ސިޓީގެ މައްޗަށް ކުރިހޯދައި، ރެއާލްއިން 14 ވަނަ ފަހަރަށް ފައިނަލުން ޖާގަ ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑަށް ލީޑު ލިބުމާއެކު އެ ޓީމުގެ ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން 1-0 ލަނޑުން މޮޅުވެ، ރެއާލް ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި، 14 ވަނަ ފަހަރަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑު، ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޗެމްޕިއަންސް ލީގުގެ ސެމީގައި އަލަށް ވާދަކުރި ސިޓީގެ މައްޗަށް ރެއާލްއިން ކުރި ހޯދީ 1-0 ލަނޑުންނެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުރިން ކުޅުނު ސެމީގެ ފުރަތަމަ ލެގު މެޗު ނިމިގެންގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 1-0 ލަނޑުން މޮޅުވެ، ރެއާލް ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލްއިން ފައިނަލުގައި ކުރިން 13 ފަހަރު ވާދަކޮށް، އޭގެ ތެރެއިން ދިހަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވެ އެވެ. އަދި މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް ޖާގަ ހޯދި ދެވަނަ ފަހަރެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ރެއާލްއިންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ރެއާލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަހަކުން ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ރެއާލްއަށް ވަނީ ލީޑު ލިބިފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދިނުމަށް ގެރެތު ބޭލް ޖައްސާލި ބޯޅަ ސިޓީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ފެނާންޑޯ ފައިގައި ޖެހިފައި ބައިކޮޅަށެވެ. އެ ލަނޑަށްފަހު ވެސް ރެއާލްއިން ދިޔައީ ސިޓީގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 1-0 ލަނޑުން މޮޅުވެ، ރެއާލް ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރެއާލްއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ބޭލް ފޮނުވާލި ހަމަލާ، ކީޕަރު ޖޯ ހާޓް ވަނީ މަތަކޮށްފަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކާވޭހަލް ނަގައިދިން ހުރަހަކުން ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ރޮނާލްޑޯ ބޮލުން އުފެއްދި ހަމަލާ، ކީޕަރު ހާޓް ވަނީ މަތަކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 1-0 ލަނޑުން މޮޅުވެ، ރެއާލް ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ އަވަށްޓެރި އަދި ވާދަވެރި އެތުލެޓިކޯ މެޑްރިޑެވެ. ސްޕެއިންގެ މެޑްރިޑް ސިޓީއަށް ނިސްބަތްވާ މި ދެޓީމު މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފައިވެ އެވެ. އެ ފަހަރުގެ ފައިނަލު 4-1 ލަނޑުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ ރެއާލްއިންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާނީ މި މަހުގެ 28 ވަނަ ދުވަހު އެެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިޓަލީގެ މިލާނުގައި ހުންނަ ސެން ސީރޯ ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް