މެސީއާ އަޅާކިޔުމުން އޭގެ އަސަރު ޑިބާލާއަށް ކުރާނެ: ޑާވިޑްސް

ޔުވެންޓަސްގެ ޒުވާން ފޯވަޑް ޕައުލޯ ޑިބާލާ: މިސީޒަނުގެ އިޓާލިއަން ސެރީއާގައި ވެސް ޑިބާލާ ދަނީ މޮޅު ކުޅުމެއް ދައްކަމުން --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާއި ޔުވެންޓަސްގެ ޒުވާން ފޯވަޑް ޕައުލޯ ޑިބާލާއާ އަޅާކިޔުމާ ގުޅިގެން އޭގެ އަސަރު ޑިބާލާއަށް ކުރާނެ ކަމަށް ޔުވެންޓަސް އަދި ބާސެލޯނާގެ ލެޖެންޑް އެޑްގާ ޑާވިޑްސް ބުނެފިއެވެ.

ޑިބާލާގެ ކުޅުމުގެ ވައްޓާފާޅިއާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާގެ ކުޅުމާއި މެސީގެ ކުޅުމާ ވަރަށް އެއްގޮތް ކަމަށް ބުނަމުންނެވެ. އޭގެ އިތުރުން ދެ ކުޅުންތެރިންނަކީ ވެސް އާޖެންޓީނާއަށް ނިސްބަތްވާ ކުޅުންތެރިންނަށް ވެފައި، ވައަތު ފައިން ކުޅޭ ކުޅުންތެރިންނަށް ވާތީ އެ ވާހަކަތައް ދެއްކުން ދަނީ އިތުރު ވަމުންނެވެ.

މިދިޔަ ސީޒަނެކޭ އެއްގޮތަށް މިއަހަރުގެ އިޓާލިއަން ސެރީއާގައި ވެސް ޑިބާލާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިސީޒަނުގައި މިހާތަނަށް ޑިބާލާ ވަނީ ސެރީއާގައި ޔުވެންޓަސްއަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ބާސާއާއި ޔުވެންޓަސް ބައްދަލުކުރާ މެޗުގައި މެސީއާއި ޑިބާލާގެ ކުރިމަތިލުމެއް ވެސް ފެނިގެންދާނެއެވެ.

"މެސީއާއި ޑިބާލާއާ އަޅުވާ ކިޔުމުން އޭގެ އަސަރު ޑިބާލާއަށް ކުރާނެ. އެއީ ބޭނުންވާ ގޮތް ކަމުގައި ވަންޏާ، ދެ ކުޅުންތެރިންނާ ދެމެދު އަޅާ ކިޔަމުން ދާންވީ. ޔުވެންޓަސްގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެކަމަކު ޑިބާލާ އިތުރު ޕްރެޝަރެއް ބޭނުމެއް ނުވާނެ،" ގެޒެޓާ ޑެލޯ ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި ނެދަލެންޑްސް ފުޓްބޯޅަ ލެޖެންޑް ޑާވިޑްސް ބުންޏެވެ.

ޑާވިޑްސް ބުނީ، ޑިބާލާ ކުރިއަށްދިއުމަށް އޭނާއަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި މިވަގުތު މެސީއަކީ މުޅިން ތަފާތު ލެވެލެއްގައި އުޅޭ ކުޅުންތެރިއެއް ކަމަށެވެ. އަދި މެސީ އެދަނީ ކޮންމެ އަހަރަކު ވެސް އެތައް ލަނޑެއް ކާމިޔާބުކުރަމުން ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް