އުންމުހާތުލް މުއުމިނީންގެ ތެރެއިން: އުންމުލް މުއުމިނީން އައްސައްޔިދާ ޒައިނަބް ބިންތި ޖަޙުޝް ރަލިޔައްﷲ އަންހާ

މާތް اللّـه ރުއްސުންލެއްވި ހުރިހާ މައިކަނބަލުންވެސް އެބަސްފުޅު މާނަކުރެއްވީ އެބަސްފުޅުގެ ލަފްޒީ މާނައިގައެވެ. އެހެންކަމުން، ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުމަށްފަހު އެބޭކަނބަލުން އެއްތަނަކުން ބައްދަލުވެވަޑައިގެންފިނަމަ ވަރަށްގިނަފަހަރަށް އަތްޕުޅުތަކުގެ މިންބައްލަވައި އުޅުއްވިއެވެ.

أمّ المؤمنين السّيّدة زينب بنت جحش رضى اللّه عنها އާއި، أمّ المؤمنين السّيّدة صفيّة بنت حيّ رضى اللّه عنها ގެ އިސްކޮޅުފުޅު ޢާއްމު އަންހެނުންނަށްވުރެ އިސާރަތެއް ކުރެވެ. އެނިސްބަތުން އެދެބޭކަނބަލުންގެ އަތްޕުޅުވެސް ކުރެވެ.

أمّ المؤمنين السّيّدة زينب بنت جحش رضى اللّه عنها އަކީ އަތްތެރި މަސައްކަތަށް ވަރަށް ކުޅަދާނަ ބޭކަނބަލެކެވެ. ދިބާޣުކުރެއްވުމާއި ފަށުވީން ރޮދިއެޅުއްވުމަކީ އެކަމަނާ ވަރަށްގިނައިން ކުރައްވައި އުޅުއްވި ދެމަސައްކަތްޕުޅެވެ. އެދެމަސައްކަތްޕުޅުން ވަރަށްބޮޑު އާމްދަނީއެއް ހޯއްދަވައި އުޅުއްވިއެވެ. ހޯއްދަވާ ހުރިހާ އާމްދަނީއެއް ހޭދަކުރައްވައި އުޅުއްވީ ފަޤީރުންނަށާއި މިސްކީނުންނަށާއި ޔަތީމުންނަށެވެ. އެކަމަނާގެ ގެކޮޅު ވެފައިއޮންނަނީ ޚައިރާތުގެ އިދާރާއަކަށެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙަޤީޤަތުގައި އިޝާރަތްކުރެއްވީ أمّ المؤمنين السّيّدة زينب بنت جحش رضى اللّه عنها ގެ އެދީލަތިފުޅުކަމަށެވެ.
أمّهات المؤمنين ންނަށް އެކަން ވިސްނިވަޑައިގެންނެވީ އެބޭކަނބަލުންގެ ތެރެއިން އެންމެފުރަތަމަ އަވަހާރަވި ބޭކަނބަލަކީ އެކަމަނާ ކަމުގައި ވެވަޑައިގަތުމުންނެވެ.

އަވަހާރަވުން

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވީ ހިޖްރައިން އެގާރަވަނަ އަހަރުއެވެ. އެހެންކަމުން، أمّ المؤمنين السّيّدة زينب بنت جحش رضى اللّه عنها އަށް، އިތުރު ސާހިބާއަށް ޚިދުމަތް ކޮށްދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީ ހައެއްކަ އަހަރުއެވެ. أمّ المؤمنين ހުވަފަތްވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ ނަފްސު ވަޤުފުކުރެއްވީ އިސްލާމީ އުންމަތުގެ ޚިދުމަތަށެވެ. އިސްލާމީ އުންމަތަށް ތަޢުލީމާއި ތަރުބިޔަތު ދެއްވުމަށެވެ. އުންމަތުގެ ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުންނަށް ޚިދުމަތްކުރެއްވުމަށެވެ.

أمّ المؤمنين السّيّدة زينب بنت جحش رضى اللّه عنها އަވަހާރަވީ ހިޖުރައިން ވިހިވަނަ އަހަރުއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ފަންސާސްތިން އަހަރުފުޅެވެ.

