ރާއްޖެ އަތްދަށުލުމުގެ ވިސްނުމާއި ރޭވުން!

ސިފައިންގެ ބޭކަލަކު ޑިއުޓީގައި-- ސަން ފައިލް ފޮޓޯ

އެއީ މީގެ 58 އަހަރު ކުރި އެވެ. އިނގިރޭސީންނަށް ރާއްޖެ އިން ބިމެއް ދިނުމަށް އެއްބަސްނުވުމާ އެކު ރާއްޖެ ބައިބައި ކުރަން މަސައްކަތް ފެށި އެވެ. ދެކުނުގެ ތިން އަތޮޅު އެކުވެގެން ވަކި ދައުލަތެއް އިއުލާން ކުރި އެވެ. އެއީ "ޔުނައިޓެޑް ސުވެޑީބު އައިލެންޑްސް" އުފެއްދުމެވެ. އިނގިރޭސީން އަޑީގައި ތިބެ ދިވެހިން ލައްވައި އެކަން ކުރުވީ ރާއްޖެ އެމީހުންގެ ބާރުގެ ދަަށަށް ގެންދިއުމަށެވެ.

ކަނޑި، ބަޑި ހަނގުރާމަތަކަށް ވުރެ ފިކްރީ ގޮތުން ގައުމުތަކަށް އަރައިގަތުމުގެ ވިސްނުން ގެންގުޅޭ ޒަމާނުގައި އަދި ވެސް އެބިރުވެރިކަން އެބައޮތެވެ. ރާއްޖެ އާ 8،700 ކިލޯ މީޓަރު ދުރުގައި އޮންނަ އިނގިރޭސީން ރާއްޖެއަށް އެގޮތަށް ވެރިވާން އުޅުނު އިރު ރާއްޖެއާ ގާތުން ވެސް އެބިރު ފެންނަތާ އެތައް ޒަމާނެއްވެއްޖެ އެވެ.

ސުވައިދީބް އުފެއްދުމުގައި އިސްކޮށް އުޅުނު ދިވެހިންނާއި އިނގިރޭސީން ---

އަވައްޓެރި ގައުމެއްގައި 1925ގައި އުފެދިފައިވާ ޖަމާއަތެއްގެ ބިރު ބޮޑެވެ. އެ ޖަމާއަތުގެ މަގުސަދާއި އަމަލުތަކަށް ބަލާ އިރު އަދި ބޭނުންކުރާ ޗާޓަށް ބަލާ އިރު މުޅި ސަރަހައްދު ބާރުގެ ދަށަށް ގެނައުން ހިމެނެ އެވެ. މިއަދު ވެރިކަމުގެ ބާރާ އެކު އެ ޖަމާއަތުގެ ބާރު ވަރަށް ވެސް ގަދަ އެވެ. އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފައި މީގެ ކުރިން އެގޮތުގެ މަތިން 1963ގައި މިސަރަހައްދުގެ ކުޑަ ގައުމެއް ވެސް ވަނީ އެގައުމުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގައުމީ ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފަދަ ފަރާތްތަކުގެ ޓާގެޓަށް ރާއްޖެ އަރަ އެވެ. ދިވެހިން މެދުވެރިކޮށް އެފަދަ ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި މިއުޅެނީ ދެ ބައެއް، އެއް ބައެއްގެ މަގުސަދަކީ އިކޮނޮމިކަލީ ކޮންޓުރޯލް ކުރުން، ދެން އަނެއް ގައުމު ބޭނުމަކީ އެމީހުންގެ ގައުމަކަށް ހެދުން. ސަރަހައްދުގައި ބާރުގަދަ ކުރުން، އެމީހުންގެ ކޮންޓުރޯލްނެގުން، އެ ޖަމާއަތުގެ ވެރިން އެބަހުރި ވާހަކަ ދައްކާފައި ދެޖަރުމަނު އެއްވި ގޮތަށް އެއް ނުވެވޭންވީ ސަބަބެއް ކޮބާހޭ ވެސް. މިއީ އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ ދެކެ ރުޅި އަންނަ ކޮންމެ ފަހަރަކު މިއީ ޓެރަރިސްޓުން އުޅޭ ގައުމެއްކަން ހާމަކޮށް ހަގީގަތާ ހިލާފް މައުލޫމާތުތަކާ އެކު އެތައް ރިޕޯޓެއް އެގައުމުގެ ނޫސްތަކުން ޝާއިއުކުރުމަކީ ވެސް ހިނގަމުން އަންނަ ކަމެކެވެ. ހާއްސަކޮށް ދިވެހިން ލައްވައި އެވާހަކަ ދެއްކުމަށް މަސައްކަތް ކުރެ އެވެ.

