ނުރައްްކާާތެރި ލޯބި

ޔަގީނުންވެސް އެކަނި ބެސްޓްފްރެންޑްސް އިންނެއްނޫނެވެ.

ދާނިޝް ހެމުން މީރާން ގެ ކޮނޑުގައި އަތް ބޭއްވިއެވެ.
"ހޭއި މިރާން....ދެން ރާހިލް އަށް ޝައްކު ކުރުވަން ނޫޅެބަލަ........"

"ޝައްކު ކުރަނީ އެއްނޫން. ތަންކޮޅެއް ތަފާތުކޮށް އުޅެއްޏާ ވިސްނޭނެ. މިހާ ގާތްކޮށް އުޅޭއިރުވެސް އެކަކު އަނެކަކަށް ދަހެއް ނުވޭވިއްޔާ........" ރާހިލް ނުތަނަވަސް ކަން ފޮރުވުމުގެ ގޮތުން ހީގަތެވެ. ދާނިޝްގެ އެ ޖުމްލައިން ވެސް ރާހިލްއަށް ޔަގީންވީ ދާނިޝް ކަމެއް ފޮރުވަން އުޅޭކަމެވެ. އަޖައިބެކެވެ.

"ކެތްތެރިވެބަލަ. އަދި އެނގޭނެ. ކަންބޮޑުވުމުގެ ބޭނުމެއްވެސް ނެތް. ވެމްޕަޔަރަކަށް ވިޔަސް ބެސްޓްފްރެންޑްއިންނަކަށް ގެއްލުމެއްނުދޭނަމޭ. ބެސްޓްފްރެންޑްސް ފޯރއެވަރ...." މީރާންގެ އެ ހޫނު އަތުން ރާހިލް ގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ.

"ހުރިހާ ބަހަކަށް ވެސް ހާދަ ފަރިތައޭ. މީރާން ކޮން ގައުމެއްތަ؟ " ރާހިލް ވަރަށް ޝައުގު ވެރިވިއެވެ.

"މަންމަ ވާހަކަ ދައްކަން ދަސްކޮށްދިނީ އިންގްލިޝް އިން. ފްރެންޑްސް އިން ދިވެހި ބަހުން. ވީމަ ދެން ހުރިހާ ބަހެއް ވެސް އިގޭނެއްނު. ރާހިލް ތި ޚިޔާރު ކުރީ ނުބައި ޕްރޮފެޝަނެއް. ޑިޓެކްޓިވް އަކަށް ވިނަމަ. ހުރިހާ ސިއްރުތައް ހޯދަން ފޯރި އެބަހުރި. ބައެއް ސިއްރުތައް ނޭގިހުރުން މާބުއްދިވެރިވާނެ............." މީރާން އަށް މަޖާވިއެވެ.

"ބައްޕަމެން އެދުނީމަ ޑޮކްޓަރަކަށްވީ..... " މީރާން ގެ ފަރާތުން އެއްވެސް އެއްޗެއް ނޭގޭނެކަން ރާހިލްއަށް ޔަގީންވިއެވެ. ސުވާލުތައް ކުރިޔަސް ބޭނުންވާފަދަ ޖަވާބެއްނުލިބޭތީއެވެ.
ރާހިލްއަށް ކޮޓެޖް ވަރަށް ކަމުދިޔައެވެ. ސަކަރާތީ ދާނިޝް ދަނބުކުލަ ހިޔާލު ކުރިކަމެވެ. ދާނިޝް ގެ ފެވެރިޓް ކުލައަކީ ނޫކުލަކަން އޭނަ ދަނެއެވެ. އެކަމަކު ފަރުނީޗަރުތައް ދާނިޝް ވެސް ޚިޔާރުކުރާނީ ތަންކޮޅެއް ވަކަރުކަހަލަ ކުލައަކުން ކަމަށް އޭނަ ހީކުރިއެވެ. ދަނބުކުލަ އެހާ ޚާއްސަވީ ކީއްވެތޯ އަހާލުމުން އެނގުނީ އެއީ ދާނިޝްގެ މަންމައަށް ރީތި ކުލައެއްކަމެވެ. ގޭތެރޭގެ ކޮންމެ ތަނަކުން ވެސް ފެންނަނީ ހިއްސުތަކާއި ކުޅެލާފަދަ މަންޒަރު ތަކެވެ. އުއްބައްތި ތަކާއި މަލެވެ. މީރު ވަހެވެ. ހިތްގައިމު މިޔުޒިކެވެ. އަދި ބާތް ރޫމް ވަރަށް ހިތްގައިމެވެ. ރާހިލްގެ ލޮލުގައި އެންމެ އަޅައިގަތީ ބާތުޓަބްގެ ކައިރީގައިހުރި ހިތުގެ ބައްޓަމަށްވާ އުއްބައްތިތަކެވެ. ދާނިޝްގެ ކައިރިން އޭނަ ލޯބީގެ ބައި ދަސްކުރަން ޖެހޭނެއެވެ. އޭނަ އަށް ވަރަށް ރަގަޅަށް އަންހެންކުދިންގެ އިހުސާސްތައް އެނގޭފަދައެވެ. ލޯބިވެރިންނަށް މިފަދަ މާހައުލެއް ހާދަ ހިތްގައިމު ވާނެއެވެ. އޭނަ ހަނދާން ވީ އީނާ ގެ މަތިންނެވެ. އޭނާ އާއި އީނާއަށް މިފަދަ ދުވަހެއް އަންނާނެބާވައެވެ.



ސިޓިންރޫމްގައި ތިބެ ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. އެންމެ ފަހުން ފެށުނު ވާހަކަ އަކުން ދާނިޝްގެ ތަބީއަތު ގޯސްވާގޮތްވިއެވެ. ޖީނާ އަމިއްލައަށް މަރުވާން އުޅުނު ވާހަކައަކީ ދާނިޝްއަށް އަޑުއަހަން ފަސޭހަވިވާހަކަ އެއްނޫނެވެ. އޭނަގެ މޫނަށް ވެރިވެގެން ދިޔަ ނުތަނަވަސްކަން ރާހިލް ފާހަގަ ކުރިއެވެ. އެއީ ކީއްވެކަން އޭނައަށް މާ ރަގަޅަށް ވެސް އެގުނެވެ. ދާނިޝް ގެ ރީތި ދެލޮލުން ހިތާމައިގެ އަސަރުވެސް ފެނުނެވެ. އެ ހިތަށް ކުރި އަސަރުތަކާއި އެ މައުޟޫ އިން އޭނައަށް ވީ އުދަގޫތައް އޭނައަކަށް ނުފޮރުވުނެވެ. އެބައަންނަމޭ ކިޔާފައި ވަގުތުން ކޮޓަރިއަށް ދިޔައީ އެވެ. އެބުރި އައީ ފަނަރަވަރަކަށް މިނެޓް ފަހުންނެވެ.

