އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އަނެއްކާވެސް ސެންޓޭ އަށް

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސެންޓޭ (ކ) އަށް ބައްސާމް (ވ) އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖެހި ޖެހިގެން ދެވަނަ އަަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ސެންޓޭއަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސެންޓޭއަކީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، އެކްލަބަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ މި ސީޒަނުގައި ނިއު އާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ސެންޓޭއާ ވާދަކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު)، އާއި ހަމަ އެ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު)، އެ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި މާޒިޔާގެ މުހައްމަދު އުމެއިރު އެވެ.

ސެންޓޭ ވަނީ މި އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައި ރަން ބޫޓު ދިފާއު ކޮށްފައެވެ. އޭނާ ވަނީ މި ސީޒަނުގައި ނިއު އަށް 24 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

comment ކޮމެންޓް