ކުރިންވެސް ދެންނެވިފަދައިން أمّ المؤمنين އަކީ ނުހަނު ހީވާގިފުޅު ބޭކަނބަލެކެވެ. މަސައްކަތްތެރި ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާވަނީ އަމިއްލަފުޅަށް އެކަމަނާގެ ކަފުންކޮޅުވެސް ތައްޔާރުކުރައްވައިފައެވެ. އަވަހާރަވުމުގެ ވަގުތު ކައިރިވެއްޖެކަން ވިސްނިވަޑައިގަތުމުން އެކަމަނާގެ ތިމާގެފުޅު ބޭފުޅުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. "އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ އަޖަލު ކައިރިވެއްޖެހެންނެވެ. އަޅުގަނޑު ވަނީ އަޅުގަނޑުގެ ކަފުންވެސް އަމިއްލަޔަށް ތައްޔާރުކޮށްފައެވެ. أمير المؤمنين عمر ވެސް ކަފުނެއް ފޮނުއްވުން އެކަށީގެންވެއެވެ. އެކަލޭގެފާނު ކަފުނެއް ފޮނުއްވައިފިނަމަ ކޮންމެވެސް އެއްކަފުނެއް ޞަދަޤާތްކޮށްލައްވާށެވެ. އަޅުގަނޑުގެ އިޒާރުވެސް ޞަދަޤާތް ކޮށްލައްވައްޗެވެ."

أمّ المؤمنين ލަފާކުރެއްވި ފަދައިން އެކަމަނާ އަވަހާރަވުމުން أمير المؤمنين عمر بن الخطّاب رضى اللّـه عنــه އެކަމަނާއަށް ފަސްކަފުންކޮޅު ތައްޔާރުކުރައްވައި މީރުވަސްދުއްވަވައިފައި ފޮނުއްވިއެވެ.
أمّ المؤمنين ގެ ގައިކޮޅުގައިލެވުނީ أمير المؤمنين ފޮނުއްވި ކަފުންކޮޅެވެ. އެކަމަނާގެ ކޮއްކޯފުޅު حمنة بنت جحش رضى اللّـه عنــها ވަނީ أمّ المؤمنين އަމިއްލަފުޅަށް ތައްޔާރުކުރެއްވި ކަފުންކޮޅާއި އެކަމަނާގެ އިޒާރުކޮޅު ޞަދަޤާތްކުރައްވައިފައެވެ.

أمّ المؤمنين އަވަހާރަވި ދުވަހަކީ މަދީނާއަށް ވަރަށް ހޫނުގަދަ ދުވަހެކެވެ. އެހެންކަމުން އެކަމަނާގެ ޤަބުރުފުޅު ކޮނެވުނުއިރު، أمير المؤمنين ގެ އަމުރުފުޅަށް ޤަބުރުފުޅުމަތީގައި ފޭލިގެއެއް ޖެހިއެވެ. އެފޭލިގެއަކީ އަލްބަޤީޢުގައި ކަށްވަޅެއް ކޮނެވުނުއިރު ޖެހެވުނު އެންމެފުރަތަމަ ފޭލިގެއެވެ. ޖަނާޒާގެ ކަންތައް ތައްޔާރުކުރައްވައި ނިމިވަޑައިގަތުމުން أمير المؤمنين عمربن الخطّاب رضى اللّـه عنــه، ރުއްސުންލެއްވި މައިކަނބަލުންނާ ސުވާލު ކުރެއްވިއެވެ. السّيّدة زينب رضى اللّـه عنــها ގެ ހަށިކޮޅު ޤަބުރުފުޅުގައި ވަޑުއްވާނީ ކޮންބޭކަލުންނެއްތޯއެވެ؟ أمّهات ން ޖަވާބު އެރުއްވިއެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި އާދަވެގެން އެކަމަނާއަށް ޒިޔާރަތްކުރައްވައި އުޅުއްވި ބޭކަލުންގެ ތެރެއިން އެކަމަނާ އެބޭކަލުންނަށް ފަރުދާ ނުކުރައްވާ ބޭކަލުންނެވެ.

أمّ المؤمنين ގެ ހަށިކޮޅު ބަޤީއަށް ގެންދެވުނީ އެކަމަނާގެ ވަޞިއްޔަތާ އެއްގޮތަށް ތާބޫތެނަބަވީގައެވެ. ކައުސާހިބާއަށްފަހު އެކަމަނާގެ ކުރީން އެތާބޫތުކޮޅު ބޭނުންކުރެވުނީ أمير المؤمنين أبوبكر الصّدّيق رضى اللّـه عنــه ގެ ޖަނާޒާގައެވެ.

