މޭޑޭ ހިނގާލުން ހުއްޓުވި މައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މިއަދު މައްްސަލަ ހުށަހެޅުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި މަދަނީ ބައެއް ޖަމްއިއްޔާތައް ގުޅިގެން މެއި މަހުގެ އެއް ވަނަ ދުވަހު ކުރިއަށް ގެންދަން މަސައްކަތް ކުރި ސުލްހަވެރި ހިނގާލުން ހުއްޓުވި މައްސަލާގައި ފުލުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުއާ ދެކޮޅަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ވަނީ ސުލްހަވެރި ހިނގާލުމެއް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ހަމްދޫން ގާނޫނާ ހިލާފު އަމުރެއް ނެރުނު ކަމަށް ބުނެ އެވެ.

ހަމްދޫން ރަޝީދު --

މަދަނީ ޖަމިއްޔާތަކުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ފުލުހުން އެ ދުވަހު އަމަލު ކުރި ގޮތާ މެދު ހިތާމަ ކުރާ ކަމަށެވެ.

"ގާނޫނު އަސާސީ އިން ލިބޭ ހައްގެއް އެއީ ސުލްހަވެރިކަމާ އެއްކޮށް އެއްވެ އުޅުން. އަޅުގަނޑުމެން ވަރަށް ހިތާމަކުރަން އެކަމާ. އެހެންވީމާ މިއަދު އަޅުގަނޑުމެން ކުރަން އުޅޭ ކަމަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް، ހެޑް އޮފް އިންޓާނަލް ސެކިއުރިޓީ ހަމްދޫންގެ މައްސަލައެއް މިލަނީ. އެއީ ހިނގާލުން ހުއްޓުވި މައްސަލާގައި،" މަދަނީ ޖަމިއްޔާތަކުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ގާނޫނާ ހިލާފުވާ ފުލުހުންނާ މެދު ފިޔަވާޅު އަޅާނެ ކަމަށް ދާދި ފަހުން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެފައި ވާތީ އެކަމާ މެދު މަދަނީ ޖަމިއްޔާތަކުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

މަދަނީ ޖަމިއްޔާތަކުން ބުނީ ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގެއް ސަރުކާރަށް ވެސް އަދި ފުލުހުންނަށް ވެސް ހަނި ނުކުރެވޭނެ ކަމަށެވެ.

ދ. މާއެނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އިހުތިޖާޖު ކުރާ ނަމަ އެކަމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އަމިއްލަ ޕާޓީގެ މެމްބަރުން މަގުމައްޗަށް ނުކުމެ، އިހުތިޖާޖު ކުރި ނަމަ އެ އެއްވުން ވެސް ރޫޅާލާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާއި ގުޅިގެން މަދަނީ ޖަމިއްޔާތަކުން ބުނީ، ހިނގާލުން ކުރިއަށް ގެންދަން ރޭވީ ސުލްހަވެރިކަމާ އެކުގައި ކަމަށާއި ހިނގާލުމުގައި ޝުއޫރު ފާޅުކުރީ މަސައްކަތްތެރީންގެ ހައްގުތަކާ ގުޅިގެން ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި ކުރިއަށް ގެންދަން އުޅުނު ހިނގާލުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރު ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިނިމަމް ވޭޖެއް ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ކަނޑައަޅައި ދިނުމަށް ގޮވާލައިފަ އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުން ބޭއްވުމަކީ ރައްޔިތުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި ----- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭގެ އިތުރުން މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތު އެކި ގޮންޖެހުންތައް ނައްތާލުމަށް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވެ އެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ފައިދާއެއް ނުވާނެ އެއްވެސް ކަމަކަށް ގޮވައެއް ނުލަން. އަޅުގަނޑުމެން ގަބޫލު ކުރަނީ މަސައްކަތްތެރިންނަށް އެމީހުންގެ ދުވަސް ފާހަގަ ކުރުމަށް ހިނގާލުން ބޭއްވެން ޖެހޭނެ،" ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުން ބުނެފައިވެ އެވެ.

މަދަނީ ޖަމިއްޔާތަކުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް، ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް މޭޑޭ ފާހަގަކުރުމަށް ހިނގާލުން ބާއްވާނެ ކަމަށެވެ.

މޭޑޭގެ ހިނގާލުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދިނުމުން އެޗްއާރްސީއެމް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުލުހުން ބުނީ މޭޑޭ ހިނގާލުމަށް ފުލުހުން ފުރުސަތު ނުދިނުމަށް ނިންމި ނިންމުމަކީ ފުލުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ ނިންމުމެއް ނޫން ކަމަށާއި އެއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ނިންމުމެއް ކަމަށެވެ. އަދި އެ މައްސަލާގައި ހަމްދޫން ރަޝީދާއި ވަކިވަކި ފުލުހުން ވެސް އެއްވެސް ޒިންމާއެއް ނަންގަވަން ނުޖެހޭނެ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލު އަލީ ވިދާޅުވި އެވެ.

comment ކޮމެންޓް