކާމިޔާބީތަކުގެ ފަހަތުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. ދިވެހި ޕްރިމިއާ ލީގަށް ޓީސީ ކޮލިފައިކޮށްދިނުމާއި ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް އެ ކްލަބު ވާދަކުރި ފުރަތަމަ ސީޒަނުގެ ޕްރިމިއާ ލީގު ދެވަނަ ހޯދައިދިނުމަށް ނިޒާމްބެ އިސް ދައުރެއް އަދާކުރި އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ޓީސީން ލީގުގެ ދެވަނަ މަގާމު ދިފާއުކުރި އިރުވެސް ނިޒާމްބެގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު، މިދިޔަ ސީޒަނުގައި ނިޒާމްބެ ގުޅުނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ކްލަބު ގްރީން ސްޓްރީޓްސްއާ އެވެ. އެ ކްލަބަށް މިދިޔަ އަހަރުގެ މާލޭ ލީގުގެ ދެވަނަ މަގާމު ހޯދައިދިނުމަށް ނިޒާމްބެ އިސް ދައުރެއް އަދާކޮށްފައިވެ އެވެ. ނިޒާމްބެގެ މޮޅު ކުޅުމުގެ ސަބަބުން ގައުމީ ޓީމުގެ ސްކޮޑުގައި ވެސް އޭނާ ހިމެނިގެންދިޔަ އެވެ.

މިހާތަނަށް މާޒިޔާ އިން ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި، އެ ކްލަބުގެ މުހިންމު ކުޅުންތެރިންތަކެއްގެ ސޮއި އާކޮށްފަ އެވެ. ކުރިއަށްއޮތް ސީޒަނަށް އެ ކްލަބަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ފާއިތުވެދިޔަ ދެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ވިދާލި ހަސަން ނާއިޒް (ދާދު) އާއި، ކްލަބު އީގަލްސްއަށް ކުޅުނު މުޖުތާޒް މުހައްމަދު (މުޖޭ) އަދި ގްރީނުން ފެނިގެންދިޔަ އަހްމަދު ހަސަން (އައްމަޑޭ) ފާހަގަކޮށްލެވެ އެވެ.

މާޒިޔާގެ ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފާއި، ޔަސްފާދު ހަބީބު (މުލަކޭ)އާއި މުހައްމަދު އިރުފާން (އިރޭ) އަދި ސަމޫހު އަލީ (ސަމުއްޓޭ) ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އަބްދުﷲ ޖުނައިދު (ޖޭންނޭ) ވެސް ވަނީ ސީނިއާ ޓީމަށް ސޮއިކޮށްފަ އެވެ.

މާޒިޔާ ދޫކޮށްދިޔަ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ފާއިތުވެދިޔަ ތިން ސީޒަނުގައި އެ ކްލަބުގައި ހޭދަކުރި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު އެވެ. މާޒިޔާ ދޫކޮށް އުމައިރު ގުޅިފައިވަނީ އޭނާ ކުރިން ވެސް ކުޅުނު ކްލަބެއް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ. އުމައިރު ވަނީ 2013 ވަނަ އަހަރު ނިއުއިން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އިރު، އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

comment ކޮމެންޓް