ސިންގަޕޫރު ކަމަށް ހީކޮށް، މީހުން ރާއްޖެ އަންނަ ހިސާބަށްވެސް ދެވޭނެ: ރައީސް

ރައީސް ޔާމީން އިއްޔެ ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ސިންގަޕޫރުން ހޯދާފައިވާ ކާމިޔާބާއި ތަރައްގީ ރާއްޖެއަށްވެސް ހޯދިދާނެ ކަމަށާއި، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފަން އެނގިއްޖެ ނަމަ، ސިންގަޕޫރު ކަމަށް ހީކޮށް އެހެން ގައުމުތަކުގެ މީހުން ރާއްޖެ ޒިޔާރަތް ކުރާ ހިސާބަށްވެސް ދެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދ.ބަނޑިދޫ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައްޔިތުންނާ މުޚާބަތުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މުއްސަނދިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައިފަ އެވެ.

ރައީސް ވިދާޅުވީ ދިވެހީންނަކީ މިއަށްވުރެ ތަނަވަސްކޮށް އުޅޭ ބަޔަކަށް ވާ ދުވަސް ދެކެން ބޭނުންވާ ކަމަށާއި، ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރާއި ވަކިވަކި ފަރުދުންގެ ފަރުދީ މުއްސަނދިކަން އިތުރުވާނެ ގޮތްތަކެއް ހޯދުން ކަމަށެވެ.

"ހަމަ އެންމެ ރަނގަޅު ދެއްތޯ އަޅުގަނޑުމެން ސިންގަޕޫރަށް ދާހެން، އެހެން ގައުމުތަކުގެ މީހުން މިއީ ސިންގަޕޫރު ކަމަށް ހީކޮށް ރާއްޖެއަށް ޒިޔާރަތްކޮށްލަން ވެސް. ކީއްވެތޯ އަޅުގަޑުމެންނަށް އެހިސާބަށް ނުދެވޭންވީ. ރާއްޖޭގައި ހުރި ވަސީލަތްތައް ތަރައްގީ ކުރެވޭނެ ވިސްނުން ހުރެއްޖެ ކަމުގައިވާނަމަ އެކަން ކުރަންވީ. އެއީ ހާސިލް ކުރެވޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

އެ އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ އިގްތިޞާދުގެ މައި ނާރު ކަމުގައިވާ ފަތުރުވެރިކަން ފުޅާކުުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނީ އެއާޕޯޓު ބޮޑުކޮށް، ރާއްޖޭގައި ރިސޯޓުތައް އިތުރުކޮށް، މަތިންދާބޯޓުތައް ޖައްސާނެ ޖާގަ އިތުރުކޮށްގެން ކަމަށާއި، އެއީ ބޮޑު ބިޔަ މަޝްރޫއުއެއް ނަމަވެސް ގައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ.

"ކުރިން އޮތް ގޮތަށް އޮތް ނަމަ އެއާޕޯޓު ތަރައްގީއެއް ނުކުރެވުނީސް. ދިވެހި ދައުލަތުންވެސް ހިސާބުތަކެއް ހަދާފައި އިންވެސްޓު ކުރަނީ. ދައުލަތުން ހިސާބުތަކެއް ހަދާފައި 800 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އެއާޕޯޓާ ރަންވޭ އާ އަދި ޑޮމެސްތިކް ޓާމިނަލް އާ މިކަންކަން ކުރަން. 800 މިލިއަން ޑޮލަރުގެ ހޭދައެއް މި ހުރިހާ ކަމެއް ކުރަން ލޯނު ނަގާނީ އެއަށްވުރެ ބޮޑު އާމްދަނީއެއް މުސްތަގުބަލުގައި ލިބޭނެތީ،" ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މިހާރު ކުރިއަށް ގެންދާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ހަތް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ގިނަ ކަމަށާއި، އެކަންކަމަށް ނިމުމެއް ނާންނަ ކަމަށެވެ. އެހެންކަމުން "އާމްދަނީ ލިބޭނެ ދޮރުތައް ބަންދުކުރަން ބަޔަކު މަސައްކަތް ކުރި ނަމަވެސް" ސަރުކާރުން މަސައްކަތް ކުރަނީ އާމްދަނީ ލިބޭނެ އިތުރު ދޮރުތައް ހޯދަން ކަމަށް އެކަމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް