ދެވަނަ ޖުމްހޫރިއްޔާގެ ނިޒާމް ބިނާކުރުވީ ވޯރާއިންގެ ކަސްތޮޅުން ސަލާމަތްވި ދިވެހި އިގްތިސާދެވެ.

ޤައުމީ ޚިދުމަތުގައި ހަޔާތްޕުޅުގެ ދިގުމުއްދަތެއް ހޭދަކުރެއްވި ބައެއް ބޭފުޅުންނަށް ޝަރަފުވެރިކަމުގެ އިނާމު ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި އަރުވަނީ --- ސަން ފައިލްފޮޓޯ

އަޅުގަނޑާއެކު، 1903 ވަނަ އަހަރަށް ޚިޔާލީ ގޮތުން ވަޑައިގަތުމަށް، މި ކޮލަމް ތިޔަ ވިދާޅުވާ ކިޔުންތެރިޔާއަށް، ދަޢުވަތު އަރުވަމެވެ. ވަރަށް ސާފު މަންޒަރެއް ދެކެވަޑައިގަތުމަށެވެ. އެއީ 1903 ވަނަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހެވެ. ދެވަނަ ފަހަރަށް އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން ރަސްކަމަށް އިސްކުރެވުނު ދުވަހެވެ.

މިދެންނެވި ދުވަހު، ސަރުކާރު ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ހުންނެވި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، ބަނޑޭރިގެއަށް ވަޑައިގެން ބެއްލެވިއިރު، ދައުލަތުގެ އެންމެ އާދައިގެ ޚަރަދުތައް ކުރާނެ ފައިސާ، ދައުލަތުގެ ޚަޒާނާގައި ނެތްކަން އެނގިވަޑައިގަތެވެ! އެހިނދު، ޖެހިވަޑައިގަތީ، ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކޮށްގެންތިބި، ވޯރާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، "އީ.ޖީ. އާދަމް ޢަލީ ގެ ފިހާރަ ( ބޮޑުފިހާރަ) އިން، ދައުލަތް ހިންގުމަށްޓަކައި -/50،000 ރުފިޔާ، ލޭންދޭނުގެ ގޮތުގައި ނަންގަވާށެވެ.

ކިޔުންތެރިޔާގެ ހިތްޕުޅުގައި މިހާރު އުފެދިފައި އޮންނާނެ ސުވާލަކީ، މިޙާލަތަށް ދިވެހި ދައުލަތް އަންނަން ޖެހުނީ ކީއްވެތޯ އެވެ؟ ދެން އަޅުގަނޑު މި މަސައްކަތް ކުރަނީ ކިޔުންތެރިޔާގެ ސުވާލަށް ޖަވާބު އެރުވުމަށެވެ. ޤަދީމީ ޒަމާނުއްސުރެން އަމިއްލަ އިގްތިސާދެއް ބިނާކޮށް، އަމިއްލަ އުފެއްދުންތައް ބޭރަށް ވިއްކައިގެން ދިރިއުޅެމުން އައި ފުދުންތެރި ދިވެހިންނަށް މި ކުރިމަތިވީ ކޮންފަދަ ބޮޑު ކަމަކާހެއްޔެވެ؟ އަދި އެއީ ކީއްވެ؟ ކިހިނެއް؟ ކޮން ގޮތަކުން ކުރިމަތިވި ޙާލަތެއް ހެއްޔެވެ؟

މީލާދީން 1857 ވަނައަހަރު، ބިދޭސީ ވިޔަފާރިވެރިން މާލެއައިސް ފިހާރަ އަޅައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދެއްވިއެވެ. އެއީ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައެވެ. އެއީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ، ކުރެވޭ ޚަރަދު ބޮޑުވެގެންދިޔަ ދުވަސްވަރެކެވެ.

މިދުވަސްވަރު ސިފަކޮށްދެއްވަމުން އެޗް.ސީ.ޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި، އަހަރުން އަހަރަށް ދައުލަތުގެ ޚަޒާނާ ހުސްވަމުން ގޮސް، އެއްފަހަރަށްވުރެ ގިނަ ފަހަރު ޚަޒާނާ މުޅީން ހުސްވެފައި ވެއެވެ. ބިދޭސީން މާލޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ރަދުން ދެއްވީ އޭރުގެ ބޮޑުބަނޑޭރި ކިލެގެފާނުގެ މަޤާމުގައި ހުންނެވި ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ލަފާފުޅާ ޚިލާފަށެވެ. އެންމެފަހުން، ޢަލީ ރާއްޖެ ދޫކުރައްވައި ސިލޯނަށް ވަޑައިގަތެވެ.

