"ނޭޝަނަލް ހައި އެޗީވާސް އެވޯޑު"ގެ ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި

"ނޭޝަނަލް ހައި އެޗީވާސް އެވޯޑު"ގެ އެކްސްކުލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސް ވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން އަހަރަށް "ނޭޝަނަލް ހައި އެޗީވާސް އެވޯޑު"ގެ އެކްސްކުލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އޭ ލެވެލް އިމްތިހާނުން ގަދަ 10 ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ އެ ހަފުލާގެ ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސް ވުމުގައި ސޮއި ކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޝިހާމް އާއި އެ މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް އިސްމާއިލް އިބްރާހިމް އެވެ.

ދިރާގުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ ޗީފު މާކެޓިންގު އޮފިސަރު އިޒަބެލް ހިޖުރީ އެވެ.

"ނޭޝަނަލް ހައި އެޗީވާސް އެވޯޑު"ގެ އެކްސްކުލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސް ވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ތެރެއިން އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ދިރާގަކީ ތައުލީމީ ދާއިރާ އަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެން ފާހަގަކޮށްލަން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް މި ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް... އަތޮޅު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޓަނެޓް ކަނެކްޓިވިޓީ އާއި މިކަމުގައި ދިރާގުން ވަރަށް ހެޔޮފުޅު އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްފައިވޭ"، މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމީ އެކިއެކި މަރުހަލާތަކުގައި ޖިންސުގެ ހަމަހަމަ ކަން ހާސިލު ކުރެވިފައިވާ ކަމަށެވެ.

"10 ނިންމި ކަމަށްވިޔަސް 12 ނިންމި ކަމަށް ވިޔަސް އަދި މަތީ ތައުލީމާ ހަމައަށް ދެވުނު ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ މިހާރު އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ހަމަހަމަ ވެފައި. އަދި އޭގެ އިތުރަށް އަންހެން ކުދިން ކުރިއަރައިގެން ދާކަންވެސް ފާހަގަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންޓަނެޓު ބޭނުންކޮށްގެން ތައުލީމު ފުޅާ ކުރަން ޖެހިފައިވާ ކަމަށާއި އެކަމަށްވެސް ދިރާގުގެ ވަރަށް ބޮޑު އެހީތެރިކަމެއް މިނިސްޓްރީ އަށް ލިބޭ ކަމަށެވެ.

"ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސުކޫލެއްގައި ވީޑިއޯ ކޮންފަރެންސް ސެޓްއަޕް ހެދިގެން މާލޭގައި އަދި ރައްޖޭއިން ބޭރުގައި ތިބެގެންވެސް ކުދިންނަށް ކިޔަވައި ދިއުނުމުގެ ފުރުސަތުވެސް ޓްރެއިން ކުރުމުގެ ފުރުސަތުވެސް ފަހި ވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، މީގެ 10 ވަރަކަށް އަހަރު ކުރިން ހައި އެޗީވާސް ގޮތުގައި ރާއްޖެއިން ހޮވާލެވެނީ ވަރަށް މަދު ދަރިވަރުން ކޮޅެއް ކަމަށެވެ.

"މިއަދު މިވަނީ އެތައް ސަތޭކަ އަކަށް އެ ނަންބަރު މައްޗަށް ގޮއްސަ. އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ބޮޑު ހެއްކެއް ހެން އެ ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ ކާމިޔަބު މަސައްކަތެއްކަން،" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތައުލީމު ކުރިއެރުވުމާއި ޒުވާނުންގެ ކަންކަން ކުރިއެރުވުމަކީ ދިރާގު ސީއެސްއާރުގެ ވަރަށް ބޮޑު ޕޮލިސީއެއް ކަމަށެވެ.

"ޒުވާނުން ޒިންމާދާރު ބައެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެންގެ ސީއެސްއާރު ޕޮލިސީގެ ސީއެސްއާރު ބަޖެޓުގެ ފުދޭ ވަރެއްގެ ބައެއް އަޅުގަނޑުމެން ހޭދަ ކުރަމުން ގެންދަން،" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން "ނޭޝަނަލް ހައި އެޗީވާސް އެވޯޑު" ހަފުލާގެ ކަންތައްތައް އިންތިޒާމުކޮށް އެވޯޑުތައް ސްޕޮންސާ ކުރާނީ ދިރާގުންނެވެ.

އޭ ލެވެލް އިމްތިހާނުން ގަދަ 10 ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ "ނޭޝަނަލް ހައި އެޗީވާސް އެވޯޑު"ގެ މިއަހަރުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑު އެވެ.

comment ކޮމެންޓް