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީ أمير المؤمنين عمر بن الخطّاب رضى اللّـه عنــه އެވެ. އެކަމަނާގެ ހަށިކޮޅު ޤަބުރުފުޅުގައި ވެޑުއްވީ އެކަމަނާގެ ދޮންދަރިކަލެއްކަމުގައިވާ أسامة بن زيد އާއި، ބޮޑުދައިތަ ވިދާޅުވާ ބޭކަލުންކަމުގައިވާ محمّد بن عبد اللّـه بن جحش އާއި، عبد اللّـه بن أبى أحمد بن جحش އާއި، محمّد بن طلحة
(رضى اللّـه عنهم) އެވެ. ޤަބުރުފުޅުގައި ވެޑުވިއިރު أمير المؤمنين عمر بن الخطّاب رضى اللّـه عنــه ވަޅުފުޅުގެ ކައިރީގައި އިޙްތިރާމުގައި އިށީނދެވަޑައިގެން އިންނެވިއެވެ. ޞަޙާބީންގެ ވަރަށްގިނަ ބޭކަލުން ހާޒިރުވެވަޑައިގެން ތިއްބެވިއެވެ.

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ފުރައުއްތަވުމުން މަދީނާގެ ޔަތީމުންނާއި، މިސްކީނުންނާއި، ފަޤީރުންގެ ތެރެއަށްވަނީ ހިތާމައިގެ ވަރުގަދަ ކާރިޘާއެއް އައިސްފައެވެ. އެބައިމީހުންގެ ޙާލުއަޙްވާލު ބައްލަވައި އަބަދާއަބަދު އެހީފުޅުދެއްވާ ލޮބުވެތި މަންމާފުޅު އެބައިމީހުނާ ވަކިވެވަޑައިގެންނެވީތީއެވެ.

ޢިލްމުވެރިކަން

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها އަކީ އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެ ކުރީކޮޅުގައިވެސް أمّ الحكيم ގެ ލަޤަބުފުޅުން މައްކާގައި މަޝްހޫރުވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ވިސްނުންފުޅު ތޫނުކަމާއި، ހިތްޕުޅު އަލިކަމާއި، ރޯފިލައިވަޑައިގަންނަވާލެއް ބޮޑުކަމުން، ޖާހިލިއްޔަތުގައިވެސް އެކަމަނާއަށްވަނީ ތާރީފު ލިބިވަޑައިގެންފައެވެ. عبد المطّلب ވަންހައިގެ ބޭފުޅުންނަކީ ތަރުބިޔަތުގެ ރޮނގުން އޭރުވެސް މުޅި މައްކާގައި އިޙްތިރާމުގެ ނަޒަރުން ބެލެވެމުންދިޔަ ބޭފުޅުންނެވެ. އެ ޢާއިލާގެ މެމްބަރަކު ޤާފިލާއެއްގައި ދަތުރުކުރެއްވި ކަމުގައިވިޔަސް މުޅި އެ ޤާފިލާއެއްގެ އުޅުމާއި، ގުޅުމާއި ސުލޫކު މުޅީން ތަފާތުވާނެކަމުގައި މީހުން ޤަބޫލުކުރެއެވެ. އިސްލާމްދީން ފޮނުއްވުމަށްފަހު ކުފުރާއި އިސްލާމުގެ މަޢުރިކާތަކުން أمّ المؤمنين ގެ މަޢުލޫމާތާއި ތަޖްރިބާވަނީ އިތުރަށް އުއްތި ފުރިހަމަވެފައެވެ. ޚާއްޞަކޮށް ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށް ވެވަޑައިގަތުމުން އިތުރު ސާހިބާގެ ރޭގަނޑާއި ދުވާލުގެ އުނގަންނަވައިދެއްވުމާއި ތަރުބިޔަތުން އެކަމަނާގެ ޢިލްމީ ޚަޒާނާ އިތުރަށް ފުރައިލެއްވިއެވެ. ނަމަވެސް އެކަމަނާ މާގިނަ ޙަދީޘުފުޅުތަކެއް ރިވާކުރައްވައިފައެއް ނުވެއެވެ. އެކަމަނާގެ އަރިހުން ރިވާވެފައިވަނީ އެގާރަ ޙަދީޘެވެ. އެ ޙަދީޘުފުޅުތަކުގެ ރާވީންގެ ތެރޭގައި السّيّدة أمّ حبيبة رضى اللّـه عنــها އާއި، السّيّدة زينب بنت أبى سلمة رضى اللّـه عنــها ފަދަ ބޭކަނބަލުން ހިމެނެއެވެ. އެކަމަނާ ރިވާކުރައްވައިފައިވާ ދެ ޙަދީޘުފުޅަކާމެދު ދެ އިމާމުންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.