ސަލާމަތީ ބާރުގެ އިސް އޮފިޝަލް ވިދާޅުވީ ދިވެހިންނަށް އެކިއެކި ފުރުސަތު ދީގެން ދިވެހިން ގާތް ކުރުމަކީ ދުރާލާ ރާވައިގެން ހިންގާ ކަންކަން ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ތެރެއިން އެޖެންޓުން އުފެއްދުމުގެ ފުރުސަތު ބޮޑެވެ.

ސިޔާސީ ގޮތުން ފުރުސަތު ލިބޭ!

ސިޔާސީ ކޮންމެ ހިތްހަމަނުޖެހުމަކާ އެކު ބޭރުގެ ފަރާތަކަށް ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމަށް ފުރުސަތު ދިނުމަކީ މިއަދު ސިޔާސީ މަސްރަހުގައި އާންމުކަމެކެވެ. ދިވެހިން އިސްވެ ތިބެ ރާއްޖެ އަށް ޓޫރިސްޓުން ނައުމަށާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ގޮވާލަ އެވެ. އަދި ރާއްޖެއަކީ ބިރުވެރި ނާންމާން ތަނެއްކަން ދަށްކަން ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރެ އެވެ. ދުނިޔެ ދައްކާ ހަގީގަތަކީ މިއީ އަޅުވެތިވުމަށް މަގުފަހިވާ ވައްތަރެއްގެ ގޮތަށެވެ.

ދުނިޔޭގެ އެހެން ގައުމުތައް އަޅުވެތިކޮށްފައިވާ ގޮތްތައް ދިރާސާ ކުރާއިރު ވެސް ފެންނަ އެންމެ ބޮޑު މަންޒަރަކީ އެ ގައުމުގެ ތެރެއިން ބައެއް ހައްލާލުމެވެ. އިރާގަށް އެމެރިކާ އިން އެރުމަށް ސައްދާމް ހުސެއިން އާ ދޭތެރޭ އެގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދި އެވެ. ހަމަ އެގޮތަށް ޕާކިސްތާނާއި އަފްގާނިސްތާނަށް ބަލާ އިރު ވެސް އެގައުމުތަކަށް ވެރިވެގަތުމަށް އެކިއެކި ޖަމާތްޖަމާތް ހަދައިގެން ރައްޔިތުންނާއި ރައްޔިތުން ލައްވައި ހަނގުރާމަ ކުރުމަކީ އަޑީގައިތިބި އެ ގައުމަށް ދަހިވެތިވެފައިވާ ބައެއްގެ ރޭވުންތައްކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ތާރީހު ވެސް ހެކިދޭ!

މިހާތަނަށް ދިވެހި ރާއްޖެ އަޅުވެތިވި ކޮންމެ ފަހަރަކު އެކަމުގައި ދިވެހިންގެ ބައިވެރިވުންހިމެނެ އެވެ. ދިވެހި ތާރީހު ދިރާސާ ކުރައްވާ އަދި ތާރީހީ ލިޔުންތައް ލިޔުއްވާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވި ގޮތުގައި ދިވެހި ތާރީހުގައި ރާއްޖޭގެ މައްޗަށް ބޭރުގެ މީހުން އަތްގަދަ ކުރާއިރު "ގޮނޑި ކޮއްކޮ" ހައްދައިގެން ދިވެހިންތަކަކަށް ވެރިކަން ހޯދައިދީފައިވާ ކަމަށެވެ.

ޔޫއެންގައި ރާއްޖޭގެ ރުހުމަކީ ބޭނުންވާ ކަމަކަށްވާ އިރު ބާރުގަދަ ގައުމުތަކުން މިހާރު ވެސް ރާއްޖެއަށް ނުފޫޒްތައް ފޯރުވާކަމަށް ސަލީމް ވިދާޅުވި އެވެ.

ކޮންމެ އަކަސް ތާރީހު ހެކި ދޭގޮތުން ވެސް އަދި ރާއްޖޭގެ ސިޔާސީ ހާލަތު އޮތްގޮތުން ވެސް ބިރުވެރިކަން ބޮޑެވެ. ގައުމަށް ދަހިވެތިވާ ފަރާތްތަކުން ތިބީ އެތައް ގޮތަކުން އެ މަސައްކަތްކޮށްކޮށެވެ. ގައުމީ ރޫހު އާލާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް ކުރަންޖެހެ އެވެ. އަވައްޓެރި ގައުމުތަކެކޭ އެއްފަދައިން ގައުމީ ރޫހް އާލާކޮށް އަޅުވެތިކަމުގެ މޮޔަވިސްނުމުން ދުރުވާން ޖެހެ އެވެ.

comment ކޮމެންޓް