"އެލީގެ ފޯނެއް އައީތަ؟ މާ ބޮޑަށް ހާސްވަނީ މާދަން ރޭ ކައިވެނި ކުރެވޭތީތަ؟" މީރާން އެ ރަތް އަލީގައި ފެންނަލެއް އަދި ވަކިން ވެމްޕަޔަރިޝް އެވެ. އެ ނުކިޔަމަންތެރި އިސްތަށިގަނޑާއި ބާރުގަދަ ދެލޮލުގައި އެގޮތް ކިތަންމެ ވަރަކަށް ވެސް އެބަހުއްޓެވެ. އެލޮލުން އިންސާނުންގެ ސިކުނޑިތަކާއި ކުޅެލާގޮތެއް ހުއްޓެވެ. އިންސާނުންގެ ހިތުތެރޭގައި ވާހާ އެއްޗެއް ދެނެގަތުމުގެ ބާރުވެސް އެބަހުރިހެން ހީވިއެވެ.
"ވަޓް؟ މާދަން ރޭ؟" ޝާހާން ސިއްސައިގެން ދިޔައެވެ.
"ތެދެއް ޑޭން؟ ......."ދާނިޔާލް މީރާނަށް ވަރަށް އިތުބާރުކުރެއެވެ. އޭނަ ދޮގު ނަހަދާނެކަމުގެ ޔަގީން ކަން ދާނިޔާލްއަށް ވެސް ލިބިފައިވެއެވެ.
ދާނިޝް އިސްޖަހާލިއެވެ. އޭނަ ވަރަށް ކަންބޮޑުވިއެވެ. ސިއްރުން ކަމެއް ކުރަން އުޅުނަސް މީރާން އަށް ނުފޮރުވޭނެއެވެ. އެނގުނަސް މައްސަލައެއް އޮތީއެއްވެސް ނޫނެވެ. ދެރައީ ބައެއްފަހަރު ބޭނުންނުވާ ވަގުތު ބޭޒާރުކޮށްލާތީއެވެ. ދާނިޝް ބޭނުންވީ ކޯޓަށް ގޮސް ސިއްރު ސިއްރުން މާދަން ރޭ ކައިވެނިކޮށްލުމަށެވެ. އޭނައަށް މިއީ އަދި ސައްހަ ކައިވެންޏެއް ނޫންކަން ރަގަޅަށް އެގޭތީއެވެ. ހަމަ އެކަނި މީހުންގެ ލޮލުގައި އަޅުވާލެވޭ އަދުނެކެވެ. ވީއިރު މުޅި ދުނިޔެއަށް އިއުލާން ކުރުމުގެ މާނައެއްނެތެވެ. އެކަމަކު ޝާހާންމެނަށް އެކަން އަންގާދޭކަށް އަދި އޭނަ ބޭނުމެއްނޫނެވެ.

ދާނިޝް މަޑުމަޑުން ހިގާލާފައި އައިސް ދޮރު ހުޅުވާލިގޮތަށް ދޮރުކަނީގައި އަތް ވިއްދާލައިގެން ބޭރަށް ބަލަހައްޓައިގެން ހުރީއެވެ.
ޝާހާން އެންމެ ބޮޑަށް ދެރަވީ އެހާ ރީތިކޮށް ޑަބަލް ވެޑިން އަކަށް ޕްލޭންކޮށްފައި ދާނިޝް އަންގާވެސްނުލާ ކަންތައް މިކުރި ގޮތުންނެވެ. އަވަސްކޮށްލަން އެދުނުނަމަ އެކަންވެސް ކުރެވުނީހެވެ. ދާނިޝް އެއްބަސް ވެގެން ޝައުނާއާއި އަލީޒާ ގެ ވެޑިން ހެދުމުގެ މިން ނަގާފައި މަންމައަށް ފޮނުވިއްޖެއެވެ. މަންމަ ވަނީ އެމިތިސްޓް ނޫނީ ސެފެއަރ އަގޮޓިވެސް އަންހެންކުދިންނަށް ފޮނުވާނެކަމަށް ބުނެފައެވެ. ދާނިޝް މިހެދި ގޮތުން އެމީހުން ބާއްވަން އުޅުނު ޔުނިކް ޕާޓީ ވެސް ފަނިވީއެވެ. ހާދަ ދެރައެވެ. ދާނިޝް ހުރީ އިސްޖެހުނުގޮތަށް ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އޭނަ ބޭނުންވީ ވަގުތުން ގެއަށް ދިޔުމަށެވެ.

"މުޅި ދުނިޔެއަށް ނޭންގިޔަސް ކާވެނި ކުރެވިދާނެ..." ދާނިޝް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

"ޑޭން. ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން. ސީރިޔަސް ޚާއްސަ ރަސްމިއްޔާތެއް. ފެމިލީ އަދި ފްރެންޑުން އެ އުފަލުގައި ބައިވެރިކުރެވެން ޖެހޭނެ. އެނގިއްޖެ. ތިއީ ހަގީގީ ކައިވެންޏެއްނޫން. އަލީޒާ ހައްދާލަން ކުރާ ކަމެއް ދޯ. އަސްލް ޑޭން މެރީ ކުރަން ނިންމާފައިވަނީ ޖީން އާއި. އެހެންނު. ކިހާ މަޖާކަމަކަށް ވާނެ. ބޭބެ ކޮއްކޮއެއްގެ ލޯބީގެ ގުޅުން އެންމެނަށް ޝޮކަކަށް ވާނެ..........." ރާހިލް ވަރަށް ހަމަޖެހިލައިގެން އޮވެ ދާނިޝްއާއި ދިމާކޮށްލިއެވެ.

"ރާހިލް. މޮޔަވީތަ؟ ތިހިރީ ހަމަހޭގައިތަ؟ ހާދަ ވިޔާނުދާ ވާހަކައެއް ތިފެށީ........." ދާނިޔާލް ރުޅިވެރިގޮތަކަށް ރާހިލް އަށް ބަލާލިއެވެ. މުޅި މާހައުލަށް ނުތަނަވަސް ކަން ވެރިވެގެން ދިޔައެވެ. ޝާހާން ވެސް ނުރުހުންވިއެވެ. ސަމަސާއަކަށް ހަދައިގެންވެސް ބޭބެއާއި ކޮއްކޮ އަޅުވާ ކިޔުމަކީ އަޚުލާގީ ގޮތުން އެންމެ ދަށް ފެންވަރުގެ ވިޔާނުދާ އަމަލެއްކަމަށް އެ ޒުވާނުން ގަބޫލުކުރެއެވެ.

ރާހިލްގެ މި ޖުމްލަތަކުން ދާނިޝް ރުޅިގަދަވާނެ ވަރާއި އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްލަފާނެކަން އެންމެނަށް އެގުނެވެ. ނޭގުނީ ރާހިލްއަށެވެ.
ދާނިޝް ދަތްކުނޑިވިކައިގެންފާ އެނބުރި ބަލާލިގޮތުން އެ ރީތި ދެލޮލުން ރާހިލް އަންދާލަފާނެހެން ހީވިއެވެ. ރާހިލް ހީކުރީ އެ އިންޒާރުގެ ނަޒަރުން އެކަނި ފުއްދާލާނީކަމަށެވެ. އެ މެސްމެރިޒަމްގެ އަސަރު އެކުލެވޭ ރީތި ދެލޮލުގެ ބާރުން އަސަރު ކުރަނީ ހަމައެކަނި އަންހެންކުދިންނަކަށް ނޫނެވެ. ފިރިހެން ކުދިން ވެސް އެ ލޮލުގެ ބާރުގަދަކަމުގެ ވާހަކަ ދައްކައެވެ.

ދާނިޝް އެއައިގޮތަށް އައިސް ރާހިލްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލަން އުޅުނެވެ. އޭނައައިލެއް ބާރުކަމުން ރާހިލް އަށް ވާނުވާ ރޭކާވެސް ނުލިއެވެ. އެގުނީ މީރާން އެ ދެމެދަށް ވަންކަމެވެ. ދާނިޝްގެ އަތުގައި ހިފެހެއްޓިކަމެވެ. ރާހިލް އަށް ވާނުވާ އެގެން ފެށީ ދެނެވެ. ދާނިޝް ރުޅިގަދަވިވަރުވެސް އެގުނެވެ.

