ސިޓީ ކައުންސިލުން ދޭ ބައެއް ހިދުމަތްތައް މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށްފި

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ވަނީ މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށްފައި -- ފޮޓޯ ރައީސް އޮފީސް

ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތައް ދިނުން ސަރުކާރުގެ ކަމާބެހޭ ބައެއް މުއައްސަސާތަކަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ ގުޅޭ ގޮތުން ހުށަހެޅި ކަރުދާހާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ތިން ވަނަ އިސްލާހުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

އެގޮތުން ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން، އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ބަދަލުކުރެއްވުމަށާއި، ގަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ބަދަލުކުރުމަށް ކަމަށް ބަޔާނުގައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓް ތަކުގެ ދަށުން ކުރަމުންދިޔަ ބައެއް މަސައްކަތްތައްވެސް މީގެ ކުރިން ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު މިރޭ ސަން އަށް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ މެދު ވަކި އެއްޗެއް ބުނެވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އެ ނިންމުން ކައުންސިލަށް އެންގުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންގީމަ އެ އެންގެވި ގޮތަކަށް ކަންތައް ކުރާނީ،" ޝިހާބު ވިދާޅުވި އެވެ.

ކައުންސިލްގެ މެމްބަރު އިބްރާހިމް މަމްނޫން ސަން އަށް ވިދާޅުވީ މިހާރު ގަބުރުސްތާނުތައް މިވަގުތު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި، އެހެންކަމުން މިވަގުތު ސިޓީ ކައުންސިލުން ކުރަމުން އަންނަނީ މާލޭގެ ގަބުރުސްތާނުތައް ބެލެހެއްޓުމާއި އާބާދީއާ ބެހޭ ސެކްޝަންގެ މަސައްކަތްތައް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރަންމަންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތަކާއި، އެކި ބޭނުންތަކަށް މަގުބަންދުކުރުމުގެ ހުއްދަ ދިނުމާއި މާލެސިޓީގެ ޕާކްތަކާ މައިދާންތަކުގެ އިތުރުން ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމާއި މަގުތަކާއި ޕާކްތަކާއި މައިދާންތައް ދިއްލައި އަލިކުރުމާއި މާރުކޭޓުތައް ބެލެހެއްޓުމާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގަބުރުސްތާނު ފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތްތައް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން ޕާކިންޒޯންތައް ފާހަގަކުރުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމާއި ކާނު ސާފުކުރުމާއި މަގު ކޮނުމުގެ ހުއްދަ ދޫކުރުމާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މާލޭ ފަޅުތެރެއިން ފައްތިޔާ ދޫކުރުމާއި ފީބަލައިގަތުން ފަދަ މަސައްކަތްތައް ވެސް މިހާރު ބަލަހައްޓަނީ ހައުސިން މިނިސްޓްރީ އިންނެވެ.

comment ކޮމެންޓް