ވަކީލުންނަށް އުއްތަމަފަނޑިޔާރުގެ އިލްތިމާސެއް، "ރައްޔިތުންނަށް ދެއްވާ ހިދުމަތް ރަނގަޅުކުރައްވާ"

ޖުޑިޝަރީ އަހަރު 2016 އިފްތިތާހުކުރުމަށް ޕެރަޑައިސް އައިލެޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ -- ޑީޖޭއޭ

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށް ރާއްޖޭގެ ހުރިހާ ގާނޫނީ ވަކީލުންނަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އިލްތިމާސްކުރައްވައިފި އެވެ.

ޖުޑިޝަރީ އަހަރު 2016 އިފްތިތާހުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެރޭ ޕެރަޑައިސް އައިލެޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، މައްސަލަތައް އަވަސް ކުރުމަށްޓަކައި ކޯޓުތަކަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ހުރިހާ ވަކީލުންގެ ކިބައިން އެދިލައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދެއްވާ ހިދުމަތް ރަނގަޅު ކުރެއްވުމަށް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގެ ގާނޫނީވަކީލުންނަށް އަޅުގަނޑު އަރިސްކުރާ ވަރަށް ހާއްސަ އިލްތިމާސެއްވެސް އެބައޮތް. އެއީ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ ތެރޭގައި ތިޔަބޭފުޅުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް އަދި މައްސަލަތައް އަވަސްކުރެއްވުމައްޓަކައި އަދިވެސް އިތުރަށް ކޯޓުތަކަށް އެއްބާރުލައްވައިގެން މަސައްކަތްކުރެއްވުމަށް އެދި ކުރައްވާ އިލްތިމާސް،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އަދި މިހާރު ގާއިމު ކުރެވިފައި ވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ މަސައްކަތްތައް ހިނގަންފެށުމާއެކު، ޤާނޫނީ ވަކީލުންނަށް ބޭނުންވާ ލީގަލް ޓްރެއިނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ ޕްރޮގްރާމްތަކުގެ ސަބަބުން، އާއްމުކޮށް ޤާނޫނީ ވަކީލުންނަށް، އަދި ހާއްސަކޮށް ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް ކުރިއެރުމާއި ފަސޭހަތައް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޤާނޫނީ ވަކީލުންނަކީ ޝަރުއީ އަދި ޤާނޫނީ ދާއިރާގެ އެންމެ މުހިއްމު އެއް ބައިވެރީންކަމަށްވުމާއެކު، ޝަރުއީ ދާއިރާއިން އެންމެ އިސްކަން ދޭ އެއް ކަމަކީ، ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނުގެ ކަންތައްތައް ހަރުދަނާ ގޮތުގައި އިންތިޒާމު ކުރެވުނުކަމަށް އުއްތަމަފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަގްސަދު ހާސިލު ކުރުމަށް ޓަކައި، 2015 ވަނަ އަހަރުގެ ތެރޭގައި، ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނާ ގުޅޭ މުހިއްމު އުސޫލުތަކެއް، އެ ޕްރޮފެޝަނުގެ ގަވާއިދުގެ ތެރޭގައި ތައާރަފުވެގެން ދިޔަކަން އަބްދުﷲ ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނަށް، ހާއްސަކޮށް އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ވަކީލުން ކުރައްވާ ހިދުމަތަށް އުއްތަމަފަނޑިޔާރު ޝުކުރު އަދާކުރެއްވި އެވެ.

comment ކޮމެންޓް