މަސައްކަތް ހަރުދަނާ ކުރެވިއްޖެ ނަމަ ޑެންގީން ރައްކާތެރި ވެވޭނެ: ހެލްތު

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މަސައްކަތްތައް ހަރުދަނާ ކުރެވިއްޖެ ނަމަ، މި އަހަރުތެރޭގައި ޑެންގީޖެހިގެން މީހަކު މަރުނުވެ ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސިއްހީ އިދާރާތަކުން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވީ ނޫސްވެތިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވީ، މިއަހަރު މިހާތަނަށް ޑެންގީ ޖެހިގެން މީހަކު މަރުވެފައެއްނުވާ ކަމަށާއި އެހެންކަމުން ޑެންގީގައި މި އަހަރު މީހަކު މަރުނުވެ ކުރިއަށްދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިއްޖެއްޔާމު މި އަހަރު ޑެންގީގައި އެއްވެސް މީހަކު މަރުނުވެ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާމު ކުރިއަށްގެންދެވޭނެ." ނިޝާން ވިދާޅުވި އެވެ.

ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން -- ސަން ފޮޓޯ : ޔޫސުފް ސޮފްވާން

އޭނާ ވިދާޅުވީ މިހާތަނަށް ޑެންގީގެ 464 ކޭސް ހުށައަޅާފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެމުއްދަތަށް ވުރެ އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް މި އަހަރު ހުށައެޅި ކޭސްތަކުގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް ވިދާޅުވި އެވެ. އޭގެތެރެއިން 67 ޕަސެންޓް ކޭސް ހުށައަޅާފައި ވަނީ އަތޮޅުތެރެއިންނެވެ.

މާލެއާއި ހުޅުމާލޭގައި ޑެންގީ އިތުރުއިރު ކ. ކާށިދޫ އާއި ހއ. އިހަވަންދޫގައި ވެސް ޑެންގީ އިތުރުކަމަށް ރިޕޯޓްތަކުން ދައްކަ އެވެ.

މިދިޔަ އަހަރަކީ ޑެންގީގެ އައުޓް ބްރޭކް ކަމަށްވާއިރު މިދިޔަ އަހަރު ވަނީ 1800 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.

ނިޝާން ވިދާޅުވީ އާންމުކޮށް ޑެންގީ ޖެހުން އިތުރުވަނީ ޖޫން، ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެހެންކަމުން ކުރިއާލާ ފިޔަވަޅުތައް އެޅިއްޖެ ނަމަ ޑެންގީ ކޮންޓުރޯލް ކުރެވޭނެ ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޑެންގީ ކޮންޓުރޯލް ކުރުމަށް ޓަކައި މަދިރި ނައްތާލުމަށް ޓަކައި މުޅި ރާއްޖެ އަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާ އެކު ބައްޔަށް އާންމުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދެމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑެންގީ އިން ސަލާމަތްވުމަށް ފަރުދީ ޒިންމާނަގަން ޖެހޭ ކަމަށާއި ހެލްތު މިނިސްޓްރީން ނަގަން ޖެހޭ ޒިންމާ ނެގުމަށް އެމިނިސްޓްރީން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް