ޕޯސްޓް މެދުވެރިކޮށް އެލައިޑުގެ ޚިދުމަތް މުޅި ރާއްޖެއަށް!

ނޮވެމްބަރު 27، 2016: ރައީސް ޔާމީން ސަރުކާރަށް ތިން އަހަރު ފާހަގަކުރުމުގެ ގޮތުން އެލައިޑް އިންޝޫރެންސް ކޮމްޕެނީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެލައިޑް އިންޝުއަރެންސްގެ ޚިދުމަތް ފުޅާ ކުރުމަށް ޓަކައި މޯލްޑިވްސް ޕޯސްޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ބެއްވި އެލައިޑުގެ ޚާއްސަ ހަފްލާގައި ސޮއި ކުރެވުނު މި އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގެވެ.

އެ ދެ ކުންފުނީގެ މެދުގައި ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރަށްތަކުގައި ހުންނަ ޕޯސްޓް އޮފީސްތަކުގެ ކައުންޓަރުތަކުން އެލައިޑް އިންޝުއަރެންސުން ދެމުން އަންނަ މޮޓޯ އިންޝުރެންސް އާ ކުރުމުގެ ޚިދުމަތާއި މޮޓޯ އިންޝުއަރެންސް އަލަށް ނެންގެވުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެ އެވެ.

އެލައިޑުން ބުނީ ކައިރި މުސްތަގުބަލެއްގައި އިތުރު އިންޝުރެންސް ޕްލޭންތައް ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އެސްޓީއޯގެ ދަށުން ހިންގާ، ރާއްޖޭގެ މައި އިންޝޫރެންސް ކުންފުނިން ވަނީ ފާއިތުވި ތިން އަހަރު ދުވަސްތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން ގިނަ ޕްރޮޑަކްޓްތަކެއް އުފައްދައި ދިވެހިންގެ މެދުގައި އެކުންފުނިން ވަނީ އިތުބާރު ހޯދައިފަ އެވެ.

މިދިޔަ ތިން އަހަރު ތެރޭ އެލައިޑުން ވަނީ ތަފާތު ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ބޮންޑް އިންޝުއަރެންސާއި ރާއްޖޭގެ އެންމެ ފުޅާ ހެލްތު އިންޝުއަރެންސް ޕެކޭޖު ކަމަށްވާ ސިލެކްޓް ގޯލްޑާއި ރާއްޖެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިންބައުންޑް ޓްރެވަލް އިންޝުއަރެންސުގެ އިތުރުން، އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް ހިމެނެ އެވެ.

comment ކޮމެންޓް