ބިދޭސީންނަށް މި ލިބުނު ހުއްދައިގެ ނަތީޖާއަކީ، ދިވެހި ވިޔަފާރިއަށާއި ދާޚިލީ ކަންކަމަށް އެކަމުގެ ނުރަނގަޅު އަސަރުތައް ކުރާން ފެށުމެވެ. ވޯރާ ވިޔަފާރިވެރިން ފެންނަމުން ދިޔައީ، މާލޭގެ ނުފޫޒުގަދަ ޢާއިލާތަކާ ގުޅެމުންދިޔަ ތަނެވެ. މިދެންނެވި ދުވަސްވަރު ބަންޑާރަ ފިހާރައިގެ ނަމުގައި ކަސްޓަމްގެ ޚިދުމަތް ތަޢާރަފްވެ، މާލެއަށް އަންނަ ހުރިހާ މުދަލެއްގެ ބާރަ ބައިކުޅަ އެއްބައި ޑިޔުޓީގެ ގޮތުގައި ނަގަމުން ދިޔައެވެ. ބަނދަރުގައި އޮންނަ ކޮންމެ ބަނގަލާއަކުން -/40ރުފިޔާ ދައުލަތަށް ދައްކަމުންވެސް ދިޔައެވެ.

މިކަންކަން މިހެން އޮތް ނަމަވެސް ، މުސްކުޅި ބަންޑާރައިންގެ ދުވަސްވަރުން ފެށިގެން އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވާތީ، އެބައި ފޫބެއްދުމަށް ވޯރާ ވިޔަފާރިވެރިންގެ އަތުން ދަރަންޏަށް ފައިސާ ނަގަމުން ދިޔައެވެ. އަދި މި ދަރަނިތައް އައީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ. 1893މ. އާއި ހަމައަށް އައިއިރު، މުޅި ވިޔަފާރި ކޮންޓްރޯލްކޮށްގެންތިބީ ވޯރާއިންނެވެ. 1899 އާއި ހަމައަށް އައިއިރު، ދިވެހި ސަރުކާރު އޮތީ ވޯރާ ވިޔަފާރިވެރިއެއް ކަމަށްވާ ކަރީމްޖީ ކުންފުންޏަށް -/2،00000 ރުފިޔާއަށްވުރެން ބޮޑު ޢަދަދަކުން ދަރާފައެވެ. އޭރު ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓުގެ ބޮޑު ބައި އޮތީވެސް އެ ކުންފުނީގެ ކޮންޓްރޯލުގައެވެ.

ދިވެހިރާއްޖެ ދެވަނަ ޖުމްހޫރީ ނިޒާމަށް ބަދަލުވެ ދަތުރުފެށީ، އިސްވެ ދެންނެވި ހިތި ތަޖުރިބާތަކުން އަރައިގަނެ، ދިވެހިންގެ އަތްމައްޗަށް ދިވެހި ވިޔަފާރިއާ އިޤްތިސާދު ގެންނަމުންނެވެ. މިގޮތުން 1962 ވަނަ އަހަރުގެ އޮގަސްޓުމަހު، ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރިކުރުން ހުއްޓާލުމަށްފަހު، ރާއްޖެއިން ފުރުމަށް ވަޒީރުލް ޢައުޒަމް އިބްރާހިމް ނާސިރު، އެންގެވިއެވެ. އަދި ވޯރާ ވިޔަފާރިވެރިންގެ އަތުގައި ހުރިހާ ފައިސާއެއް، ސަރުކާރުގެ ބޮޑު އިސްޓޯރަށް ޖަމާކުރަންވެސް އެންގިއެވެ. މިގޮތުގެމަތިން އެމީހުންގެ ފައިސާގެ ގޮތުގައި -/3،500،000 ރުފިޔާ، ދައުލަތުގެ ޚަޒާނާގައި އެމީހުން ބެހެއްޓިއެވެ. ވޯރާއިން ބެހެއްޓި 3.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޕައުންޑުން އަނބުރާ އެމީހުންނަށް ދައްކާފައެވެ.

އަޅުގަނޑު މި ދަންނަވާލި ހެކިތަކުން އެނގިގެން މިދަނީ، ދިވެހިން 1953 ގައިވެސް، އެންމެ ފުރަތަމަ ޖުމްހޫރީ ނިޒާމުގެ ތެރެއަށް ވަދެގެން އައީ، އެފަދަ ނިޒާމެއް ހިންގޭވަރަށްވުރެ ބަލިކަށި އިގްތިސާދީ ޙާލަތެއްގައި ކަމެވެ. އަދި އެއީ ނިމެމުންދިޔަ ރަސްކަމުގެ ބާބުގެ ތެރެއިން ޖުމްހޫރީ ނިޒާމާއި ހައަށް ވާރުތަ ވަމުން އައި ދަރަންޏެއް ކަމެވެ. ހަމައެއާއެކު، އެ ތަޖުރިބާއިން އަރައިގަނެވުނީ، ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އިގްތިސާދީ ތަސައްވުރަށް ޖާގަ ހުޅުވާލި ސިޔާސަތަކުން ކަމެވެ. އަދި އެ ސިޔާސަތު 1962 ގައި ތަންފީޒުވެގެން ދިޔައިރު، ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ބޭރުކޮށް، އެމީހުންގެ ފައިސާ ބޮޑު އިސްޓޯރަށް ޖަމާކޮށް، އެ ފައިސާ އެމީހުންނަށް ދައްކައި ޚަލާސްކުރެވި، ދިވެހިންގެ ވިޔަފާރި އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެންނެވި ކަމެވެ. 1968 ގައި ދެވަނަ ޖުމްހޫރިއްޔާގެ ދަތުރުފެށީ، މިނިވަން ވިޔަފާރިއަކަށް ޖާގަ އޮތް ޤައުމެއްގައި ތިބެގެން ކަމެވެ.