އަޅުކަމާއި ތަޤްވާވެރިކަން

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها އަކީ ވަރަށްގިނައިން އަޅުކަން ކުރައްވައި ރޯދަ ހިއްޕަވައި އުޅުއްވި ތަޤްވާވެރި ބޭކަނބަލެކެވެ. އެކަމަނާގެ ގެކޮޅުގެ އެއްކަނެއްވަނީ މިސްކިތަކަށް ހައްދަވައިފައެވެ. ވަރަށްގިނަ ވަގުތު އަޅުކަމުގައި މަޝްޣޫލުވެވަޑައިގެން އެތާނގައި އިންނަވައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ވެސް މަދުމަދުން އެތާނގައި ނަމާދުކުރައްވައި އުޅުއްވިއެވެ. ކޮންމެކަމެއް ކުރެއްވުމުގެ ކުރީން އިސްތިޚާރާ ކުރެއްވުމަކީ أمّ المؤمنين ގެ އާދަފުޅެކެވެ.

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ގެ އަޅުވެރިކަމާއި، ތަޤުވާވެރިކަމާއި، ވަރަޢަވެރިކަމުގެ ސަނަދަކީ ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާއަކީ އައްވާހެއްކަމުގައި ޙަދީޘުކުރައްވައިފައިވުމެވެ. حافظ إبن حجر، " الإصابه" ގައި ލިޔުއްވައިފައިވެއެވެ.

އެއްފަހަރަކު މުހާޖިރުންގެ ޖަމާޢަތެއްގެ ތެރޭގައި ޣަނީމާއެއް ބެހެވެމުންދިޔައިރު أمّ المؤمنين ވެސް އެތާނގައި އިންނެވިއެވެ. عمر بن الخطّاب رضى اللّـه عنــه ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާފަދަ ކޮންމެވެސް އެއްޗެއް އެކަމަނާއަށް ވިދާޅުވެވުމުން عمر ގެފާނު ތަންކޮޅެއް ހަރުކަށިފުޅުކޮށް އެކަމަނާއަށް ޖަވާބުދެއްވިއެވެ. މައްސަލައިގެ ތެރެއަށް ވެދެވަޑައިގަތުން މަނާކުރެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، عمر ގެފާނާ ދިމާޔަށް ވިދާޅުވިއެވެ. "عمر ގެފާނެވެ! زينب އާ ދިމާޔަށް އެއްޗެކޭ ވިދާޅުނުވާށެވެ! އެކަމަނާއަކީ أوّاه އެކެވެ." (ވަރަށްގިނައިން އަޅުކަންކުރައްވާ، ވަރަށްބޮޑަށް اللّـه އަށް ބިރުވެތިވެވަޑައިގަންނަވާ ބޭކަނބަލެކެވެ.)

ކައުސާހިބާ صلّى اللّـه عليه وسلّم. އެއްދުވަހަކު ގެއަށް ވަޑައިގެންނެވިއިރު އިތުރު ސާހިބާގެ އަރިހުގައި عمر الفاروق رضى اللّـه عنــه ވެސް ގެންނެވިއެވެ. އިތުރު ސާހިބާ ވަޑައިގެން ބައްލަވައިލެއްވިއިރު أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها އިންނެވީ ނަމާދުކުރެއްވުމާއި ދުޢާކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވެ. އިތުރު ސާހިބާއަށް އެމަންޒަރު ފެނިވަޑައިގަތުމުން ވަރަށް އުފާފުޅުވިއެވެ.
عمر ގެފާނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ. "ޝައްކެއްނެތެވެ. زينب އަކީ ވަރަށް ކެތްތެރި، ވަރަށް ހިތްޕުޅުހެޔޮ، ބޭކަނބަލެކެވެ. اللّـه ގެ ޙަޟުރަތަށް ގިނަގިނައިން ރުޖޫޢަވެވަޑައިގަންނަވާ ބޭކަނބަލެކެވެ." (المعجم الكبير، مجمع الزّوائد)

ޚުލުޤުފުޅު

أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها އަކީ ކުރީންވެސް ދެންނެވިފަދައިން ނުހަނު ދީންވެރި، ނުހަނު ތަޤުވާވެރި ބޭކަނބަލެކެވެ. ޙައްޤުބަސް ވިދާޅުވި، ދީލަތިފުޅު ބޭކަނބަލެކެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها އެކަމަނާ އަވަހާރަވުމުން ވިދާޅުވެފައިވެއެވެ.

