ސެލްފް ސާވިސް ހިދުމަތާ އެކު ޕިކް ޕޯސްޓްގެ ހިދުމަތް ތައާރަފުކޮށްފި

ޕިކް ޕޯސްޓް ސްޓޭޝަން ހޯމް މިނިސްޓަރު އަޒްލީން ހުޅުއްވައި ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ސެލްފްސާވިސްގެ ހިދުމަތް ފަށައި ޕިކް ޕޯސްޓް ސްޓޭޝަން މިއަދު ހުޅުވައިފި އެވެ.

މިއަދު ވެލާނާގޭގައި ޕިކް ޕޯސްޓް ސްޓޭޝަން ހުޅުވައި ދެއްވީ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ.

ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕިކް ޕޯސްޓް ހިދުމަތަކީ މޯލްޑިވްސް ޕޯސްޓްގެ ހިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ދެމި އޮތުމަށް ޓަކައި ތައާރަފުކުރި ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ.

ޕިކް ޕޯސްޓް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ދިވެހި ރާއްޖެއަކީ ބައިނަލްއަގުވާމީ އޮންލައިން މާކެޓުން ތަފާތު ވިޔަފާރިތައް ކުރަމުން އަންނަ ގައުމެއްކަމުން އެ ހިދުމަތާ އެކު އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ދިވެހިން އޮންލައިން ވިޔަފާރީގެ ވަރުގަދަ ބައިވެރިޔަކަށް ވާއިރު، އަޅުގަނޑުމެންނަށް މިފަދަ ހިދުމަތްތައް ތަރައްގީ ނުކުރެވޭ ކަމަށް ވަންޏާ ބައިނަލްއަގުވާމީ ގޮތުން ތަރައްގީވެގެން މިދާ އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމް ތަކުގައި، މިހިނގާ ވިޔަފާރިތަކުގައި އަޅުގަނޑުމެންގެ ބައިވެރިވުން ނުހިމެނޭ ކަމަށް ވަންޏާ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" އަޒްލީން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު މުހައްމަދު ވިދާޅުވީ، އަލަށް ފެށި ހިދުމަތަކީ ޕޯސްޓްގެ ޑެލިވަރީ ނިޒާމް އިތުރަށް ހަރުދަނާކޮށް ތަރައްގީކޮށް ޒަމާނީ ކުރުގެ މަސައްކަތުގެ ތެރެއިން ތައާރަފް ކުރި ސެލްފް ސާވިސް ހިދުމަތެއް ކަމަށެވެ.

ޕިކް ޕޯސްޓް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު މުހައްމަދު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަފީގު ވިދާޅުވީ، އޮންލައިން ވިޔަފާރިތައް ހަލުވި ދުވެއްޔެއްގައި އިތުރުވަމުންދާ ޒަމާނުގައި އަލަށް ތައާރަފް ކުރި އެ ހިދުމަތަކީ ބޭނުންތެރި އަދި އާންމުންނަށް ވަރަށް މުހިއްމު ވަސީލަތެއް ކަމަށެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ޕިކް ޕޯސްޓްގެ ހިދުމަތްތައް ފެށުމަށް މަސައްކާތް ކުރަމުންދާ ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ޕޯސްޓުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ޕޯސްޓްގެ ހިދުމަތްތަށް ދުވަހެއް ދުވަހަކަށް ފުޅާކޮށް ފަސޭހަކަމާ އެކު އާމުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ޝަފީގު ވިދާޅުވި އެވެ.

comment ކޮމެންޓް