މިއަދު މި ފާހަގަކުރާ ޖުމްހޫރީ ދުވަހަކީ، 1968 ގެ ނޮވެމްބަރު 11 ވަނަ ދުވަހު، ދިވެހިން ދެވަނަ ފަހަރަށް ބަލައިގަތް ޖުމްހޫރީ ނިޒާމު، މުނާސަބުވާ ނުވަތަ ރަމްޒުކޮށްދޭ ދުވަހެވެ. މި ދުވަސް 2017 ގައި ދިވެހިން ފާހަގަ ކުރަމުން ގެންދާއިރު، ފެންނާން މި އޮތް ދިވެހި ރާއްޖެއާމެދު، ޚިޔާލު ކޮށްލުން މުހިންމެވެ. މިއަދު އަޅުގަނޑުމެންގެ އިޤްތިސާދު މި އޮތް ފެންވަރަށެވެ. ދިވެހިންގެ ތަނަވަސް ކަމަށެވެ. ދައުލަތަށް މިއަދު ލިބެމުންދާ އާމްދަނީއަށެވެ. އިގްތިސާދީ ރޮނގުން ދިވެހިން ކުރިއަރާދިޔަ ގޮތަށެވެ. ދިވެހިންގެ ސިނާޢަތްތައް ތަރައްޤީވެ ދިޔަ ގޮތަށެވެ. ހަމަ އެހެންމެ އިންސާނީ ވަސީލަތް ކުރިއަރައިދިޔަ ރޮނގުން ދިވެހިން މިއަދު ތިބި ހިސާބަށެވެ.

އަޅުގަނޑުމެން މިއަދު މިތިބަ ހިސާބަކީ 2017 ގެ ނޮވެމަބަރު އެގާރައިގައި މި ގައުމުން ފެންނާން އޮތް މަންޒަރެވެ. ފަހަތަށް އެނބުރި ބަލާލަން އޮތީ ފުރަތަމަ ޖުމްހޫރިއްޔާ ތަޢާރަފުވި 1953 ނަމަ، ލޮލުން ކަރުނަ ހިލުވައެވެ. އޭރު އޮތް އިޤްތިސާދީ ޙާލަތު ހަނދުމަވެފައެވެ. 2 އޮގަސްޓް 1962 އަށް ބަލައިލުމުން، ފެންނަނީ އުންމީދީ ހުޅު ކޮޅެކެވެ. އެއީ ވޯރާއިންގެ އަތުން އިޤްތިސާދު މިނިވަންވެގެން ދިޔަ މަންޒަރުން ދިއްލޭ ހުޅުކޮޅެވެ. 11 ނޮވެމްބަރު 1968 ގެ ތާރީޚަށް ބަލާލައިފިނަމަ، ފެންނަނީ މިނިވަން ވިޔަފާރިއެއްގައި ތިބެ، ދެވަނަ ޖުމްހޫރިއްޔަތުގެ ދަތުރުފެށި އުފާވެރި މަންޒަރެވެ. މިއަދަށް ބަލައިލުމުން މި ފެންނަނީ ، ޖުމްހޫރީ ނިޒާމުގައި ތިބެ، ޙާސިލުކުރި ކާމިޔާބީތަކެވެ. ނުވަތަ ޒަމާނީ ދިވެހިރާއްޖެ އެވެ.

މިހައިތަނުން، އަޅުގަނޑަށް ކިޔުންތެރިޔާ ގޮވައިގެން ދާންޖެހެނީ، މި ކޮލަމް ލިޔަންފެށި ހިސާބަށެވެ. މި ކޮލަމްގެ ސުރުޚީއާއި ހަމައަށެވެ. " ދެވަނަ ޖުމްހޫރިއްޔާގެ ނިޒާމް ބިނާކުރުވީ، ވޯރައިންގެ ކަސްތޮޅުން ސަލާމަތްވި ދިވެހި އިގްތިސާދެވެ." ކިޔުންތެރިޔާގެ ގެ އަރިހުގައި އަޅުގަނޑަށް ދެންނެވެން އޮތީ، މިހެންނެވެ.

comment ކޮމެންޓް