"ހިތާމަ ހުއްޓެވެ. މިއަދު އަހަރެމެންނާ އެވަކިވެވަޑައިގަތީ، ތާރީފުކުރެވޭފަދަ ވަރަށްގިނަ ސިފަތަކެއްގެވެރި ބޭކަނބަލެކެވެ. ޔަތީމުންނާއި، ހުވަފަތްވެފައިތިބޭ މީހުންގެ ހިތާމަތަކުގެ ބައިވެރިޔާއެވެ. ވަރަށް އަޅުވެރި ބޭކަނބަލެކެވެ."

السّيّدة عائشة صدّيقة އަދިވެސް ވިދާޅުވެފައިވެއެވެ. "ދީނީ މުޢާމަލާތަކުގައި زينب އަށްވުރެ ރަނގަޅު އެއްވެސް އަންހެނަކު އަހަރެން ދެކެފައެއް ނުވެއެވެ."

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ.

"زينب بنت جحش އަކީ ވަރަށްގިނައިން ރޯދަހިއްޕަވާ، ވަރަށްގިނައިން ރޭއަޅުކަންކުރައްވާ ބޭކަނބަލެކެވެ. ވަރަށްގިނައިން އާމްދަނީ ހޯއްދަވާ ބޭކަނބަލެކެވެ. އެކަމަނާ ހޯއްދަވާ ހުރިހާ އެއްޗެހިކޮޅެއް މިސްކީނުންނަށް ޞަދަޤާތްކުރައްވަނީއެވެ." (الإصابة)

أمّ المؤمنين السّيّدة عائشة رضى اللّـه عنــها ވިދާޅުވެފައިވެއެވެ.

زينب بنت جحش އަކީ ކައުސާހިބާގެ އަރިހުގައި އަހަންނާ ވާދަކުރައްވާ ބޭކަނބަލެކެވެ. ނަމަވެސް އަހަރެންގެ މުޅި ޙަޔާތުގައިވެސް އެކަމަނާއަށްވުރެ ގިނައިން ޞަދަޤާތްކުރެއްވި، އެކަމަނާއަށްވުރެ ބޮޑަށް ރަޙިމުގެ ގުޅުން ބޭއްވެވި ބޭކަނބަލަކު ދެކެފައެއް ނުވެއެވެ. އަރަހުށި މާތް اللّـه އާ ކުއްތަންވެވަޑައިގަތުމަށް އެކަމަނާއަށްވުރެ ބޮޑަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަނބަލަކު ދެކެފައެއް ނުވެއެވެ. އަހަރެންގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވި މަދީނާގެ މުޅި ޖައްވު އަހަރެންނާ ބެހޭގޮތުން ކިލަނބުވެފައި އޮތްއިރު އަހަރެންގެ ފިރިކަލުން رسول اللّـه صلّى اللّـه عليه وسلّم އަހަރެންގެ އަޚްލާޤީ ޙާލަތާ ބެހޭގޮތުން އެކަމަނާއާ ސުވާލުކުރެއްވިއެވެ. އެކަމަނާ ސާފުބަސްފުޅުން ޖަވާބު ދެއްވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! އަޅުގަނޑުގެ ލޮލާއި ކަންފަތް ރައްކާތެރިކުރަމެވެ. މާތް اللّـه އަށްޓަކައި ދަންނަވަމެވެ.
عائشة އާ ބެހޭގޮތުން ހެޔޮކަމެއް ފިޔަވައި އަޅުގަނޑަކަށް އެނގިފައެއް ނުވެއެވެ." (البخارى، مسلم)

އާދެ، އެކަމަނާ ވިދާޅުވީ، "ތިމަން ކަމަނާގެ ލޯފުޅުން ދެކެވަޑައިނުގަންނަވާ، ތިމަން ކަމަނާގެ ކަންފަތްޕުޅުން އަޑުނާއްސަވާ ވާހަކައެއް، ތިމަން ކަމަނާއަށް ވިދާޅުވެވޭނީ ކިހިނަކުންތޯއެވެ؟ ތިމަން ކަމަނާގެ ދެނެވަޑައިގަތުމާއި ޔަޤީންކަމުގައި އެކަމަނާއާ ބެހޭގޮތުން ހެޔޮކަމެއް މެނުވީ ނުވެއެވެ." أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ބޭނުންފުޅުވިނަމަ، މަދީނާގެ އޭރުގެ ވެށީގެ ބޭނުން ހިއްޕަވައި އެކަމަނާގެ ވާދަވެރިޔާ އަދި ހަތުރަނބިކަނބަލުން السّيّدة عائشة އާ ބެހޭގޮތުން ނުރަނގަޅު ތަޞައްވުރެއްވެސް ހުށަހެޅުއްވިއްޖައީހެވެ. ނަމަވެސް އެކަމަނާ ވަނީ އެފަދަ ބަލިކަށިފުޅުކަމުން ރައްކާތެރިވެވަޑައިގެންނެވެ. السّيّدة عائشة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. زينب بنت جحش ގެ ވަރަޢަވެރިކަމާއި، ތަޤްވާވެރިކަމުގެ ސަބަބުން އަރަހުށި މާތް اللّـه އެފިތުނައިން އެކަމަނާ ރައްކާތެރިކުރެއްވިއެވެ." (البخارى)

