ނޮޅިވަރަންފަރުގެ މަގުތަކަށް ނަޖިސް ބޭރުވާތާ ދެ މަސް، އަދިވެސް ހައްލެއް ނުލިބޭ!

ނޮޅިވަރަންފަރު މަގުތަކަށް ނަޖިސް ބޭރުވެފައި-- ސަން ފޮޓޯ

އާބާދީގައި 1800 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހދ. ނޮޅިވަރަންފަރުގެ ނަރުދަމާ އަށް ދިމާވި މައްސަލައަށް ހައްލެއް ނުލިބި އެ ރަށުގެ މަގުތަކަށް ނަޖިސް ބޭރުވާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ރަށު ކައުންސިލް އިން ބުނެފި އެވެ.

ނަޖިސް ބޭރުވާން ދިމާވީ 2011 ވަނަ އަހަރު ތިން ރަށެއްގެ މީހުން އެ ރަށަށް ބަދަލުކޮށް 134 ގެއަށް އަޅާފައިވާ ނަރުދަމާގެ ދެ ޕަންޕަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މައްސަލަ ޖެހުމުގެ ސަބަބުން ޖަންގުޝަންތައް ފުރިގެންނެވެ.

ނޮޅިވަރަންފަރު ކައުންސިލް ރައީސް އަހުމަދު ރިޔާޒު މިއަދު ސަން އަށް ވިދާޅުވީ މައްސަލަޖެހުނުއިރުން ފެށިގެން ޕެޓްރޯލް ޕަންޕެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު ވެސް މަގުތަކަށް ނަޖިސް ބޭރުވަމުން އަންނަ ކަމަށެވެ. އެކަމާ އެ ރަށު ރައްޔިތުން ވަރަށް ކަންބޮޑުވުން ފާޅުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ތިން ހަތަރު ފަހަރެއްގައި ނަޖިސް ވަނީ މަގުމައްޗަށް ބޭރުވެފައި، ހަމައެއާ އެކު މިދެންނެވި ގޮތަށް ޕްރީ ސްކޫލު ދޮރުމަތީ މެއިންހޯލްއިން މިހާރު ވެސް ދޭތެރެއަކުން ނަޖިސް އަރަމުން ދަނީ، އެއީ މީހުން އުޅޭ މައިމަގެއްގެ މަގުމަތި،" ރިޔާޒު ވިދާޅުވި އެވެ.

ކައުންސިލް އިން މަސައްކަތްކުރަނީ ޕެޓްރޯލް ޕަންޕެއް ވަޅަށްބާލައި މޫދަށް ހޮޅިއަޅައިގެން އެނަޖިސް ބޭރުކުރުމަށެވެ. މި އަހަރުގެ ފެބްރުއަރީ 28 އޮން ފެށިގެން ކޮންމެ ދުވަހަކު ވެސް އަންނަނީ އެގޮތަށް މަސައްކަތް ކުރަމުން ކަމަށާއި އެވަރުން ވެސް މަގުތަކަށް ނަޖިސް ބޭރުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ބަލިމަޑުކަމެއްގެ އަސަރުފެނުނު ކަމަށާއި އެގޮތުން ކުޑަކުދިން ބޭރަށް ހިނގުމުގެ މައްސަލަ ކުރިމަތިވި ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި އެކަންކަން ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކަށް ލިޔެގެން ދާއިމީ ހައްލެއް އަދި ވެސް ނުލިބޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ކަމާބެހޭ އިދާރާގެ ބަހެއް ހޯދުމަށް ސަންއިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ހައުސިން މިނިސްޓްރީއާ ހަވާލާދީ ރިޔާޒު ވިދާޅުވީ އެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެމިނިސްޓްރީން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަލާކުވެފައިވާ ދެ ޕަންޕުގެ ކޯޓޭޝަން ނަގައިގެން އަޅުގަނޑުމެން ވާނީ އެމްޑަބްލިޔުއެސްސީ އަށް ވެސް ފޮނުވާފައި، މިނިސްޓްރީ އަށް ވެސް ފޮނުވާފައި، މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ފެނަކައާއި ނުވަތަ އެމްޑަބްލިޔުއެސްސީއާއި ވާހަކަ ދައްކަމުންދާ ކަމަށް." ރިޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް