ހުޅުމާލޭގައި އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވައިފި

ހުޅުމާލޭގައި އެމްއައިބީ އިން ހުޅުވި ބްރާންޗް ---- ފޮޓޯ އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

އަލަށް ހުޅުވި ބުރާންޗް ހުންނަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގަ އެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބުރާންޗް ހުޅުއްވައިދެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ހާރިޝް ހާރޫން އެވެ.

އެމްއައިބީގެ އޮފިޝަލަކު ވިދާޅުވީ، އަލަށް ހުޅުވި ބްރާންޗްގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ޖުމްލަ ހަތަރު ކައުންޓަރު ބަހައްޓާފައި ހުންނާނެ ކަމަށެވެ.

އެގޮތުން އާންމު ހިދުމަތްތަކަށް ހާއްސަ ތިން ކައުންޓަރާއި ފައިނޭންސިން އަށް އެއް ކައުންޓަރު ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްއައިބީ އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗުން ލިބޭ ހުރިހާ ހިދުމަތެއް ހުޅުމާލެ ބްރާންޗުން ވެސް ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްއައިބީގެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ހަފްތާތެރޭގައި އެތަނުގައި އޭޓީއެމްއެއް ބަހައްޓައި ހިދުމަތް ފުޅާކުރާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް