ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ ރަސްމިއްުޔާތުގައި އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ޏ. ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ކުރުމަށް ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

ސިއެރާ ކުންފުނީގެ ފަރާތުން އެބްސަވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ނިމާލް ލޮކް އެވެ.

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ ރަސްމިއްުޔާތުގައި އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އެ ކުންފުންޏާ އެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ 285 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 110 މިލިއަން ރުފިޔާ އަކީ ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ ފައިސާ ކަމަށާއި ބާކީ ފައިސާ އަކީ ކުވައިތު ފަންޑް ފޮ އެރެބިކް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުވައްމުލަކަށް ބޭނުންވާ ފެނުގެ ނިޒާމު ގާއިމުކުރުމާއި 500 ޓަނުގެ ތިން ފެން ޕްލާންޓް ބެހެއްޓުމާއި ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ ނެޓްވޯކް ގާއިމު ކުރުމާއި ސުވަރޭޖް ޓުރީޓްމަންޓު ޕްލާންޓެއް ބެހެއްޓިގެން ދާނެ އެވެ.

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ ރަސްމިއްުޔާތުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އޭގެ އިތުރުން 110 ކިލޯ ވޯޓުގެ ސޯލާ ޕަވަ ސިސްޓަމެއް ގާއިމުކުރުމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމުމަށް ދީފައި ވަނީ 21 މަސް ދުވަހެވެ. މިއަދު އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް އަމަލީ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ ރޯދަ މަހަށް ފަހު އެވެ.

ފުވައްމުލަކު ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށް ހުޅުވާލި ފުރުސަތުގައި އަށް ފަރާތަކުން ޕްރީކޮލިފިކޭޝަންގައި ބިޑް ހުށަހެޅި އިރު ޕްރީކޮލިފައިވެ ބީލަން ހުށަހެޅީ ތިން ފަރާތަކުންނެވެ.

ސިއެރާ ކުންފުނިން ބީލަން ކާމިޔާބު ކުރީ އެންމެ ކުޑަ އަގެއް ހުށަހަޅައިގެންނެވެ.

comment ކޮމެންޓް