ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަ ވަނަ ފަހަރަށް މޮޑްރިޗް އަށް

މިދިޔަ އަހަރުގެ ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރެއާލް މެޑްރިޑްގެ ލޫކަ މޮޑްރިޗް--

މިދިޔަ އަހަރު ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ލޫކަ މޮޑްރިޗަށް ލިބިއްޖެއެވެ.

މޮޑްރިޗްގެ ހަ ވަނަ އެވޯޑާއެކު އޭނާާ ވަނީ އެ އެވޯޑު އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ ކްރޮއޭޝިއާގެ ކުރީގެ ފުޓްބޯޅަ ތަރި ޑާވޯ ސޫކާ އާ އަރާ ހަމަކޮށްފައެވެ.

ރެއާލް އިން މިދިޔަ އަހަރު ސްޕެނިޝް ލަލީގާ އާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކޮޕާ ޑެލްރޭގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޑްރިޗް ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މީގެ އިތުރުން މި އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައި ކޮށްދިނުމުގައި އޭނާގެ ރޯލު ވަރަށް ބޮޑެވެ.

އުމުރުން 32 އަހަރުގެ މޮޑްރިޗް ވަނީ މި ސީޒަނުގައި މިހާތަނަށް 12 މެޗު ރެއާލްއަށް ކުޅެދީފައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތައް ގެއްލުނުއިރު، ރެއާލް މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ވުރެ 14 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގައެވެ.

comment ކޮމެންޓް