ކ. އަތޮޅުގެ ޗެމްޕިއަންކަން ގާފަރަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50 ޓީމު ބައިވެރިވެފައިވެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ގާފަރު ޓީމު ހޯދައިފިއެވެ.

ގާފަރު ޓީމުން ޗެމްޕިއަންކަން ހޯދީ ރޭ، އެ އަތޮޅު ހިންމަފުއްޓާ ވާދަކޮށް 2-0ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ފެށިގެން ރަނގަޅު ކުޅުމެއް ކުޅުނީ ގާފަރު ޓީމުންނެވެ. ނަމަވެސް ހިންމަފުށީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަށް ހިންމަފުށީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގާފަރު ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސާމިން އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގާފަރު ޓީމުން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ގާފަރުގެ ނާސިހް ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ގާފަރުގެ އަލީ މާއިސް ހޮވުނު އިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގާފަރުގެ ނާސިހް އެވެ.

ގާފަރު ޓީމުން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުން މިމަހުގެ 28 ގައި އޮންނަ ޒޯން މުބާރާތަށް އެޓީމު ވަނީ ކޮލިފައިވެފައެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް