އިސްލާމިކް ޔުނިވާސިޓީގެ ވެބްސައިޓު އިފްތިތާހުކޮށް، ލައިބްރަރީ އަލުން ހުޅުވައިފި

އެޑިއުކޭޝަން މިނިސްޓަރު، އިސްލާމިކު ޔުނިވާސިޓީގެ ލައިބްރަރީ ހުޅުއްވައި ދެއްވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ވެބްސައިޓު އިފްތިތާހުކޮށް އެ ޔުނިވާސިޓީގެ ލައިބްރަރީ އަލުން ހުޅުވައިފި އެވެ.

މިއަދު އައިޔޫއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ވެބްސައިޓު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. އަދި އެ ޔުނިވާސިޓީގެ ލައިބްރެރީ އަލުން ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ވެބްސައިޓު އިފްތިތާހުކޮށް، ލައިބްރަރީ އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒު މޫސާ

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ސެންޓަރެއް ހުޅުވި ނަމަވެސް އެ ސެންޓަރަށް ބޭނުންވާ ތަމްރީނު ލިބިފައި ތިބި މުވައްޒަފުން ވަރަށް މަދު ކަމަށެވެ.

"ކުރިއަށް އޮތްތާނގައި އަޅުގަނޑު އެދޭ ކަމެއް އިސްލާމިކް ފައިނޭންސް ސެންޓަރަށް ބޭނުންވާ ހުނަރުވެރި ދިވެހިން ތައްޔާރު ކުރުން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މެލޭޝިއާގެ އިސްލާމިކް ފައިނޭންސް ކަންތައްތަކާ ބެހޭ ތަމްރީނުތައް ފޯރުކޮށްދޭ އިންސްޓިޓިއުޝަނަކުންވެސް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

"އެހެންވީމާ މިއީ އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅާކަމެއް، އިސްލާމިކު ޔުނިވާސިޓީ އިން އިސްލާމިކް ފައިނޭންސް އާ ބެހޭ ތަމްރީނުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ދެއްވައި ރަނގަޅު ފެންވަރުގެ މުވައްޒަފުންތަކެއް މިތަނުން ތަމްރީނު ވެގެން ދިއުން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެެ.

އިސްލާމިކް ޔުނިވާސިޓީގެ ވެބްސައިޓު އިފްތިތާހުކޮށް، ލައިބްރަރީ އަލުން ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު ވެބްސައިޓު، ދިރާސާތައް ހެދުމަށްވެސް ބޭނުން ކުރަން ޖެހޭނެ ކަމަށާއި މިހާރުވެސް ރާއްޖޭގައި ބޮޑު ދިރާސާއެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވާތީ. ޓޫރިޒަމް ދާއިރާގައި ކިހިނެއްތޯ އިސްލާމިކު ފައިނޭންސް ބޭނުން ކުރާނީ. މިއީ ވަރަށް ބޮޑު ރިސާޗެއް ހަދަން ވެފައި އޮތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ވެބްސައިޓު އިފްތިތާހުކޮށް، ލައިބްރަރީ އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ޗާންސަލާ ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ، އެ ޔުނިވާސިޓީން ދިރާސާތައް ހަދަން ޖެހިފައިވާ ވަރަށް މުހިއްމު ދާއިރާތަކެއް އެބަހުރި ކަމަށެވެ.

ހަމައެއާއެކު، ލައިބްރަރީ އަކީ ޔުނިވާސިޓީގެ އެންމެ މުހިއްމު ރުކުން ކަމަށާއި ގައުމުގެވެސް މައުލޫމާތުގެ އެންމެ މުހިއްމު ހަރުފަތަކީ ލައިބްރަރީ ކަމަށް ޗާންސަލާ ވިދާޅުވި އެވެ.

ހަމައެހެންމެ، ރާއްޖޭގައި ލައިބްރަރީއަށް ދެވިފައިވާ ގަދަރާއި، ލައިބްރަރީ މުވައްޒަފުންގެ ފެންވަރާއި ދަރަޖަ ވެސް ކުރިއަރަން ޖެހޭނެ ކަމަށްވެސް ޗާންސަލާ ވިދާޅުވި އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ލައިބްރަރީ ޒަމާނީ ކުރުމަށްފަހު މިއަދު އަލުން ހުޅުވި އިރު، އެ ލައިބްރަރީން ދިރާސާ ކުރުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިތަކެއް ހިމަނާފައި ވެއެވެ. ހަމައެއާއެކު، އިންޓަނެޓާއި، ފޮޓޯކޮޕީ އަދި އެއްވަގުތެއްގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ލައިބްރަރީން ހިދުމަތް ލިބޭނެ ކަމަށް އައިޔޫއެމް އިން ބުނެ އެވެ.

comment ކޮމެންޓް