"ޑޭން ހަމަޖެހިބަލަ. ރާހިލް އެބުނީ މުޅިން ދޮގެއްނޫން. ހުރިހާ ހަގީގަތެއް އެގިގެން އޭނަ އެހެން ބުނީ....." މީރާން ހިފަހައްޓާފައި ހުރިގޮތުން އަތް ގުޑުވާނުލެވޭނެކަން އެގޭތީ ވީއްލުވާލާކަށް ވެސް ދާނިޝް ނޫޅުނެވެ. މީރާން ގެ އާރާއި ބާރު ރަގަޅަށް އެގޭތީއެވެ.
. "ވެގެން އުޅޭގޮތް ކިޔާދީބަލަ މީރާން...." ދާނިޔާލް އެދުނެވެ
"ރާހިލް ކިޔާދޭންވީނު. ފަރުޒާނާ އާއި ސައްފޫރު ކާކޮޓަރީގައި ތިބެގެން މާޒީ ހަދާންކޮށްލިގޮތާއި ރާހިލްއަށް އެ ވާހަކަތައް އަޑުއިވުނީމަ އިތުރު ސިއްރެއް ފެނޭތޯ މުޅި ގެ ހާވާލާފައި އެންމެ ފަހުން ޖީނާގެ ޑައިރީ ކިޔާލާފައި ރުއީ ކިހާވަރަކަށް ތޯ އަހާލަބަލަ. އެހެންވެ އަހަރެން ބުނި ރާހިލް ވާނެޖެހޭނީ ޑިޓެކްޓިވް އަކަށޭ. ޑޮކްޓަރަކާއި ވައްތަރެއްވެސް ނޫން. ކިހާ ހޭންޑްސަމް........."މީރާން ލާނެތްގޮތަކަށް ބުންޏެވެ.

ރާހިލް ސިހިފައިވާކަހަލަ ގޮތަކަށް މީރާން އާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ބުނާނެ އެއްޗެއް ނޭގިފައި އިނެވެ. އޭނައަށް ލަފާކުރެވުނީ ހަމަ ރަގަޅަށެވެ. މީރާން އަކީ ރޫހާނީ ބާރުލިބިފައިވާ ފަރާތެކެވެ. އޭނަގެ އެ ހަރަކާތްތައް އިންސާނަކަށް މިހާރަގަޅަކަށް ކިޔައެއް ނުދެވޭނެއެވެ. ޚާއްސަކޮށް ޖީނާގެ ކޮޓަރިއަށް ވަދެ ތަޅުލައިގެން ހުރެ އޭނަ ކުރި ކަމެއް އިންސާނަކަށް އެގޭނެހެއްޔެވެ؟ ވާއު އޭނައަށް މިއުޅެވެނީ ކާކުކަން އެއްގޮތަކަށްވެސް ނޭގޭ މަޚުލޫގަކާއި އެކީގައެވެ.
ރާހިލް އޭނަގެ ބައްޕައާއި ބޮޑުދައިތަ ދެއްކި ވާހަކަތައް ދާނިޔާލްމެނަށް ކިޔާދިނެވެ. ޖީނާއަކީ ރާހިލް ގެ އެއްބަފާ ކޮއްކޮއެއްކަމާއި ދާނިޝް ދެކެ އޭނަ ލޯބިވާކަން އެނގުނީ ޑައިރީ ކިޔާލުމުން ކަމަށް ބުންޏެވެ. ޝާހާންމެނަށް ލިބުނު ޝޮކަށްފަހު އެންމެންވެސް އެއްބަސްވީ މިކަންސިއްރުކުރުމަށެވެ. އެންމެނަށްވެސް ކުށްވެރިޔަކަށް ފެނުނީ ފަރުޒާނާއެވެ. ސައްފޫރުގެ ފަރާތުން ބަދަލުހިފަން ވެގެން އެ ކުރި ނުބައިކަމަކުން ހަގީގަތުގައި އެންމެބޮޑު ލަނޑެއް ދެވުނީ މައުމޫންއަށެވެ. މައުމޫންއަށް އެގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ހާދަ ދެރައެވެ.

"އެކަމަކު ޑޭން ކިއްވެ އެލީ އަށް ލަޑެއްދޭން ތިއުޅެނީ؟ އޭނަ ހާދަ ދެރަވާނެ...." ރާހިލް ގެ ހިތުގައި އަލިޒާއާއި މެދު ހަމްދަރުދީ އުފެދުނެވެ. ރާހިލްގެ މަރުވެފައިވާ އެއްބަޑުއެއްބަފާ ކޮއްކޮ އައިޒާގެ ހަދާން އާކުރުވާ ކޮންމެ އަންހެންކުއްޖަކާއި މެދު ކޮއްކޮއެއްގެ ނަޒަރުން ބެލެވެން ފެށުނީ ކަމަށްވެދާނެއެވެ. އެފަދަ ކުދިންނަށް އަދި ފެނިފައި މިވަނީ ޖީނާއާއި އަލީޒާއެވެ.

"ރާހިލް. މިއީ އަލީޒާއަށް އަހަރެންވެދޭ އިހުސާންތެރިކަމެއް. އެއްވެސްކަމެއް ނޭގިހުރެ މަގޭ ޒާތީކަންތައްތަކާއި ނުބެހިބަލަ ރާހިލް........" ދާނިޝް ތަންކޮޅެއް ރުޅިމައިތިރިކޮށްލަމުން ހީލިއެވެ. ދާނިޝް ގެ އެ ޖުމްލައިން ދާނިޔާލްއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ހަގީގަތުގައިވެސް އަލީޒާ ދޮގުހަދައިގެން ބައްޕައަށް ސިޓީއެއް ލިޔުނީހެއްޔެވެ؟ ދާނިޝްގެ އެއްވެސް ކުށެއްނެތީ ހެއްޔެވެ؟ ދެން ކުރާނެކަމެއް ނެތެވެ. ވާނުވާ ބަލަހައްޓައިގެން ތިބުން ނޫން ގޮތެއް ނެތެވެ. ދާނިޔާލް ހަދާންވީ ދާނޝް ގެމޫނުމައްޗަށް އޭނަ ވީއްލާލި އެތިފަހަރެވެ. ދާނިޝްގެ ލޮލުން އޮހުނު ކަރުނަތަކެވެ. ދާނިޝް ހިމޭނުން ހުރިގޮތެވެ. އެއީ ދާނިޝް ގެމިޒާޖުގެ ބަޔެކެވެ. ބޮލުގައި އެޅޭ އެފަދަ ކުށްތަކުން ސަލާމަތްވާކަށް ނޫޅޭނެއެވެ. އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެއް ދުވަހަކުވެސް ނުބުނާނެއެވެ. ކުރާނެކަމެއް ނެތެވެ. ހަގީގަތް މިވަނީ ފޮރުވިފައެވެ. ދެން އަލީޒާ ގެ ގާތުންވެސް އެހުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ.

"އެނީވޭއިސް އަލީޒާގެ ހިތަށް އަނިޔާއެއްނުދޭތީ. ބައެއްކުދިންނަކަށް ކެތްނުކުރެވޭނެ. ކޮންފަދަ ގޯހެއްވެސް ހަދާފާނެ އިގޭ.." ނުސީދާކޮށް ނަމަވެސް ރާހިލް އެބުނީ ޖީނާ އަމިއްލައަށް މަރުވާން އުޅުނީތީ އެކަމަށް އިޝާރާތްކޮށްފައިކަން އެންމެނަށްވެސް އެގުނެވެ.

