ދުނިޔޭގެ އެންމެ ދުވަސްވީ ތިން ކުނބުލީ ނައު ރާއްޖޭގައި

ދުނިޔޭގެ އެންމެ ދުވަސްވީ ތިން ކުނބުލީ ނައު "ދަ ޕާލް އޮފް ނޯވޭ" ރާއްޖޭގައި އަޅާފައި --- ސަން ފޮޓޯ: މުހައްމަދު ހާޝިމް

ދުނިޔޭގައި މިހާރު އޮތް އެންމެ ދުވަސްވީ ތިން ކުނބުލީ ނައު މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެ ނައު ރާއްޖެ އައިސްފައި މިވަނީ ސްރީލަންކާގެ ކޮލަންބޯ ބަނދަރުންނެވެ.

ދެ އަހަރުގެ ތެރޭގައި ދުނިޔެ ވަށާޖެހުމުގެ ދަތުރެއް ފަށާފައިވާ ނޯވޭގެ، "އެސްއެސް ސޯލަންގަ" ނުވަތަ "ދަ ޕާލް އޮފް ނޯވޭ" ރާއްޖެ އައިސް، ބަނދަރު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެވެ. ރާއްޖޭގައި އެ ނައު މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮތުމަށްފަހު ދެން ފުރާނީ މޮރިޝަސްއަށެވެ.

ނޯވޭގައި އޮންނަ އެންމެ ދުވަސްވީ، ބޮޑު ތިން ރިޔާނެގި ބޯޓުތަކުގެ ތެރޭގައި ހިމެނޭ އެ ނައު ދެ އަހަރުގެ ތެރޭގައި ދުނިޔެ ވަށާ ޖެހުމަށް ފަށާފައިވާ ދަތުރުގައި ޖުމްލަ 44 ޕޯޓަކަށާއި 22 ގައުމަކަށް ދާން ވަނީ ނިންމާފައެވެ.

އެގޮތުން، މިއަހަރާ އަންނަ އަހަރުގެ ތެރޭގައި އޭޝިއާގެ ގައުމުތަކުގެ ތެރޭން ސްރީ ލަންކާ އަދި ރާއްޖޭގެ އިތުރުން ހޮންގް ކޮންގް، ވިއެޓްނާމް، ބުރުނާއީ، އިންޑޮނޭޝިއާ އަދި މޮރިޝަސް ހިމެނެ އެވެ.

ނޯވޭގެ ހުޅަނގު އައްސޭރި ފަށުގައި އޮންނަ ސިޓީއެއްގައި 1927 ވަނަ އަހަރު ބަނދެފައިވާ، ތިން ކުނބު (ރިޔާ ނެގުމުގެ ބޭނުމުގައި ފުރާދުއްވާ ތަކެތީގެ މެދުތެރޭގައި ޖަހައިފައި ހުންނަ ދިގުދަނޑި) އާއި 27 ރިޔަލުގެ "ޕާލް އޮފް ނޯވޭ" ނައު ދުނިޔޭގެ އެކި ކަނޑުތަކުގައި ދަތުރުކުރާތާ މިހާރު 90 އަހަރާ ވަނީ ގާތްވެފައެވެ. އަދި އެއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަލެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައިވާ ނަވެކެވެ.

ނަމަވެސް އޭތި މިހާރު ބޭނުންކުރަނީ ދަރިވަރުންނާއި ކެޑޭޓުން ތަމްރީންކުރާ ބޯޓެއްގެ ގޮތުގައެވެ. އެގޮތުން، އެ ނައު ފަށާފައިވާ ދަތުރުގައި ވެސް އޭގެ އެތެރޭގައި ހަދާފައިވާ ބޯޑިން ސްކޫލުގައި ނޯވޭ އަދި ދުނިޔޭގެ އެކި ގައުމުތަކުގެ 70 ދަރިވަރުން ދަތުރުކުރަމުންދެ އެވެ.

ނައު ރާއްޖެ ގެނައި އެޖެންޓް ގޯ މޯލްޑިވްސްގެ އޮފިޝަލަކު މިރޭ ސަންއަށް ވިދާޅުވީ، އެ ނައުއަށް މިމަހުގެ ހަ ވަނަ ދުވަހު ސީއެޗްއެސްސީގެ ދަރިވަރުން ވިޒިޓްކޮށް އޭގައި ތިބި ދަރިވަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް