އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކުން އަމިއްލައަށް ހަދާފައިވާ ގައުމީ ރެކޯޑް ސާޖިނާ މުގުރާލައިފި

މައިލޯ ޕްރަމް މެލޭޝިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭ ދެ ފެތުންތެރިން ކަމަށްވާ އައިޝަތު ސާޖިނާ (ކ) އާއި އައިމިނަތު ޝަޖަން (ވ) އަދި ކޯޗު މިގެލް ލޯޕޭޒް (މ): އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކްއިން ސާޖިނާ ގައުމީ ރެކޯޑް އާކުރީ 01:25.22 އިން އިވެންޓް ނިންމައިގެން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މެލޭސިއާގައި މިހާރުކުރިއަށްދާ 59 ވަނަ މައިލޯ ޕްރަމް މެލޭސިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސްގެ ފުރަތަމަ ދުވަހު ބޭއްވި އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އައިޝަތު ސާޖިނާ ގައުމީ ރެކޯޑް އާކޮށްފި އެވެ.

އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން ސާޖިނާ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01:25.22 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެއީ ރާއްޖޭގެ ފެތުންތެރިން އެ މުބާރާތުގައި އާކުރި ފުރަތަމަ ގައުމީ ރެކޯޑެވެ.

އެ އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާ އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓް 01:27.96 އިން ފުރިހަމަކޮށްގެންނެވެ.

މި މަހުގެ 5 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ސާޖިނާގެ އިތުރުން އައިމިނަތު ޝަޖަން ވެސް ބައިވެރިވެ އެވެ.

comment ކޮމެންޓް