ބައްސާމުގެ ނަމުގައި ''ފޭކް'' ޓްވިޓަރ އެކައުންޓެއް ހިންގާތީ އެފްއޭއެމުން އެކަން ކުށްވެރިކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖުގެ ނަމުގައި ޓްވިޓަރ އެކައުންޓެއް ހިންގާތީ އެފްއޭއެމުން ވަނީ އެކަން ކުށްވެރިކޮށްފައި --

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ނަމުގައި ''ފޭކް'' ޓްވިޓަރ އެކައުންޓެއް ހަދައިގެން ފުޓްބޯޅަ އާއިލާގެ ތެރޭގައި ފިތުނައާއި ނަފްރަތު އުފައްދަން މަސައްކަތްކުރަމުން ދާކަމަށް ބުނެ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެފްއޭއެމުން ބުނީ، "މި އަމަލަކީ ބަޔަކު ރާވައިގެން ހިންގަމުން ގެންދާ، ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް،" ކަމަށެވެ. "އަދި މިކަން އެފްއޭއެމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން."

ޓްވިޓަރގައި ބައްސާމް ބޭނުންކުރައްވާ އެކައުންޓަކީ، bassam_jaleeI@ އެވެ.

ބައްސާމުގެ ނަމުގައި ބަޔަކު ހަދައިގެން ބޭނުންކުރަމުންދާ ކަމަށް އެފްއޭއެމުން ބުނާ ފޭކް އެކައުންޓަކީ، bassam_jaleel@ އެވެ.

މި ދެ އެކައުންޓުގެ ތެރޭން ބައްސާމުގެ އަސްލު އެކައުންޓުގައި "ޖަލީލް" ލިޔުމުގައި "ޖޭ.އޭ.އެލް.އީ.އީ.އައި" ބޭނުންކޮށްފައި ވާއިރު، ފޭކް އެކައުންޓުގައި ޖަލީލު، ލިޔެފައި ވަނީ، "ޖޭ.އޭ.އެލް.އީ.އީ.އެލް" އެވެ. އެގޮތުން މި ދެ އެކައުންޓް ވަރަށް ވައްތަރުކަމަށް ފާހަގަކުރެވެނީ، އަސްލު އެކައުންޓުގެ ޖަލީލް ލިޔެފައިވާއިރު އެންމެ ފަހަތުގައި އިން އަކުރަކީ "ކެޕިޓަލް އައި" އެއް ކަމަށް ވާތީއެވެ.

މީގެ އިތުރުން، ބައްސާމު ބޭނުންކުރައްވާ ޓްވިޓަރ އެކައުންޓުގައި 1400އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނަމަވެސް، ފޭކް އެކައުންޓު ކަމަށް އެފްއޭއެމުން ތުހުމަތުކުރާ އެކައުންޓުގައި ތިބީ 70 ވަރަކަށް ފޮލޯވަރުންނެވެ.

އެފްއޭއެމުން ބުނީ، އެ އެސޯސިއޭޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށާއި ދިވެހި ކުޅުންތެރީންނާއި ދިވެހި ކްލަބުތަކުގެ ފާގަތިކަމާއި މަންފާއަށް ކަމަށެވެ.

އެގޮތުން މިހާތަނަށް ދިވެހި ފުޓްބޯޅަ ގެނައުމުގައި، ބައިނަލްއަގްވާމީ، އަދި ގައުމީ ފެންވަރުގައި މަސައްކަތްކޮށް، ކާމިޔާބީތައް ހޯދައިދީފައިވާ ފަރާތްތަކުގެ އަގު އެއްވެސް ތަފާތުކުރުމެއް ނެތި ވަޒަންކުރަމުންދާނޭކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެއެވެ.

"އިސްވެ ދެންނެވުނު ފަދަ ބޭފުޅުންގެ މިންނެތް މަސައްކަތުން ދިވެހި ފުޓްބޯޅައަށް ލިބިފައިވާ ކާމިޔާބީތަކަށް އެފްއޭއެމުން ނިހާޔަތަށް ޝުކުރުވެރިވަން. އަދި މިފަދަ އެއްވެސް ބޭފުޅެއްގެ ޚިދުމަތާއި އަބުރަށް އުނިކަމެއް ލިބޭނޭފަދަ އެއްވެސް އަމަލެއް އެފްއޭއެމްގެ ވެރިއަކު، އަދި މުވައްޒަފަކުވެސް ނުކުރައްވާނޭކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" އެފްއޭއެމުން ނެރުނު ބަޔާނެއްގައި ވެއެވެ.

އެފްއޭއެމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ގައުމީ ފުޓްބޯޅަ ޓީމުގައި 17 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރުމަށްފަހު މިހާރު ރިޓަޔަރ ކޮށްފައިވާ، ގޯލްކީޕަރު މުހައްމަދު އިމްރާނަށް އެފްއޭއެމުން ދިން ސަސްޕެންޝަނަކާ ގުޅިގެން ޚިޔާލުތަފާތުވުންތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މާލޭ ލީގުގައި ނިއުރޭޑިއަންޓާއި އީގަލްސް ކުޅުނު މެޗަކަށް ފަހު ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން އެފްއޭއެމުން ވަނީ، އެ ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް އެ އެސޯސިއޭޝަނަށް ފާހަގަކުރެވިފައިވާ ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅައިފައެވެ. އޭގެ ތެރޭގައި ނިއުގެ ކެޕްޓަން އަދި ތަޖްރިބާކާރު ގޯލް ކީޕަރު އިމްރާނުވެސް ހިމެނެއެވެ.

comment ކޮމެންޓް