ފަލަކީ ނާދިރު މަންޒަރެއް، މާދަމާރޭ ޖައްވުން ފެންނަން ހުންނާނެ!

މާދަމާރޭ ވަރަށް ބަލާހިތްވާ ފަލަކީ ނާދިރު މަންޒަރެއް ޖައްވުން ފެންނަން ހުންނާނެ އެވެ.

ތަރިތަކާއި ފަލަކީ ފެނޯމެނަންތަކާބެހޭ މަޢްލޫމާތު ގެނަސްދޭ އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ސްޓާޑޭޓް" ބުނާގޮތުން ސޯލާ ސިސްޓަމްގެ ޕްލެނެޓްތަކުގެ ތެރޭން ހަތަރު ޕްލެނެޓް ކަމަށްވާ ޖުޕިޓަރ، މާސް، މާކަރީ އަދި ވީނަސް، އެކަތި އަނެކެއްޗާ ވަރަށް ގާތުގައި އެތުރިފައިވާ ވަރަށް ރީތި ފަލަކީ ނާދިރު މަންޒަރެއް މާދަމާރޭ އުޑުމަތިން ފެންނަން ހުންނާނެ އެވެ.

ޓެލެސްކޯޕަކާނުލައި ހާމަލޮލުން ވެސް މިހަތަރު ޕްލެނެޓް ޖައްވުގައި ވަރަށް ރީތިގޮތަކަށް އެތުރިފައިވާ މަންޒަރު ފެންނަން ހުންނާނެ އެވެ. ނަމަވެސް ޓެލެސްކޯޕުން މިމަންޒަރު ބަލާލުމުން އިތުރު ފުރިހަމަކަމެއްގައި ވަރަށް އަލިގަދަކޮށް މިފެނޯމެނަން ފެންނާނެއެވެ.

މިހަތަރު ޕްލެނެޓް ޖައްވުގައި އެތުރިފައިވާ މަންޒަރު އެންމެ ފުރިހަމައަށް ފެންނާނީ ޔުނިޓެޑް ސްޓޭޓް އޮފް އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކުގެ ސަރަޙައްދުތަކަށެވެ.

މިހަތަރު ޕްލެނެޓް އެތުރިފައިވާއިރު ދުނިޔެއާ އެންމެ ގާތުގައި ހުންނާނީ ޖުޕިޓަރ އާއި ވީނަސް އެވެ. އެހެންކަމުން އެންމެ އަލިގަދަވާނީ މިދެ ޕްލެނެޓް އެވެ. މާކަރީ ފެންނާނީ ވީނަސްގެ ކަނާތްފަރާތުން ތަންކޮޅެއް ތިރިންނެވެ. މާސް ފެންނާނީ ޖުޕިޓަރ ގެ ވާތްފަރާތުގެ ތަންކޮޅެއް ތިރިން ވަރަށް ފަނޑު އައްޔެއްގައެވެ.

އެމެރިކާގެ ދެކުނު ސަރަޙައްދު ފިޔަވައި ދުނިޔޭގެ އެހެން ބައެއް ހިސާބުތަކަށް ޓެލެސްކޯޕަކާނުލާ މާސް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަނެއް ތިން ޕްލެނެޓް ހަމަލޮލަށްވެސް ފެންނަން ހުންނާނެއެވެ.

2005 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަދުވަހުގެ ރޭ ވެސް މިފަދަ ފަލަކީ ނާދިރު ރީތި މަންޒަރެއް ޖައްވުން ފެނިގެން ގޮސްފައިވެއެވެ. އެރޭ ފެނިފައިވަނީ މާކަރީ، ސެޓަން އަދި ވީނަސް، ވަރަށް އަލިގަދަކޮށް އެކަތި އަނެކެއްޗާ ގާތްގާތުގައި ވަރަށް ރީތިގޮތަކަށް ޖައްވުގައި އެތުރިފައިވާ މަންޒަރެކެވެ.

އެމަންޒަރު ހާމަލޮލުން އެންމެ ފުރިހަމައަށް ފެނިފައިވަނީ ފަލަސްތީން، ސޫރިޔާ އުރުދުން އަދި ލުބްނާނުގެ ސަރަޙައްދަށެވެ. -- ޔޫ.ބީ.އައި / ޖަވާދު

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު