މާލޭގެ އިމާރާތްތަކުގައި ގާބޭޖް ޗޫޓާއި، ކުނި ބަހައްޓާ ޚާއްސަ ތަނެއް ހަދަންޖެހޭ ގޮތަށް ކަނޑައަޅައިފި

މާލޭގެ އިމާރާތްތަކެއް -- ސަން ފޮޓޯ/މާހިލް މުހައްމަދު

މާލޭގެ އުސް އިމާރާތްތަކުގައި، ކޮންމެ ބުރިއަކުން ވެސް ކުނި އެޅޭ ގޮތަށް ގާބޭޖް ޗޫޓަކާއި އިމާރާތުގެ ގްރައުންޑް ފްލޯގައި ކުނި ބަހައްޓަން ޚާއްސަ ތަނެއް ހަދަން ޖެހޭ ގޮތަށް ކަނޑަ އަޅައިފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި "ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓާއި ކުނި ބަހައްޓާ ޖާގައެއް އިމާރާތުގައި ކަނޑައެޅުމާ ބެހޭ އުސޫލު"ގައި ވާ ގޮތުން، ތިން ބުރިއަށް ވުރެ އުސް ނޫން އިމާރާތްތަކުގައި، ކުނި ބަހައްޓާ ޖާގައެއް ކަނޑައަޅާކަށް ނުޖެހެ އެވެ.

އެހެން ނަމަވެސް، ހަތަރު ބުރިއަށް ވުރެ އުސްކޮށް، 10 ބުރިއާ ހަމައަށް ހަދާ އިމާރާތްތަކުގައި، އެ އިމާރާތުގެ ގްރައުންޑް ފްލޯގައި، އުސްމިނުގައި މަދުވެގެން ފަސް ފޫޓު ހުންނަ، ކުނި ބަހައްޓަން ޚާއްސަ ޖާގައެއް ހަދަން ޖެހެ އެވެ. އެ ތަނުގެ ބޮޑުމިނުގައި، މުޅި އިމާރާތުގެ ފުޓް ޕްރިންޓުގެ 1.5 ޕަސަންޓަށް ވާ އޭރިއާ ހުންނަން ޖެހޭ އިރު، އިމާރާތުގެ ފުޓްޕްރިންޓު 3،000 އަކަފޫޓަށް ވުރެ ބޮޑު ނަމަ ފުޓްޕްރިންޓުގެ 3 ޕަސަންޓަށް ވާ އޭރިއާ، އެތަނުގެ ބޮޑުމިނުގައި ހުންނަން ޖެހެ އެވެ.

ކުނި ބަހައްޓާ ޖާގައިގެ ފާރުތަކާއި ތަޅުން ހަދާފައި ހުންނަން ޖެހެނީ ޓައިލްސް ނުވަތަ ފަސޭހައިން ދޮވެލެވޭ ބާވަތަކުން ކަމަށް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. މި ޖާގަ، އިމާރާތުގެ ތެރޭގައި ނުވަތަ އިމާރާތާ ވަކިން ވެސް ހެދިދާނެ ކަމަށް އުސޫލުގައި ބުނެފައި ވެ އެވެ.

އެގާރަ ބުރިއަށް ވުރެ އުސްކޮށް ހެދޭ އިމާރާތްތަކުގައި، ކޮންމެ ބުރިއަކުން ވެސް ކުނި އެޅޭ ގޮތަށް ގާބޭޖް ޗޫޓެއް ބަހައްޓަން ޖެހެ އެވެ. މި ޗޫޓު ގުޅޭން ޖެހެނީ، އިމާރާތުގެ ތިރީގައި ހަދާފައިވާ، ކުނި ބަހައްޓާ ޖާގައަށެވެ. ގާބޭޖް ޗޫޓުގެ ފުޅާމިނުގައި މަދުވެގެން 18 ފޫޓު ހުންނަން ޖެހޭ ކަމަށް އުސޫލުގައި ބުނެފައިވާ އިރު، ކުޑަކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ގޮތަކަށް އެތަން ބަންދުކުރެވިފައި ހުންނަން ޖެހެ އެވެ.

އުސޫލުގައި ބުނެފައި ވަނީ، ގާބޭޖް ޗޫޓުގެ ތެރެއިން ކުނި ބޭރުވާން ޖެހޭނީ ކުނި އެޅުމަށް އިމާރާތުގެ ތިރީގައި ޚާއްސަކޮށްފައިވާ ތަނަށް އެކަނި ކަމަށާއި، އެތަން ހުންނަން ޖެހޭނީ އެހެން ގޮތަކަށް ވަހާއި ކުނި ބޭރު ނުވާ ގޮތަށް ކަމަށެވެ. އަދި ގާބޭޖް ޗޫޓު ދޮވެވޭ ގޮތަށް އެއަށް ފެން ގުޅައި، ޑްރެއިނޭޖް ސިސްޓަމެއް ވެސް ގާއިމު ކުރެވިފައި ހުންނަން ޖެހޭ ކަމަށް އުސޫލުގައި ބުނެފައި ވެ އެވެ.

އިމާރާތުގައި ގާބޭޖް ޗޫޓާއި ކުނި ބަހައްޓާ ޖާގަ ކަނޑައެޅުމުގެ އުސޫލާ ޚިލާފުވެއްޖެ ނަމަ، މާލޭ ޕްްލޭނިންގ ގަވާއިދާ ޚިލާފުވުމުން ޢަމަލު ކުރާ ގޮތާއި ކުރެވޭ ޖޫރިމަނާގެ އުސޫލުގެ ދަށުން އެފަރާތަކާ މެދު އަމަލު ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މި އުސޫލު އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ އިރު، އިއްޔެއިން ފެށިގެން މި އުސޫލަށް އަމަލު ކުރަން ޖެހެ އެވެ.

comment ކޮމެންޓް