އިނގެރޭސިންނާ މަޝްވަރާކޮށްގެން ކަންކަން ނިންމި ޒަމާނަށް އަނެއްކާވެސް ރުޖޫއަވަނީ: ރައީސް

ދ. ބަނޑިދޫ ބަނދަރު ހުޅުވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ރާއްޖޭގެ ކަންކަމުގައި، އިނގެރޭސިވިލާތާ މަޝްވަރާކޮށްގެން ގޮތް ނިންމި ޒަމާނަށް ރުޖޫއަވާން އަނެއްކާވެސް މަދު ދިވެހީންތަކެއް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަށާރަ ސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު، އިނގެރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމަށްފަހު، މިނިވަންކަން ލިބުމާ ހަމައަށް ރާއްޖޭގެ ކަންކަމުގައި އިނގެރޭސިން ގޮތް ކިޔާ އުޅުނެވެ. އަދި ރާއްޖޭގެ ކަންކަމުގައި ގޮތް ނިންމައި އުޅުނީ އިނގެރޭސީންނާ ވާހަކަދައްކައި މަޝްވަރާ ކުރުމަށްފަހު އެވެ.

ދ.ބަނޑިދޫ ބަނދަރު ހުޅުވައިދެއްވުމަށްފަހު މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖެ ކަހަލަ ކުދި ކުދި ގައުމުތަކުގެ ހާރިޖީ ސިޔާސަތުތަކަށް މާބޮޑު ޖާގައެއް ދޭން ބޭނުންނުވާ ބޭރުގެ ފަރާތްތައް އެބަތިބި ކަމަށެވެ.

އެފަރާތްތަަކަށް ރާއްޖޭގެ ކަންކަމާ ބެހުމުގެ ފުރުސަތު، ދިވެހިންގެ ތެރެއިން މަދު ބަޔަކު ދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދާދި ފަހާ ޖެހެންދެން ރާއްޖޭގެ ދާޚިލީ އެއްވެސް ކަމެއް އިނގެރޭސި ދައުލަތާ މަޝްވަރާކޮށްގެން ނޫނީ ނިންމޭ ގޮތަކަށް ނޫން އޮތީކީ. އެކަން ނިމުމުގެ ހަނދާންތައް އޭގެ ފަންސާސް އަހަރު ފުރުން އަޅުގަނޑުމެން މިދިޔަ އަހަރު މި ފާހަގަ ކުރީ. މި އަހަރު ފެށިގެން އަލުން ފެންނަނީ އެކަމަށް ރުޖޫއަވާން ކުރާ މަސައްކަތެއް. އެ މަސައްކަތުގައި ތިބީ ދިވެހިން،" ރައީސް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ނަގާލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް، ގައުމުގެ ސިޔާދަތާ އިސްތިގުލާލަށް އިހްތިރާމްކުރާ މީހުންގެ ނިސްބަތް ބޮޑު ކަމަށާއި ރާއްޖޭގައި އަދިވެސް ގިނައީ ރާއްޖޭގެ އިސްތިގުލާލު އެއްވެސް ބައެއްގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަން ބޭނުން ނުވާ މީހުން ކަމަށެވެ.

ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި އުޅުނު އިރު ކަންކަން ދިޔަގޮތް ފޮތްތައް ކިޔާލުމުން ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށާއި، ތާރީޚަށް ބެލުމަށްފަހު ރާއްޖޭގެ ދާޚިލީ ކަންކަން ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލުމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމު އަޅުދާސްތުކުރަން މަސައްކަތް ކުރާ މީހުންނަށް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.

comment ކޮމެންޓް