ޕާކިސްތާނުގައި ދިރިއުޅޭ ޗައިނާ މީހުންގެ ރައްކާތެރިކަމަށް ސަލާމަތީ ފައުޖެއް އެކުލަވާލަނީ

މިދިޔަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުފައި ޗައިނާ ރައްޔިތުން ރައްކާތެރި ކުރުމަށް ހާއްސަ ފައުޖެއް އެކުލަވާލުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި -- ފޮޓޯ: އޭޕީ

ލާހޯރު (މޭ 5): ޕާކިސްތާނުގައި ދިރިއުޅޭ ޗައިނާ ރައްޔިތުންގެ ރައްކާތެރިކަމަށް ހާއްސަކޮށް ސަލާމަތީ ފައުޖެއް އެކުލަވާލަމުންދާ ކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފި އެވެ.

އާސަލާމަތީ ފައުޖުގައި ހިމެނޭނީ 4000 ސަލާމަތީ ފަރާތްތައް ކަމަށާއި އެމީހުންގެ މަސައްކަތަކަށް ވާނީ ޕަންޖާބުގައި އެކި މަސައްކަތްތައް ކުރާ ޗައިނާ ރައްޔިތުން ރައްކާތެރި ކުރުން ކަމަށް ޕަންޖާބު ޕްރޮވިންސުގެ އިންސްޕެކްޓާ ޖެނެރަލް، މުޝްތާގު އަހުމަދު ޝުހޭރާ ވިދާޅުވި އެވެ.

"މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އަދި ހަ މަސް ތެރޭގަ ތަމްރީނުތައް ނިމޭނެ. ފައުޖުގެ ފުރަތަމަ ގްރޫޕުން 16 ސަރަހައްދެއްގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތުންނަށް ރައްކާތެރިކަން ދޭން ފަށާނެ ސެޕްޓެމްބަރު 15އިގަ،" އިންސްޕެކްޓާ ޖެނެރަލް ވިދާޅުވި އެވެ.

ޗައިނާ ޕާކިސްތާނު އިކޮނޮމިކް ކޮރިޑާ (ސީޕީއައިސީ)ގައި މަސައްކަތް ކުރާ ޗައިނާ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ޕާކިސްތާނުން ވަނީ މިހާރު ވެސް އެ ގައުމުގެ އަސްކަރިއްޔާ އާއި އެހެނިހެން ސަލާމަތީ ފައުޖުތަކުން 17،000 ބައިވެރިން ހަމަޖައްސާފަ އެވެ. (ޕީޓީއައި)

comment ކޮމެންޓް