"މެޗް ފެށޭގަޑިޖެހެނީނު. ކޮންބަޔެއްމިރޭ މޮޅުވާނީ؟ " ޝާހާން ބޭނުންވީ އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔުމަށެވެ. މިރެއަށްވާ ވަރަށް ރުޅިގަދަވެ އަރައިރުންވެވިއްޖެއެވެ. މާހައުލުގައިވާ ނުތަނަވަސްކަން ނައްތާލަން އޭނަ ބޭނުމެވެ. ނަސީބަކުން ދެން ފެށުނީ އެބަހުސެވެ. ނަމަވެސް ދާނިޝް އިނީ ތަންކޮޅެއް މައިތިރިވެލާފައެވެ. އޭނަގެ އެކުވެރިންނާއިއެކު އުޅޭގަޑީގައި އެހުންނަ ލާނެތްބައި އެއްގޮތަކަށްވެސް ނެތެވެ. މެޗް ބެލިއިރުވެސް ޝައުގެއްނެތެވެ. އޭނަގެ ވިސްނުންހުރީ އެހެން ދިމާލެއްގައެވެ. ދިރިއުޅުމަށް އައިސްފައިވާހައްލުކުރަން އުދަގޫ މައްސަލަތަކާއި ގުޅިގެން ހަދަންވީގޮތެއް މިވަނީ ނޭގިފައެވެ. އެއްފަރާތުގައި އަލީޒާއެވެ. ދެން ހުރީ ޖީނާއެވެ. ހީވާގޮތުން އޭނައަށް އެކެއްގެ ހިތްހަމަޖައްސާދެވޭކަށްވެސް ނެތެވެ.

ދާނިޝް ޖީނާގެ ކޮޓަރީގެ ދޮރުހުޅުވާލިއިރު ފަރުޒާނާ އިނީ ސޯފާގޮޑިއެއްގައި މެޑިކަލްފޮތެއް ހުޅުވާލައިގެން އެއަށް ގެއްލިފައެވެ. ހުޅުވާލާފައި ހުރި ޓީވީ އިން އަންނަމުން ދިޔައީ އިގިރޭސި ލަވައެކެވެ. ޖީނާއޮތީ ބޮޑު ޓެޑީބެއަރއަކާއި ބައްދާލައިގެން ނިދާލާފައެވެ. އެމޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ފަން ފަން އިސްތަށިގަޑުން ބަޔެއްމޫނަށް ވެއްޓިފައި އޮތެވެ. ދާނިޝްއައީ ސްޓެތޯ އަތުންހިފާލައިގެން އެންމެ " ޝާހާން " ވެގެންނެވެ. ނޫކުލައިގެ ގަމީހާއި އެކު ޑޮކްޓަރ ކޯޓްގައި ހުރިއިރު ސްމާރޓްކޮށް ދައްކައެވެ.
"ހައި މަމް..." ދާނިޝް އެ ޑިމްޕަލް ހިނިތުންވުމުން ފަރުޒާނާ އަދިވެސް ބޮޑަށް އޮޅުވާލިއެވެ. ދާނިޝް ފަރުޒާނާ އަށް މިހާ ސަޅި ހިނިތުންވުމެއް ހަދިޔާކޮށްލި ފުރަތަމަފަހަރެވެ.

"އަނހަ ޝޭންތަ؟މަމް މިއުޅެނީ ނަމާދަށް ވެސް ނުދެވިގެން. އެއްގޮތަކަށްވެސް ޖީން އެކަނިކޮށްލާފައި އެއްމިނިޓަށް ވެސް ދާކަށް ބޭނުމެއްނުވޭ. އަދިވެސް އެހަނދާން އާވިޔަސް މޭގަނޑު އަނގަޔަށް އަންނަވަރުވޭ. ޝޭން ބިޒީތަ؟" ފަރުޒާނާ ފޮތް ލައްޕާލާފައި ކޮޅަށް ތެދުވެއްޖެއެވެ. ފަރުޒާނާ ޝާހަންއަށް އިތުބާރުކުރެއެވެ. އެކަމުގެ ފައިދާ ކުރަން މިއުޅެނީ ދާނިޝްއަށެވެ. ދުނިޔެއިން ފަރުޒާނާ އެންމެ ނަފުރަތުކުރާ އެންމެ ދަރިފުޅު ހަވާލުކުރަން ބޭނުންނުވާ މީހާޔާ ހަވާލުކޮށްލާފައި ފަރުޒާނާ އެއުޅެނީ މިތަނުން ދާށެވެ. ދާނިޝްއަށް މަޖާވިއެވެ. ޓްވިންއެއް ހުރުމުގެ ފައިދާ ގުނާއަދަދު ނުކުރެވޭނެއެވެ. އެންމެ ފަސޭހައީ ލޯގަނޑުން ބަލާނުލާ ފަރުޖެހޭތީއެވެ. ޝާހާން ފެނުމުން އަމިއްލަ ސޫރަ ލޯގަނޑުން ފެނުމަށް ވުރެ މާބޮޑަށް ހިތްހަމަޖެހެއެވެ. ލޯގަނޑުންވެސް އެހާ ރަގަޅަށް މީހެއްގެ ސޫރަ ފެންނާނެކަމަށް ދާނިޝް ގަބޫލެއްނުކުރެއެވެ.

"ނޫން. ވަރަށް ފްރީ ދުވަހެއް. ޕޭޝަންޓުން ނިންމާލާފައި މިއައީ . މިތާ ހުރެވިދާނެ ގަޑިއެއްހާއިރުވަންދެން..........." ދާނިޝް ސޯފާގައި އިށީދެ ކުޑަ މޭޒުމަތީގައި އޮތް މެގަޒިން އެއް ނެގިއެވެ. ގަޑިއެއްހާއިރުވަންދެން ފަރުޒާނާ ނެތިއްޔާ އޭނަ ޖީނާއާއި ދައްކަން ބޭނުންހާ ވާހަކައެއް ދެއްކިދާނެއެވެ. މިއީ އަނެއްހެން ބަލިމީހުނަށް ޒިޔާރަތް ކުރާގަޑިއެއްނޫނެވެ. ކޮންމެ ކޮންމެ މީހެއް މިގަޑިއަކު އުދަގޫކުރާކަށް ނާންނާނެއެވެ.
"ދެންމެ ޖީން އަށް އެ ނިދުނީ. އަދިވެސް ޖީން ބޭނުމެއްނުވޭ ކާއެއްޗެއް އަގަޔަށްލާކަށް. ޝޭން ހައްލާލައިގެން ކޮންމެވެސް އެއްޗެއް ދެވޭތޯ ބަލައްޗޭ.............." ފަރުޒާނާ މަޑުމަޑުން ހިގާލާފައި ގޮސް ޖީނާގެ މޫނުމައްޗަށް ފައިބާފައި އޮތް އިސްތަށިކޮޅު ރަގަޅުކޮށްލިއެވެ. ކިތަންމެ ހަރުކަށިނަމަވެސް ފަރުޒާނާ އޭނަގެ ދަރިފުޅުދެކެ ލޯބިވާވަރު އެ ހަރަކާތުން ވެސް ދާނިޝް އަށް އެގުނެވެ. އޭނަގެ ލޯބިވާ މަންމަފަދައިންނެވެ. އޭނަގެ މަންމަ އޭނަ ކުޑައިރު ނިދާފައި ކަމަށް ހެދިގެން އޮންނައިރު ނިތްކުރީގައި ބޮސްދެއެވެ. އިސްތަށިގަނޑު ރީތިކޮށްލަދެއެވެ. ލޯބިން ވާހަކަ ދައްކައެވެ. މަންމަމެންނަކީ ހާދަ މާތްބަޔެކެވެ. އެންމެ މަތިވެރި ލޯތްބަކީ މައިން ދަރިން ދެކެވާ ލޯތްބެވެ.