برزة بنت رافع رضى اللّـه عنــها ވިދާޅުވެފައިވެއެވެ.

"أمير المؤمنين عمر الفاروق رضى اللّـه عنــه، أمّهات ންގެ ޕެންޝަން ކަނޑައަޅުއްވައި އެކަމަނާގެ އަރިހަށް ޕެންޝަން ފޮނުއްވުމުން أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ހީފުޅުކުރެއްވީ އެފައިސާއަކީ ހުރިހާ أمّهات ންނަށް ފޮނުއްވި ފައިސާ ކަމުގައެވެ. އެހެން ހީފުޅުކުރައްވައި ވިދާޅުވިއެވެ. މާތް اللّـه عمر ގެ ފާފަފުއްސަވާށިއެވެ. ނަމަވެސް އެއީ ހަމައެކަނި އެކަމަނާގެ ޕެންޝަން ކަމުގައި ދެންނެވުމުން ވިދާޅުވިއެވެ. ފައިސާތަކުގެ މަތީން ފޮތިގަނޑެއް އަޅާށެވެ. ދެން އަހަރެންގެ ގާތު ވިދާޅުވިއެވެ. ފޮތިގަނޑު ދަށަށް އަތްބާނައި މުށްފުރެންދެން ނަގައި، އެވެނި މިސްކީނަކަށް ދީފައި އަންނާށެވެ. ދެން ހަމައެގޮތަށް ނަގައި މިވެނި ޔަތީމަކަށް ދީފައި އަންނާށެވެ. އެގޮތަށް ބައްސަވައި ވަރަށްކުޑަ އެތިކޮޅަކަށްވުމުން ވިދާޅުވިއެވެ. ދެންހުރި އެއްޗެހި ކަނބުލޭގެ ނަގާށެވެ. އަހަރެން ގުނާލިއިރު އޮތީ އައްޑިހަފަސް ދިރުހަމެވެ. އެތަކެތި ބައްސަވައި ހުސްކުރެއްވުމަށްފަހު އުޑާ ދިމާއަށް ދެއަތްޕުޅު ނަންގަވައި ދުޢާކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަހަރަށްފަހު عمر الفاروق ގެ ޕެންޝަން މިއަޅާއާ ހަމަޔަށް ނުފޮނުއްވާނދޭވެ!" އެއަށްފަހު އަހަރު ހަމަނުވަނީސް އެކަމަނާ އަވަހާރަވެއްޖެއެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ފަސްވަނަ އަހަރުއެވެ.
  2. ކައުސާހިބާ صلّى اللّـه عليه وسلّم އާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ތިރީސްހައަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ޢުމުރުފުޅަކީ، ފަންސާސްހަތް އަހަރުފުޅެވެ.
  4. ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ހައަހަރު ދުވަހުއެވެ.
  5. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަންސާސްތިން އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން ވިހިވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.

އަރަހުށި މާތް اللّـه، أمّ المؤمنين السّيّدة زينب بنت جحش އަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

  1. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް
  2. އުންމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  3. ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
  4. އުންމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
  5. ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާން މަންޞޫރުޕޫރީ
  6. ސީރަތުއްނަބިއްޔު ޢައްލާމާ ޝިބްލީ ނުޢުމާނީ، ސައްޔިދު ސުލައިމާން ނަދްވީ
  7. އައްރަޙީޤުލްމަޚްތޫމް މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ
  8. ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ

ސަރުދާރު فاطمة بنت

محمّد صلّى اللّـه عليه وسلّم މުފުތީ ޘަނާއު اللّـه މަޙްމޫދު

  1. އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

__________________

comment ކޮމެންޓް