ނޫސްވެރިކަމުގެ މިނިވަންކަމަށް އެދި އަޑުއުފުލާ ނޫސްވެރިންނަށް ބިރުވެރިކަން ވަނީ ކުރިމަތިވެފައި: އެޗްއާރުސީއެމް

ހިމޭން ހިގާލުމުގެ ނަމުގައި ނޫސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ނޫސްވެރިކަމުގެ މިނިވަންކަމަށް އެދި އަޑުއުފުލާ ނޫސްވެރިންނަށް އިންޒާރާއި ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހާ ގުޅޭ ގޮތުން އެޗްއާރުސީއެމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިނިވަން ނޫސްވެރިކަމެއް ފެނިގެން ދާނީ ނޫސްވެރިންނަށް ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެވިގެން ކަމަށެވެ. ނަމަވެސް ނޫސްވެރިންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި އަޑުއުފުލާ ނޫސްވެރިންނަށް އިންޒާރާއި ބުރުކުރިމަތިވެފައިވާކަން އެކޮމިޝަނުން ފާހަގަކުރެ އެވެ.

"މިފަދަ މާހައުލެއް ގާއިމްކުރުމަށް ޓަކައި ދައުލަތުގެ ފަރާތުން ސިޔާސަތުތައް ކަނޑައަޅައި އުސޫލުތައް ގާއިމްކުރަން ޖެހޭ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ހަމަހަމަކަމާއި ލިބިދިނުމަކީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވީ ނަމަވެސް އެހައްގު ހަނިވަމުންދާކަމީ އެކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ.

އެކޮމިޝަނުން ވަނީ ނޫސް އިދާރާތަކާއި ނޫސްވެރިންނަށް ހަމަލާތައްދީ ނޫސްވެރިއަކު ވީނުވީއެއްނޭނގި ގެއްލިފައިވާކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ. ނޫސްވެރިކަމާ ދެކޮޅަށް ހިންގާ އަމަލުތައް އެންމެ އަވަހަށް ތަހުގީގްކޮށް އެކަންކަންކުރާ ފަރާތްތައް ހޯދައި ހައްގު އަދަބު ދެވޭނެ ގޮތްތައް ގާއިމް ކުރަންޖެހިފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

"ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސީ ރުކުނަކަށްވީހިނދު މިހައްގަށް ހުރަސްއެޅޭ ފަދަ ސިޔާސަތުތަކާއި ނިންމުންތައް ނިންމަމުންދާކަމީ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބިގެންދާ ހީނަރުކަމެއް." އެ ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަކީ ދައުލަތުގެ އެންމެހާ ފަރާތްތަކުގެ ޒިންމާއަކަށް ބަލައި އެކަމަށް މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން ގޮވާލި އެވެ.

ނޫސްވެރިކަމަށް ޓަކައި މީޑިއާ ކައުންސިލް އާއި ބްރޮޑްކާސްޓިން ކޮމިޝަނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް މިހާރަށް ވުރެ ވެސް އިތުރަށް މަސައްކަތް ކުރުމަށް އެކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް