ދުނިޔެ ހަނޑުލަށް ޖެހެނީ؟!

ވިއެޓްނާމުގެ ހަނޑޫ ދަނޑެއްގައި މީހަކު މަސައްކަތް ކުރަނީ -- ފޮޓޯ/ގެޓީ

ދުނިޔެއަށް އެލް ނީނިއޯގެ ސަބަބުން ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ބައެއް ގައުމުތަކަށް އާދަޔާ ޚިލާފު ހޫނުކަމާއި ހަނަފަސްކަން ވެރިވެފައިވާ އިރު، ދުނިޔޭގެ ބާޒާރަށް ހަނޑޫ އެކްސްޕޯޓު ކުރާ އެންމެ ބޮޑެތި ބައެއް އެކްސްޕޯޓަރުންނަށް ވެސް ދަނީ ހުރަސްތަކެއް ކުރިމަތިވަމުންނެވެ.

ދުނިޔޭގައި ހަނޑުލުގެ 60 ޕަސަންޓު އުފައްދާ އިންޑިއާ، ޕާކިސްތާން، ތައިލެންޑް އަދި ވިއެޓްނާމަށް، އެލް ނީނިއޯގެ ސަބަބުން ހޫނުގަދަކަމާއި، ހަނަފަސްކަމުގެ ދުވަސްވަރެއް ކުރިމަތިވެފައިވާ އިރު، އެގައުމުތަކުގައި ހަނޑޫ އުފެއްދުމަށް އަސަރު ކުރަމުން ދެ އެވެ.

މި ގައުމުތަކުން 2013 ވަނަ އަހަރު 43 މިލިޔަން ޓަނުގެ ހަނޑޫ ދުނިޔޭގެ ބާޒާރަށް ނެރެފައިވާ އިރު، ބެލެވޭ ގޮތުގައި މި އަހަރު ނިމޭ އިރު ވެސް މި ގައުމުތަކުން 20 މިލިޔަން ޓަނުގެ ހަނޑޫ ވެސް ނުއުފެއްދޭނެ އެވެ.

އިންޓަނޭޝަނަލް ރައިސް ރީސާޗް އިންސްޓިޓިއުޓުގެ ފަރާތުން "ދަ އިންޑިޕެންޑެންޓް" ނޫހަށް މައުލޫމާތު ދެއްވި ޑރ. ސަރަމެންދު މޯހަންތީ ވިދާޅުވީ، ހަނޑޫ ސަޕްލައިގެ ހާލަތު ވަރަށް ދަށް ވާނެ ކަމަށް ބެލެވޭ ކަމަށާއި، މިކަމުގެ ސަބަބުން ހަނޑުލުގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެކަން ޔަގީން ކަމަށެވެ.

"މި ހުރިހާ ކަމެއް ބަރޯސާ ވާނީ އިންޑިއާއަށް ހުޅަނގު މޫސުން އައުވުން ވާނެ ގޮތަކަށް. ޚާއްސަކޮށް އިންޑިއާއާއި އިންޑޮނޭޝިއާގައި، ހަނޑޫ ދަނޑުތަކަށް އެކަށީގެންވާ ވަރަށް ވާރޭފެން ނުލިބިއްޖެ ނަމަ ދުނިޔެ ހަނޑުލަށް ޖެހުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއަށް ވިއްސާރަ މޫސުން ކުރިމަތިވަނީ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ތައިލެންޑަށް ބަލާއިރު، މި އަހަރު އެގައުމުން އުފެއްދޭނެ ކަމަށް ބެލެވެނީ އެންމެ 15 މިލިޔަން ޓަނުގެ ހަނޑުލެވެ. ޖެހިގެން އޮންނަ ވިއެޓްނާމްގައި ގާތްގަނޑަކަށް ހަ ލައްކަ އޭކަރުގެ ހަނޑޫ ދަނޑު ވަނީ، ހޫނުގަދަ ވުމުގެ ސަބަބުންނާއި އެތަނުގެ ފެންގަނޑު ލޮނުވުމުގެ ސަބަބުން ހަލާކު ވެފަ އެވެ.

comment ކޮމެންޓް