މަރުގެ އަދަބު ދޭން އެކުލަވާލި ގަވާއިދުގެ ބައެއް ބާތިލުކޮށްދިނުމަށް އެދި އެމްޑީއެންއިން ކޯޓަށް

ދިވެހިރާއްޖޭގެ ހައިކޯޓު: މަރުގެ އަދަބު ދޭން އެކުލަވާލި ގަވާއިދުގެ ބައެއް ބާތިލުކޮށްދިނުމަށް އެދި އެމްޑީއެންއިން ވަނީ ހައިކޯޓަށް ހުށަހަޅާފައި -- ސަން ފައިލް ފޮޓޯ

ާގަސްތުގައި މީހަކު މެރުމުގެ ކުށް ތަހްގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމްލުކުރަންވީ ގޮތުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލުކޮށްދިނުމަށް އެދި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެމްޑީއެން އިން ބާތިލުކޮށްދިނުމަށް އެދިފައިވަނީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ގަވާއިދުގެ އަށްވަނަ މާއްދާއިން 17 ވަަނަ މާއްދާއަށްކަން ވަނީ އެނގިފަ އެވެ. އެމާއްދާތައް ބާތިލުކޮށްދިނުމަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް، ޤާނޫނުއަސާސީގެ ދެ ވަނަ ބާބުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްގެއް އުނިކުރާ ގަވާއިދަކަށްވާތީ ކަމަށް ބުނެ އެވެ.

ާގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ "މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރު ކޮށްދޭ" ކަމަށާއި "އަދި މިއިން އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތައާރުޟުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން" ކަމަށެވެ.

އަދި މައްސަލާގައި ވަކިގޮތެއް ނިމެންދެން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެމްޑީއެންއިން ވަނީ އެދިފަ އެވެ.

މިއަދު ހައިކޯޓަށް ހުށަހެޅި އެމައްސަލަ ބަލައިގަތުމާއިމެދު ހައިކޯޓުން އަދި ވެކިގޮތެއް ނިންމާފަ އެއް ނުވެ އެވެ. އެނގިފައިވާގޮތުން މަރުގެ އަދަބު ތަންފީޒު ކުރުމާއި ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ކުރަމުންނެވެ. ނަމަވެސް އެކަން އޮތް ހިސާބެއް ނޭންގެ އެވެ.

ދެހާސް ސާދަވަނަ އަހަރު އޭޕްރީލް 27 ވަނަ ދުވަހު ގެޒެޓްކުރެވުނު "ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހްގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމްލުކުރަންވީ ގޮތުގެ ގަވާއިދު" ގައިވާގޮތުން މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. ނަމަވެސް އެ ގަވާއިދު އިއްޔެ އިސްލާހުކޮށްފައިވަނީ ދަންޖައްސައުގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރެވޭ ގޮތަށެވެ.

ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު އެމަގާމުގައި ހުންނެވިއިރު ވިދާޅުވެފައި ވަނީ ދަންޖައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ގަވާއިދުގައިވާ ގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ކަށަވަރުކުރާތާ 30 ދުވަސްތެރޭގައި ދަންޖައްސައިގެން މަރަން ޖެހޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ގަވާއިދު މިހާތަނަށް އަދި ގެޒެޓުކޮށްފައެއް ނުވެ އެވެ.

މީހަކު މަރާލިކަން ކަށަވަރުކޮށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން މީހަކު މެރުމަށް ކޮށްފައިވާ ހުކުމަކީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ކޮށްފައިވާ ހުކުމެވެ. ޑރ. އަފްރާޝީމް އަލީގެ ވާރިސުން އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ ހުމާމަށް މަރުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދޭ ކަމަށެވެ.

ހުމާމުގެ އިތުރުން ފަހު މަރުހަލާގައި ހުކުމާ ހަމާގައި އޮތް މައްސަލަތަކުގެ ތެރޭގައި ގާނޫނީ ވަކީލު ނަޖީބު މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ މ. މަސްރޫރާ އަހުމަދު މުއްރަތުގެ މައްސަލައާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ގ. ރީފް މުހައްމަދު ނަބީލުގެ މައްސަލަ ހިމެނެ އެވެ. ބެލެވޭ ގޮތުން އެދެ މައްސަލަ ވެސް މިހަފްތާ ސުޕްރީމް ކޯޓުން ނިންމާނެ އެވެ.

comment ކޮމެންޓް