"ސާބަސް ޔަންމާ" ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްފި

މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ހަލީމް އަދި ޗެއާމަން ސާލިމް "ސާބަސް ޔަންމާ" ޕްރޮމޯޝަން ލޯންޗްކޮށްދެއްވަނީ ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމްޓީސީސީގެ ފަރާތުން ޔަންމާ އިންޖީނަށް ހާއްސަކޮށް ހިންގަމުން އަންނަ "ސާބަސް ޔަންމާ" ޕްރޮމޯޝަން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އާޓިފިޝަލް ބީޗްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމާއި އެކުންފުނީގެ ޗެއާމަން ހުސައިން ސާލިމެވެ.

ޕްރޮމޯޝަނާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އެ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އިންޖީނު ބައްލަވައިގަތުމަށް 10 ޕަސެންޓް ޑިޕޮސިޓް ފީ ދައްކާ ފަރާތްތަކަށް 100،000 އާއި 200،000 އާއި ދެމެދުގެ އަގުހުރި ސާމާނު ލިބޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"އިންޖީނެއް ބައްލަވާލައްވައިފިނަމަ އެޔާ އެކީގަ އެބަލިބޭ އަޅުގަނޑުމެން މި ވިއްކާ މަރޯލް ސްޓީރިން ސިސްޓަމާ ފިޝް ފައިންޑާ ސިސްޓަމާ ޖީޕީއެސްއާ އަދި ކާސްޓްރޯލް އަޑީތެލުގެ ޕްރޮޑަކްޓްސްތަކެއް. މި އެއްޗެހީގެ އަގުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 200،000 އަށް،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެ ތަކެތި ލިބުމުން އިންޖީނެއް ގަންނަ ފަރާތަކަށް އޮޑީގައި ބޭނުންވާ ތަކެތި ފުރިހަމަ ކުރުމަށް ސާބަސް ޔަންމާ ޕްރޮމޯޝަންގެ ދަށުން ރަނުގެ ފުރުސަތެއް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އިންޖީނު ގަތުމަށް 10 ޕަސެންޓް ޑިޕޮސިޓް ފީ ދައްކައި، މިއަހަރު ނިމުމުގެ ކުރިން އިންޖީނު ގަންނަ ފަރަތްތަކަށް ވެސް އެތަކެތި ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް އެމްޓީސީސީން ބުންޏެވެ. އެ ޕްރޮމޯޝަންގެ ދަށުން 78 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 829 ހޯސްޕަވަރާ ދެމެދުގެ ޔަންމާ އިންޖީނު އެ ކުންފުނިން ވިއްކާނެ އެވެ.

ހަލީމް ވިދާޅުވީ ޕްރޮމޯޝަންގެ ތެރެއިން ހިލޭ ދޫކުރާ ތަކެތީގެ އަގު ގާތްގަނޑަކަށް 7.5 ނުވަތަ އަށް މިލިއަނާ ގާތްކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން ސާލިމް ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން ސާލިމް ވިދާޅުވީ، އޮޑިވެރިން އިތުރަށް ކުރިއަރުވައި ވީހާވެސް ލުއިފަސޭހަ ގޮތަކަށް އިންޖީނުފަދަ ތަކެތި ލިބޭނެގޮތެއް އޮޑިވެރިންނަށް ހަދައިދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޔަންމާ އިންޖީނު ރާއްޖޭގެ މަސްވެރިންގެ ހިތްތައް "ފަތަހަ" ކޮށްފައިވާ ކަމަށާއި މަސްވެރިންގެ އުންމީދަކީ އެމްޓީސީސީން ވިއްކާ ޔަންމާ އިންޖީނުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާބަސް ޔަންމާ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި ކުންފުނީގެ މުވައްޒަފުން ބައިވެރިވި އެވެ.

comment ކޮމެންޓް