އަންނަ އަހަރު މެދުތެރޭ ރާޅާއެޅުމަށް ރާޅުގަނޑު އަލުން ހުޅުވާލަނީ

ރާޅުގަނޑު ބަންދުކުރި ދުވަހު ރާޅާއަޅާ ޒުވާނުންތަކެއް އެތަން ދޫކޮށް ދަނީ: އަންނަ އަހަރުގެ މެދުތެރޭ ބުރިޖުގެ މަސައްކަތް ނިމުމުން ރާޅާއެޅުމަށް އަލުން ރާޅުގަނޑު ސަރަހައްދު ހުޅުވާލާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވޭ ---

އަންނަ އަހަރުގެ މެދުތެރޭގައި ބުރިޖުގެ މަސައްކަތް ނިމުމުން ރާޅާއެޅުމަށް ރާޅުގަނޑު ސަރަހައްދު އަލުން ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމާންތަކެއް ވަންދެން ރާޅާއެޅުމުގެ ހަރަކާތްތަކަށް ބޭނުންކުރަމުންދިޔަ ރާޅުގަނޑު ސަރަހައްދު ބަންދުކޮށްފައި ވަނީ ބުރިޖުގެ މަސައްކަތްކުރުމަށް މިދިޔަ އަހަރުގެ މާޗް މަހުގެ ކުރީކޮޅެވެ.

ރާޅާއެޅުމަށް ރާޅުގަނޑު ސަރަހައްދު ބޭނުންނުކުރެވޭ ގޮތަށް ސަރުކާރުން ނިންމުމާއެކު އޭރު ރާޅާއަޅާ ޒުވާނުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ ރާޅާއެޅުމަށް ކ. ތަނބުރުދޫ ދޫކޮށްފައެވެ. އޭގެ ފަހުން ރާޅާއެޅުމުގެ ގިނަ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ރަށުގައެވެ.

ތަނބުރުދުއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރުގެ މެދުތެރޭގައި ބުރިޖުގެ މަސައްކަތް ނިމުމުން ރާޅާއެޅުމަށް ރާޅުގަނޑު ވެސް ހުޅުވާލާނެ ކަމަށެވެ.

"ރާޅާއަޅަން ބޭނުންކުރެވުނު ރާޅުގަނޑު ސަރަހައްދުގައި ބުރިޖުގެ މަސައްކަތް ކުރަމުންދާތީ އެއީ ސޭފްތަނެއް ނޫން ކަމާއި އެކަން ހިނގައިދިޔަ ގޮތް ކުރީގެ ސޮފްހާތައް ބަލައިލުމުން އެނގިލައްވާނެ. އިރާދަކުރެއްވިއްޔާ ބުރިޖުގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ނިމިގެންދާނެ. އޭރުން އަލުން ރާޅާއަޅަން ވެސް ރާޅުގަނޑު އަލުން ހުޅުވާލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، މަޝްވަރާކުރުންތައް މީގެ ތިން މަސްކުރިން ފެށުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމާއެކު ކަމަށާއި ދަތުރުގެ އިންތިޒާމް ހަމަޖެއްސުމަށް އެމްޓީސީސީ އަދި އެހެން ކުންފުނިތަކާ ވެސް ވާހަކަދެކެވުނީ ރައީސްގެ ލަފާފުޅުގެ މަތިން ކަމަށެވެ.

މިއަދުގެ އެއްބަސްވުމާއެކު ރާޅާއަޅާ ޒުވާނުން ހަފްތާއަކު ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ތަނބުރުދުއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ތަނބުރުދުއަށް ރާޅާއެޅުމަށް ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ދަތުރުކުރަނީ ވަކި ގަޑިތަކެއްގައެވެ.

ބަންދު ދުވަސްތަކުގައި ހެނދުނު 6 ޖަހާއިރު މާލެއިން ތަނބުރުދުއަށް ފުރުމަށް ތާވަލުކޮށްފައިވާއިރު، އެނބުރި މާލެ އައުމަށް ތާވަލުކޮށްފައިވަނީ އިރުއޮއްސި 6 ޖަހާއިރެވެ. ރަސްމީ ދުވަސްތަކުގައި 1 ޖަހާއިރު މާލެއިން ތަނބުރުދުއަށް ފުރުމަށް ތާވަލުކޮށްފައިވާއިރު، އެނބުރި މާލެ އައުމަށް ތާވަލުކޮށްފައިވަނީ އިރުއޮއްސި 6 ޖަހާއިރެވެ. ކޮންމެ ދުވަހަކު ވެސް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހަ ނަންބަރު ޖެޓީއިންނެވެ.

comment ކޮމެންޓް