"އޯކޭ. މަމް. ޑޯންޓް ވޮރީ. ޝީ އިޒް އިން ގުޑް ހޭންޑްސް......." ދާނިޝް މާނަވީގޮތަކަށް ބުންޏެވެ. ފާޑަކަށް ހީލަމުންނެވެ. ފަރުޒާނާ އެވަގުތުކޮޅު ދާނިޝްގެ މޫނަށް ބަލައިލިނަމަ އެއީ ދާނިޝް ކަން އެގުނީހެވެ.
"ޝޭން ފަދަ ބޭބެއަށް ލިބުނުކަމީ ޖީންގެ ނަސީބު. އެދުވަހުވެސް ޝޭންއަށް ނާދެވުނުނަމަ ..........." ފަރުޒާނާ މޭޒުމަތީގައި ވާ ފޮތާއި ދަބަސް ނަގައިގެން ނުކުމެގެން ދިޔައީ ދާނިޝްގެ ބޮލުގައި ފިރުމާލާފައެވެ. އިރުކޮޅެއްވާންދެން ޓީވީއިން ދައްކަމުންދާ ލަވަތައް ބަލަން އިނުމަށްފަހު ދާނިޝް ތެދުވެގެން އައިސް ޖީނާގެ އަތުގައި ހިފާލިއެވެ. ދެތިންފަހަރު ގޮވާލާއިރަށް ޖީނާ ދެލޯ ހުޅުވާލައިފިއެވެ. އޭނައަށް އެ ގޮވާލިގޮތުންނާއި ހިފާލުމުން އެ ކުރެވުނު އިހުސާސް ތަކުން އެއީ ދާނިޝްކަން ވަގުތުން އެގުނެވެ. ޖީނާގެ ނޭވާވެސް ވަގުތުކޮޅަކަށް ހުއްޓުނެވެ. އެސްފިޔަޖަހާލަން ނޭގިފައި ބަލަހައްޓައިގެން އޮވެވުނީއެވެ. އެއާއިއެކު ޖީނާއަށް ދާނިޝްގެ އަތުގައި ހިފަހައްޓާލެވުނީ ބާރު ބާރަށެވެ.
"ޖީން ކިހިނެއް؟ ..........." ދާނިޝް އެ އަތް ނައްޓުވާލާކަށް ނޫޅުނެވެ. އޭނަ އެނދުގެ މަގަތުގައި އިށީނެވެ. ޖީނާ ބޭނުންގޮތެއް ހަދަން އަތްދޫކޮށްލައިގެންނެވެ.
ޖީނާގެ ލޯ ކަރުނުން ފުރެމުންދިޔައެވެ. ކިތަންމެ ކެތްކުރަން މަސައްކަތް ކުރިނަމަވެސް ހިތް ފުރިގެން ބަންޑުންވަމުން ދަނީއެވެ. އޭނަ ވަކި ކީއްކުރާނީހެއްޔެވެ؟
. "ހާދަ ލަހުން ތި އައީ؟ " ޖީނާގެ އަޑުގައި ވަނީ ޝަކުވާ ގެ ރާގެވެ
"ޖީން އަށް ރަގަޅަށް ސަބަބު އެގޭނެ. މަންމަ އަހަރެން ފެނިއްޖެއްޔާ ވާނެވަރު މިހެން ނުބުންޏަސް ޖީން އަށް އިގޭނެ... އެކަމަކު ޖީން މިވަރު ކަމެއްކޮށްލިއިރު މަގޭގާތުގައި ނުބުނެވުނީ ކީއްވެ؟ ޖީން ބޭނުންވީ މުޅި އުމުރަށް އަހަރެން ގިލްޓީ ކުރުވަން؟ ވަރަށް ބޮޑަށް ދެރަވި.. ހިޔެއް ނުކުރަން ޖީން އެހާ ބޮޑު ގޯހެއް ހަދާފާނެކަމަކަށް. ބުނެބަލަ. އަހަރެން ކޮށްދޭންވީކޮންކަމެއް......................" ދާނިޝްގެ ރީތިލޮލުގައި ވީ އިންތިހާދަރަޖައިގެ ސީރިޔަސްކަމެވެ. އެ ބާރުގަދަ ނަޒަރުން ސަލާމަތްވާން ޖީނާ އަވަހަށް އެސްފިޔަތައް ތިރިކޮށްލަން މަޖުބޫރުވިއެވެ. ކެނިއުލާ ގުޅާފައި އޮތް އަތުން އޭނަގެ ލޯ ފޮހެލިއެވެ. އޭނައާއި ދާނިޝް ގެ ދެމެދުގައި ހުރަހަކަށް އޮތް ޓެޑީ އެދުގެ އަނެއް ފަރާތަށްލުމަށްފަހު ޖީނާ ތެދުވެ އިށީދެއްޖެއެވެ. މިހާރު އޭނައާއި ދާނިޝް ގެ މޫނު ވަނީ ދާދި ކައިރީގައެވެ.

ދާނިޝް މިރޭ ކައިވެނިކުރާކަން އަލީޒާގެ ފަރާތުން ޖީނާއަށް ވަނީ އެގިފައެވެ. މިރެއަށް ފަހު އޭނައަށް ދާނިޝް މުޅިއުމުރަށް ގެއްލިގެންދާނެއެވެ. ލޯބިވާވަރު ބުނެދޭނެ އިތުރު ފުރުސަތެއް ނުލިބޭނެކަން ގައިމެވެ. އަބަދު ގެ އަބަދަށްޓަކައި " ބޭބެ" އެއްގެ ގޮތުގައި ދެކެން މަޖުބޫރުވާނެއެވެ. އެންމެ ފަހުފަހަރަށް އޭނަ ލޯބިވާކަން އަންގައިދިނުން ޖީނާއަށް މުހިއްމުވިއެވެ. ޖީނާ ދާނިޝް ގެ ކަދުރާއަށް އަތް ވައްޓާލަމުން އެ ބޯ އެސްފިޔަތަކުން ފްރޭމް ކުރެވިފައިވާ ރީތި ދެލޮލުގައި ބޮސްދިނެވެ. އެއީ ޖީނާ ގެ ހިތް ހަލާކު ކުރުވި ދެލޮލެވެ. ދީވާނާކުރުވި ދަގަތްފާނުގެ ބާރު އެކުލެވޭ ދެލޮލެވެ.
"އައި ވިލް ލަވް ޔޫ ނައު އެންޑް ފޯރއެވަރ. ޔޫ އާރ އެވްރީތިންގް ޓު މީ. އަބަދަށް ވެސް އެކަން ހަދާން ކުރައްޗޭ. ޕްލީޒް...އެކަމަކު.........." ޖީނާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދާނިޝް ގެ މޫނު ތެންމާލިއެވެ. ދާނިޝް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާކަމަށް ހީކުރެވުނެވެ. ޖީނާގެ އެކަރުނަތަކުން އޭނައަށް ފުން އަސަރުތަކެއް ކުރުވިއެވެ. ހަމްދަރުދީ އިން ހިތް ފުރުނެވެ. މިވަރަށް އޭނަ ދެކެ ލޯބިވާ އަންހެންކުއްޖަކު ދޫކޮށްލާފައި އޭނަ ދުރަށް ދާންވާނެހެއްޔެވެ؟ އަލީޒާ އޭނަ އަށްޓަކާ މިވަރުވެދާނެހެއްޔެވެ؟
ދާނިޝްގެ އިނގިލިތަކުން ޖީނާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ. " ޖީން..ނުރޮއި...އަހަރެން ބޭނުމެއް ނޫން ޖީން ރޮއްވާކަށް.. ޖީން އުފަލުގައި ހުންނަތަން ދެކެން ބޭނުމީ... އެހެންވެ މިއެހީ ކިހިނެއްހޭ އަހަރެން ދެން ހަދަންވީ؟ މަންމަ ދޫކޮށްލާފައި ކޮޓެޖަށް އަންނަން ބޭނުންތަ؟"

