މިފްކޯ އިން 200 ވަޒީފާއަށް ހުޅުވާލައިފި

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ދިވެހިންގެ ކުންފުނި، މިފްކޯއިން ދިވެހިންނަށް 200 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިފްކޯ އިން ބުނި ގޮތުގައި އެއީ ދުނިޔޭގެ ބާޒާރުގައި އެކުންފުނީގެ އުފެއްދުންތަކުގެ އިތުބާރު ބޮޑުކޮށް، ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ދެމެެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ހޯދައި ދިނުމަށް ޓަކައި އެކުންފުނިން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އެކުންފުނިން ދިވެހިންނަށް އަމާޒުކޮށް ހުޅުވާލާ ފުރުސަތުތަކެކެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ މިފްކޯ އިން ބުނީ ބައިނަލްއަގުވާމީ އެންމެ މަތީ ފެންވަރުގެ މާކެޓުތަކާއި ބްރޭންޑުތަކަށް މަސް ސަޕްލައި ކުރުމަށް ޓަކައި ވަކި މިންގަނޑުތަކަކަށް ފެތޭތޯ ބެލުމަށް ކުރި އޯޑިޓްއިން ފެލިވަރު ފާސްވެފައިވާ ކަމަށެވެ. އަދި އެއާ އެކު އޮޑިޓް ކުރި ކުންފުނިން މިހާރު ވަނީ ފެލިވަރުގެ އުފެއްދުންތެރިކަން ދެގުނަކޮށް ބައިނަލްއަގުވާމީ ބްރޭންޑުތައް ތައާރަފް ކުރުމުގެ މަސައްކަތް ވެސް ފަށައިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

ބޭރުގެ ފަރާތްތަކުން ކުރާ އެފަދަ އޮޑިޓްތަކަކީ ރާއްޖޭގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އަދި އެފަދަ އޮޑިޓްތަކުގެ ތެރެއިން ރާއްޖޭގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތަކަކީ ތިމާވެއްޓާ ރައްޓެހި، ދޮށީގެ މަސްވެރިކަމުން ބަންދު ކުރެވޭ ތަކެތިތޯ ބެލުމުގެ އިތުރުން މާކެޓުތައް ތިމާވެއްޓާ ރައްޓެހި ގޮތަށް ބާނާ މަހަށް ހޭލުންތެރި ކުރުވުމާއި މަސް ބަންދުކުރާ ކޮލިޓީ ދަނެގަތުމުގެ އިތުރުން އެ ފަރާތްތަކުން ބޭނުންވާ މިންވަރަށް ސަޕްލައި ކެޕޭސިޓީ ހުރިތޯ ބަލަ އެވެ.

މީގެ ކުރިން އަދްލީ ވިދާޅުވެފައި ވަނީ އޮޑިޓް ނިމުމަށް ފަހު ވަޒީފާއަށް ހުޅުވާލާނެ ކަމަށެވެ. އެ އޮޑިޓް އިއްޔެ ނިމުމާ އެކު ފެލިވަރުގެ ވަޒީފާއަށް ހުޅުވާލީ މިއަދު އެވެ.

އެ އޮޑިޓް ނިމުމާ އެކު ސަޕްލައިި ކުރުމަށް އިތުރު އޯޑަރުތަކެއް ވެސް ލިބިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

comment ކޮމެންޓް