ދެ މަސްވެރިން މަރުވި ލަންދޫ ދޯނި އެހެލަނީ، ފަޅުވެރިން އަދިވެސް ތިބީ ޝޮކެއްގައި

މަސްވެރިޔަކު މަހުން ލަފައިގެން މަސްތަކެއް ހިފައިގެން ދަނީ: ދެ މަސްވެރިން މަރުވި ލަންދޫ ދޯނި އެހެލަން ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ނ. ލަންދޫ "މުރިނގު-2" ދޯނީގެ ދެ މަސްވެރިންގެ ކުއްލި މަރާ ގުޅިގެން އެ ދޯނީގެ ފަޅުވެރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާތީ މަހަށް ފުރުން މެދުކަނޑާލައި ދޯނި އެހެލަން ނިންމައިފިއެވެ.

އާންމުކޮށް މަސްވެރިކަން ރަނގަޅު އެ އޮޑި، އެހެލަން ނިންމި ނިންމުމާ ގުޅޭގޮތުން އޮޑިވެރިޔާ ޚާލިދު އަބޫބަކުރު މިއަދު 'ސަން'އަށް ވިދާޅުވީ، އެގޮތަށް ނިންމީ އަދިވެސް ފަޅުވެރިންނަށް އެ ކުއްލި ޝޮކުން އަރައިގަނެވިފައިނުވާތީ ކަމަށެވެ.

"އަދިވެސް ނަފްސާނީ ގޮތުން އަސަރުކޮށްފައި ތިބީ ހުރިހާ މަސްވެރިންވެސް. ދެ މަސްވެރިންގެ މަރާއެކު މިހާރު މަހަށް ނުދާތާ ހަފްތާއެއް ވަރު ވެއްޖެ." ހާލިދު ބުންޏެވެ.

ހާލިދު ބުނީ، މިހާރު ވިސްނަނީ އޮޑި އެހެލަން ކަމަށާއި އަލުން މަސްވެރިކަމަށް ނުކުންނާނީ އޮޑީގެ އާބާތުރަ ފިލުވުމަށްފަހު ކަމަށެވެ. އަދި އެކަމަށް ހޭދަވާނެ މުއްދަތެއް ނޭނގޭ ކަމަށް ވެސް ހާލިދު ބުންޏެވެ.

"މުރިނގު-2" ދޯނިން އެންމެ ފުރަތަމަ މަރުވީ އާދަމް އިސްމާއިލް (އާދަމްބެ)، 45، އެވެ. ލަންދޫ ކައުންސިލް މެމްބަރު އަބްދުﷲ އާރިފް 'ސަން'އަށް ވިދާޅުވީ، އާދަމްބެ މަރުވީ މަސް ބާނަން ހުއްޓައި ހާލުދެރަވެ ހޮޑުލެވި ކަންކަން ދިމާވުމަށް ފަހު ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އާރިފް ވިދާޅުވީ، އާދަމްބެ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.

އެކަން އެގޮތަށް ހިނގާފައި ވަނިކޮށް އެ ދޯނީގައި އެންއުކަން އުޅޭ، އަހުމަދު ފައިސަލް، 45، ވެސް ވަނީ މިދިޔަ ހަފްތާތެރޭގައި މަރުވެފައެވެ. އޭނާ ވެސް މަރުވީ ކުއްލި މަރަކުން ކަމަށާއި މަރުވީ ހަމަ ށ. އަތޮޅު ބޮއިގައި އެންއުކަން ހުއްޓައި ކުއްލިއަކަށް ވެއްޓިގެން ކަމަށް އާރިފް ވިދާޅުވިއެވެ.

comment ކޮމެންޓް