"ނޫން.. ނޫން.........." ޖީނާއަށް އަވަސްއަވަހަށް ބުނެލިއެވެ. " ޑޭން ތިއުޅެނީ މިރޭ މެރީކުރަން....އެލީ ކިހާ ދެރަވާނެ............"
"އަދި ނޭގޭ މި މެރިޖަށް ވާނެ ގޮތެއް. ތެދަށް ބުނަންޏާ ޖީންގެ ސަބަބުން އަހަރެން މިހިރީ ހަދާނެ ގޮތް ހުސްވެފައި. ބޭނުމެއްނޫނޭ ޖީންގެ ހާރޓްބްރޭކް ކޮށްލާފައި ދިރިއުޅުމެއް ފަށާކަށް............" ދާނިޝް ފުން ނޭވަޔެއްލިއެވެ.
"ނޫން. ޕްލީޒް ޑޭން އުފަލުގައި އުޅޭތަން ފެނުނީމަ ޖީން ވެސް އުފާވާނެ. އެލީ އަކީ މަގޭ ބެސްޓްފްރެންޑް. އެލީހާ ރަގަޅު ކުއްޖެއް ދުވަހަކު ނުދެކެނެ. ޖީން ބޭނުމީ ޑޭންއާއި އެލީ އަބަދުގަ އަބަދަށް އުފަލުގައި އުޅުން........." ޖީނާ ގަދަކަމުން ހިނިތުންވެލިއެވެ.
"ވީއިރު ޕްރޮމިސް ކުރޭ ޖީން އަމިއްލަ ފުރާނައަށް ގެއްލުމެއް ނުދޭނެކަމަށް....." ދާނިޝް ބުންޏެވެ.
. "އޯކޭ..އެކަމަކު ހަދިޔާއެއް ބޭނުން..........." ޖީނާ ވިސްނާލުމަށްފަހު ތެޅިތެޅިވާ ހިތަކާއިއެކު ބުންޏެވެ
. "ޓެލް މީ. ކޯންޗެއް ބޭނުމީ؟ ކޮންމެ އެއްޗެއްވެސް ލިބިދާނެ............. " ދާނިޝް ޔަގީން ކަން ދިނެވެ
"ހަދާން ނައްތާނުލެވޭނެފަދަ ކިސް އެއް. އަދި ހަގެއް............................" ޖީނާ ޖެހިލުމެއް ނެތި ބުންޏެވެ. އޭނަ މިހިރީ މަންމައާއި ބެސްޓްފްރެންޑަށްޓަކާއި ފުރާނަފަދަ ލޯބިވާ ލޯބިވެރިޔާއާއި ވަކިވާށެވެ. އެކަމަކު އަގުހުރި ހަދިޔާ އަކާއި އެކީގައެވެ. މުޅި އުމުރަށް ހަދާން ހުންނަވަރުގެ ހަދިޔާއެއް އޭނަ ބޭނުމެވެ. ޑައިރީ ގައި ލިޔެވޭ އެންމެ ޚާއްސަ ވަގުތުކޮޅަށް ވާން ޖެހޭނެއެވެ. ޖީނާއަށް އެންމެ މަޖާވީ ހަމަ އެވަގުތު ކޮޅު ޓީވީއިން " މައިހާރޓް ވިލް ގޯ އޯން" ގެ ވީޑިއޯ ދައްކަން ފެށުމުންނެވެ. މި ތާރީޚީ ވަގުތުކޮޅު އިތުރަށް ފުރިހަމަވީއެވެ. ބެކްގްރައުންޑް އިން މިވަގުތު އޭނަގެ ޚާއްސަ ލަވައައުމަކީ ހަމަ ލޯބީގެ އިއްތިފާގެކެވެ.

"ޔޫ އާރ ނޯޓީ.. ބަޓް ވަޓް ޓު ޑޫ.....ޔޫ އާރ މައި ގާރލް ......." ދާނިޝް ހީލިއެވެ. ދާނިޝް ގެ އެ ޑިމްޕަލް ރީތި ހިނިތުންވެލުމުން ޖީނާއަށް ވެސް ހެވިއްޖެއެވެ. ހިދުކޮޅަކަށް ނަމަވެސް ބަޔާން ނުކުރެވޭފަދަ ފިނިކަމަކާއި އުފާތަކެއް ހިތަށް ލިބިއްޖެއެވެ.
"އެ ކިސް އެންޑް އެ ހަގް ދެޓް ވިލް ލާސްޓް ފޯރ އެ ލައިފްޓައިމް. ބިރުވެސް އެބަގަނޭ ތަންކޮޅެއް ބާރަށް ބައްދާލަން....އެކަމަކު ................... " ދާނިޝް ބޭނުންވީ ޖީނާ އުފަލުގައި ހުރުމަށެވެ. ދާނިޝްއަށް ނޭގުނީ މިކަމުގެ ސަބަބުން ޖީނާގެ ދީވާނާކަން އިތުރުވާނެކަމެވެ. މިއީ ހެދުނު އަނެއް ގޯސްކަމެވެ. ދާނިޝް ޖީނާ އާއި ވާހަކަ ދައްކަން ފުދޭވަރަކަށް ގިނައިރުވާންދެން އިނެވެ. ޖީނާއަށް ކުރުބާފަންޏާއި މޭވާކާންދިނެވެ. އޭނަ ބޭނުންވީ ފަރުޒާނާ އަންނަންދެން މަޑުކުރުމަށެވެ. ފަރުޒާނާ އައުމުން އެއީ ޝާހާން ނޫންކަމާއި ދާނިޝް ކަން ކޮންމެހެން ވެސް އަންގަން އޭނަ ބޭނުމެވެ. އެވަގުތު ފަރުޒާނާ ގެ މޫނަށް ވެރިވާ ކުލަވަރު ކޮންމެހެން ވެސް ދެކެންޖެހޭނެއެވެ. ފަރުޒާނާ މިދިން ފުރުސަތަށް ޝުކުރު އަދާކުރަން މިއަދު އޭނަ ބޭނުމެވެ. ޖީނާގެ ސިކިއުރިޓީ އަދި ދޯދިޔާކަން ފަރުޒާނާއަށް އެގެން ޖެހޭނެ ނޫންހެއްޔެވެ؟ ދާނިޝް އިނީ މަޖާވެލާފައެވެ.





އަލީޒާ މިރޭ ހުރީ ދަނބު އަދި ހުދުކުލައިގެ ލޭސްފޮތިންފަހާފައި ވާހެދުމެއްގައެވެ. ރަންކުލައިގެ ގަހަނާތަކުން ކަނދުރާއާއި އަތްފައި ފަޅުފިލުވާލާފައިވެއެވެ. ރީތިކަމުން އޭނަ ހީވަނީ ޕްރިންސެސްއެއް ހެނެވެ.
"މިރޭ އެއްވެސް ވަރަކަށް މޭކަޕްކުރުމުގެ ބޭނުމެއްނެތް އެލީ....ވެޑިން ޕާޓީ ބާއްވާއިރު ސެލޫންއަކަށް ގޮސް ފުރިހަމަ މޭކަޕެއްކުރުވާނީ ދޯ. އެކަމަކު ހާދަހާ ވާ ރީއްޗޭ އެލީ. ހަމަ ތެދެއްމިބުނަނީ. ޑޭން ފެއިންޓްވާނެ އެލީ ފެނުނީމަ. ކިހާ އިނޮސެންޓް. ޑޭން ގެ ނަން އިވުނީމަ ވެސް ބްލަޝް ވެގެން ޖަންބެއް ހެން ވެފައި. ދެން މިރޭ ވާނީ ކިހިނެއްތަ؟...ހެހެ.............." އީނާ އަލީޒާގެ ކޯތާފަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.
"އަސްލުވެސް މިހާރުވެސް ފިނިވާވަރުން މިއުޅެނީ. ނޭގޭ މިރޭވާނެގޮތެއްވެސް. ހަމަ ފެއިންޓްވެދާނެ އީން....ހާދަ ކަންބޮޑުވެޔޭ...." އަލީޒާ އިނީ ލޯގަނޑު ކުރިމަތީގައެވެ. މިރެއަށް އޭނަގެ އިސްތަށިގަނޑުގައި ފުނާއަޅުވާ ރީތިކޮށްދޭން ބިއުޓިޝަންއަކަށްވެގެން މިހިރީ އީނައެވެ. އީނާ ދިމާކުރާވަރުން އަލީޒާ އިތުރަށް ކަންބޮޑުވެ ހާސްވާންފެށިއެވެ. ހުރިހާވެސް މައްސަލައަކީ ދާނިޝް އޭނައަށް ވަގުތު ނުދިންކަމެވެ. ކާވެނީގެ ކުރިން ތަންކޮޅެއް ގިނައިން ބައްދަލުވެ އެކީގައި އުޅެވުނުނަމަ މިރޭ މިހާ ހާސްވެ ލަދުނުގަތީސްކަން ނޭގެއެވެ. ކަންތައް މިދަނީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. އެންމެ ފަހު ދުވަހު ދާނިޝް ބުނީ ޕާޓީ ބައްވަން ބޭނުންނުވާ ކަމަށެވެ. އޭނަ އީނާ ގާތު ބުނީ ވެޑިންޕާޓީ ކުޑަކޮށް ލަސްކޮށްލީކަމަށެވެ. އަޖައިބު ވަނީ އަލީޒާގެ މަންމަ މެނަށް ދާނިޝްގެ އާއިލާވެސް ތައާރަފުކޮށް ނުދިނީމައެވެ. ކައިވެންޏަކީ ހަމައެކަނި ލޯބިވާ ދެފަރާތް އެކަނި ގުޅުންހެއްޔެވެ؟ އޭނަގެ ހިތުގެ ކަނެއްގައި ކޮންމެވެސް ޝައްކުތަކެއް ހިނގިނަމަވެސް ލިބެމުންދާ މަތިވެރި އުފަލުގެ ސަބަބުން އެހުރިހާކަމަކާއިމެދު ވިސްނާނެ ފުރުސަތެއް ނުލިބެއެވެ. ދާނިޝް އަކީ " މިސްޓީރިޔަސް" ލޯބިވެރިޔެކެވެ. އެހެންވީމަ އޭނަ ހުރިހާކަމެއްވެސް އަލީޒާއަށް ހީނުކުރާފަދަ ގޮތަކަށް ނިންމާލަނީއެވެ. ކާވެނިވެސް މިދަނީ ހަމަ ޕްރޮޕޯސްކުރިފަދަ ގޮތަކަށެވެ.

"ވީއިރު އީންއަށް ފެންނަނީ މި ކާވެނި ކެންސަލް ކުރުވަން.. ޑޭން ފެނުނީމަ ފެއިންޓްވަންޏާ ދެން ބޭކާރުކަމެއްނު މިއީ. ނަސީބެއްނު ޑޮކްޓަރަކާއި މެރީ ކުރަން އުޅޭކަން. ހާރޓްއެޓޭކެއް ޖެހުނަސް ސަލާމަތްވުމުގެ ފުރުސަތު ބޮޑުވާނެ........ " އީނަ ހޭންފެށިއެވެ.
"އީން ސަމާސާނުކޮށްބަލަ ހެޔޮނުވާނެ................." އަލީޒާ ނިޔަފަތި އަނގަޔަށްލިއެވެ.
"މިއީ ސަމަސާއެއްނޫނޭ. އެކަމަކު ނިޔަފަތި ނުކައިބަލަ އެލީ. ޑޭން ހިތަށްއަރާފާނެ މިއީ މިނިކާކުއްޖެކޭ. އޭނަވެސް ބިރުން ހަލާކުވާނެއްނު. އެލީ. އަޅެ ހާދަ ލޯތްބޭ. މީހެއްގެ އެސްފީނާވެސް ޖެހިދާނެ.........." އަލީޒާގެ މޫނު ލޯގަނޑާއި ދިމާލަށް އަނބުރާލަމުން އީނަ ބުންޏެވެ.
ތެދެކެވެ. އަލީޒާ ގެ މޫނު ފެނުމުން އަމިއްލައަށްވެސް ލަދުގަނެއްޖެއެވެ. އެބުނާހެން މިއަދު ވަކިން ބޮޑަށް އޭނާ ރިތިކަމަށް ދައްކައެވެ. އުފާވެރިކަމާއިއެކު ލަދުވެތިކަމުގެ ރަތްކުލަ މޫނުން ފާއްދާލާފައިވާތީކަން ނޭގެއެވެ. ވަގުތު ކައިރިވަމުންދާ ވަރަކަށް ހިތްއަވަސްވަމުން އެބަދެއެވެ. މިއީ ކާވެނީގެ ރޭ ހުރިހާ އަންހެންކުދިން ގެ ހާލުހެއްޔެވެ؟ ނޫނީ ހަމައެކަނި އޭނައަށް ވެގެން އުޅޭގޮތެއްހެއްޔެވެ؟

"ތޭންކްސް އީން. އީން ހުރީމަޔޭ މިހާ ރީތިކޮށް އިސްތަށިގަނޑުވެސް މިހަދާލެވުނީ. އީން ބިއުޓިޝަންއަކަށް ވުރެވެސް މާމޮޅު....." އަލީޒާ ހިނިތުންވެލިއެވެ.
"ފޮނިކުއްޖާގަޑު. މިއީ ގުދުރަތީ މޭކަޕް. އީންގެ މޮޅުކަމެއްނޫނޭ. އަދި އެންމެ މުހިއްމު ކަންތައް މިއޮތީ. ޚާއްސަ ވަގުތުތަކަށް ސެންޓު ބޭނުންކުރަންވާނީވެސް ވަކިގޮތަކަށް..........." އީނާ ހެމުން އަލީޒާގެ ކަންފަތް ކައިރީގައި ލާނެތް ޖުމްލައެއް ބުނެލިއެވެ.

"އީން ހަމަ ތެދެއް މިބުނީ ރޯން ފަށާފާނަން ތިވަރަށް ދިމާކުރަންޏާ. ހުރެބަލަ އީންގެ ކާވެނިރޭ ..........." އަލީޒާ އީނާގެ ކަންފަތުގައި ހިފާލިއެވެ.
އެވަގުތު އަލީޒާގެ ފޯނު ރިންގުވާން ފެށިއެވެ. ދާނިޝް އޭނަ ބަލާ އައީކަން ނޭގެއެވެ. އަލީޒާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ.

އަލީޒާ އީނާގެ ކަންފަތުގައި ހިފާލިއެވެ. އެވަގުތު އަލީޒާ ގެ ފޯނު ރިންގުވާން ފެށިއެވެ ދާނިޝް އޭނަ ބަލާއައީކަން ނޭގެއެވެ.

ފުރަތަމަ ރިންގާއިއެކު އަލީޒާ އަވަހަށް ފޯނު ކަންފަތުގައި ޖައްސާލަމުން ޑޭންއަށް ގޮވައިލީ ވަރަށް ލޯބިންނެވެ. އެކަމަކު ދާނިޝް ގެ ވާހަކަހުރި ރާގުން ކޮންމެވެސްވަރަކަށް އަލީޒާގެ އުފާވެރިކަމާއި ހިތްހަމަޖެހުން ގެއްލިގެން ދިޔައެވެ. ފޯނުބާއްވާލާފައި އިސްޖަހާލެވުނެވެ. ހާދަ ދެރައެވެ. އެންމެ ފަހު ވަގުތު އެބުނީ ބަލާނާދެވޭނެކަމަށާއި ޓެކްސީއެއްގައި އައުމަށެވެ. ކުރާނެކަމެއްނެތެވެ.
" ކިހިނެއްވީތަ؟ " އީނާއަށް އަލީޒާ މޮޅިވެރިވެފައިން ކަން ވަގުތުން ފާހަގަކުރެވުނެވެ.
" ކަމެއްނުވޭ....ޑޭން ގުޅާފައި ބުނީ...ގަޑި ޖެހެނީޔޭ އަވަހަށް އަންނާށޭ........." އަލީޒާ އަތުކުރީގައިވާ ގަޑިއަށް ބަލާލަމުން ތެދުވާން އުޅުނެވެ.
" އިރުކޮޅަކަށް މަޑުކޮށްބަލަ ބާބީޑޯލް.......އަދި އެންމެ މުހިއްމުކަންތައް ހަދާން ނެތިފައި މިހިރީ....... .." އީނާ ގެނައި ރާލފް ލޯރެން ގެ ރޮމެންސް ސެންޓްފުޅިން އަލީޒާގެ ގަޔަށް ސެންޓް ޖަހާލަދެމުން އީނަ ބުންޏެވެ.
"މިރޭ ވީހާވެސް ބޮޑަށް ނެޗުރަލްކޮށް ހުންނަންވާނީ. ހީވާގޮތުން ޑޭންއަށް އެންމެ ކަމުދާނީ ގުދުރަތީ ރީތިކަމާއި މީރުވަސް. މާ ބޮޑަށް ސެންޓް އޮއްސާލަންވެއްޖެއްޔާ އޭނަ ސަފަކޭޓްވެސް ވެދާނެ. އެހެންވެ އާރޓިފިޝަލް ނުކުރަން މިއުޅެނީ. ވާއު. އީން ވެސް ޖޭވާ ވަރު އެބަވޭ އިގޭ. ހީވަނީ އެންޖެލް އެއްހެން...ޑޭން ގެ އެންޖެލް..................." އީނަ އަލީޒާ ގެ ކޯތާފަތުގައި ހިފާލިއެވެ.
" އަލީޒާ....އަވަސްކޮށްބަލަ...ގަޑިއަށް ތައްޔާރުވާންޖެހޭނެއްނު....................................." މަންމަ ހުރީ އިރުއޮއްސުމާއިއެކު ރީތި އާހެދުމެއް އަޅައިގެން ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. ހީވަނީ އަލީޒާގެ ބަދަލުގައި މިރޭ ކާވެނިކުރަނީ ސާއިރާހެނެވެ. އެތައްފަހަރު ލޯގަނޑުން ފަރިބަލާލައިފިއެވެ. މޮޅުމީހެއްގެ ދަރިއަކާއި ދަރިފުޅު އިންނައިރު ޔަގީނުންވެސް އެތަނުގައި ތިބޭނީ މާތް ގަދަރުވެރިމީހުންނެވެ. ސާއިރާ އެންމެ ކަންބޮޑުވަނީ މާ ސިއްރުވެރިގޮތަކަށް މި ކާވެނީގެ ކަންތައް ދާނިޝް ގެންދާ މަގުސަދު ނޭގިގެންނެވެ. މިފަދަ ބޮޑު ފަޚުރެއް ލިބުނީމަ ވެސް މި ޖެހުނީ މީހަކަށް ނާންގާ ހިމޭނުން ހުރުމަށެވެ. އަޖާބެކެވެ.

އަލީޒާ އާއި އެކު އީނާ އަދި މަންމައާއި ކޮއްކޮމެންވެސް އާއިލީ ކޯޓަށް ދިޔައެވެ. އޭރުވެސް ދާނިޝް އެތަނަކަށް ނާދެއެވެ. އަލީޒާ ހާސްކަންމަތީގައި ފިކުރުބޮޑުވެފައިހުއްޓާ ދާނިޝް ގެ ޕާޕްލް ކާރު މަގުމަތީގައި ޕާކްކޮށްލުމަށްފަހު އޭނާ އައެވެ. ހާދަ ނުރަސްމީ ކޮށެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެކެވެ. ކިތަންމެ ނުރަސްމީކޮށް ހުއްޓަސް އެ ޝަހުސިއްޔަތާއި ފިރިހެންވަންތަކަން ފަނޑުކޮށެއްނުލެވެއެވެ. އެ ތަފާތު މޮޑެލްހިގުމެވެ. މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. އަލީޒާއާއި ކާވެނިކުރެވޭތީ އޭނަ އެއްވެސްވަރަކަށް އުފާނުވަނީހެއްޔެވެ؟ އާއިލާގެ އެއްވެސްމީހަކު ނާންނަނީހެއްޔެވެ؟ އާއިލާމީހަކު މިހަފްލާގައި ބައިވެރިވާން ބޭނުންނުވީހެއްޔެވެ؟ އެކަކުވެސް މި ކައިވެންޏާއި ހަމަ ގަބޫލު ނުވީ ބާވައެވެ. ކިތަންމެ ސުވާލުތަކެއް އެންމެންގެ ހިތުތެރޭގައިވެސް އުފެދުނެވެ. އެކަމަކު އެކަކަށްވެސް ސުވާލެއްކޮށްލާނެ ހިތްވަރެއް ނުލިބުނެވެ.

އަލީޒާ އޭނަ ގެ މަންމަމެނަށް ދާނިޝް ތައާރަފުކޮށްދިނެވެ. ދާނިޝް އެވަރަކަށް އެމީހުނާއި އަޅާއެއްނުލިއެވެ. ހައި އަކުން ފުއްދާލާފައި އަލީޒާ ގޮވައިގެން އަވަހަށް ވަނީ އިމާރާތުގެ ތެރެއަށެވެ ބާކީ އިނީ ސިކުންތުކޮޅެކެވެ.ކީއްކުރާނީހެއްޔެވެ؟ ދާނިޝް ގެ މިޒާޖުގައި ހުންނަ ނުރައްޓެހިގޮތްގަޑު އެގިފައިވާތީ އަލީޒާވެސް އިތުރަށް ކުރާނެ ޝަކުވާއެއްނެތެވެ. ނަސީބަކުން މިރޭ އިތުރު އެހެންބަޔެއްގެ ކައިވެންޏެއްމިތާކު ނެތެވެ. ހަމައެކަނި ދާނިޝްއާއި އަލީޒާއެވެ. އެވަރުވެސް ދާނިޝް އޮތީ ބަލާފައިކަމަށްވެދާނެއެވެ. އަލީޒާއަށް ފާހަގަކުރެވުނީ ދާނިޝް މިރޭ އޭނައާއި ދިމާލަށް ނުބަލަން މަސައްކަތްކުރާކަމެވެ. އެއީ ކީއްވެބާވައެވެ. ދާނިޝް ގެ ތައުރީފު ގެ އަޑުއެހުމަށް ހިތް ބޭގަރާރުވެފައިވީނަމަވެސް އެފަދަ އެއްވެސް ކަމެއް މިރެއަކު ނެތެވެ. އުފަލުން އަބަދު ހިނިތުންވެފައި ހުންނަ އަލީޒާއަށް މިރޭ މިދަނީ އަދި މާރަގަޅަކަށް ނޫންކަމަށް ހީކުރެވެންފަށައިފިއެވެ. ކޮންމެވެސް ގޯހެއް އެބައުޅޭކަމަށް ޝައްކުކުރެވުނެވެ.

(ނުނިމޭ)

comment ކޮމެންޓް