ރާއްޖެ އަށް އަންނަމުންދާ ކުރިއެރުމަކީ މުޅި ސައުތު އީސްޓު އޭޝިޔާ ވެސް ނުދެކޭ ވަރުގެ ކުރިއެރުމެއް: ސިޔާމް

މީދޫ ކައުންސިލްގެ ފަރާތުން ސިޔާމަށް މިއަދު ހަނދާނީ ފިލައެއް އަރުވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަދު ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް އަންނަމުންދާ ކުރިއެރުމަކީ މުޅި އޭޝިއާ ސަރަހައްދުގެ އިތުރުން މުޅި ސައުތު އީސްޓު އޭޝިޔާ ވެސް ނުދެކޭ ވަރުގެ ވަރުގަދަ ކުރިއެރުމެއް ކަމަށް ސަރުކާރު ކޯލިޝަން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ބިން ހިއްކައި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އިގްތިސާދު ކުރަން ދަންނަ ބައެއް ދިރިއުޅޭ ބަޔަކު ގައުމަކަށްވާން ޖެހޭ ކަމަށެވެ. ސިޔާމް ވިދާޅުވީ ދިވެހި ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ކަމަށާއި އަދި މީހުން ވެސް މަދު ގައުމެއް ކަމަށެވެ. ސިޔާމް ވިދާޅުވީ ގައުމެއްގެ ތަރައްގީ އަށް އަބަދު ވެސް ބޭނުން ވާނީ ތިން ކަމެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ބިމާއި ގިނަ އަދަދެއްގެ މީހުންގެ އިތުރުން އިންސާނީ ވަސީލަތަކީ ގައުމެއް ތަރައްގީ ވުމަށް ބޭނުންވާ ކަންތައްތައް ކަމަށެވެ.

"ރާއްޖެއަށް މި ދެންނެވި ދެ ކަމަށް ބަލާލާ އިރު ރާއްޖޭގައި ނެތް އެއްވެސް ކަމެއް. ބޮޑު ބިމެއް ނެތް. ގިނަ އަދަދެއްގެ މީހުންނެއް ވެސް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެން ރާއްޖޭގައި ތިބި މަދު އަދަދެއްގެ ތިބި ލޮބުވެތި ދިވެހި ރައްޔިތުން. އެ ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ރަނގަޅަށް ތަރުބިއްޔަތު ކުރެވި އެ ތަރައްގީ ކުރެވި އެ ޑިވެލޮޕް ކުރެވިއްޖެ ކަމަށްވާ ނަމަ މިއިން ކޮންމެ ކުއްޖަކީ އަޅުގަނޑުމެންނަށް ފައިދާއާ ލާބަ ހޯދައިދޭނެ ކުދިން ތަކަކަށް ވެގެންދާނެ،" ސިޔާމް ވިދާޅުވި އެވެ.

މީދޫ ކައުންސިލްގެ ފަރާތުން ވަނީ ސިޔާމަށް ހަނދާނީ ފިލައެއް އަރުވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުގެ އިސްވެރިންތަކެއް ރާއްޖޭގެ އިގްތިސާދު ހަލާކު ކޮށްލުމުގެ މަސައްކަތް ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވަނީ އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން "އަނދިރި އަނދިރިން" ގޮތަށް ސިފަ ކުރައްވައިފަ އެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ އަޅުގަނޑު ދެކޭ ގޮތުގައި އަދި ދިވެހި ރައްޔިތުން ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ ރައްޔިތުންނަކަށް ފަގީރު ކަމަކަށް ނުގޮވާނެ. އެނގިލައްވާތޯ. ފަގީރުކަމަކީ އިންސާނުންނަށް އަންނަ އެންމެ ބޮޑު މުސީބަތް. ފަގީރުކަން އަތުވެއްޖެ ނަމަ އެ ގައުމެއް ހަލާކުވެގެންދާނެ. އަދި އެ ގައުމެއްގައި ތަޅާފޮޅުން އިތުރުވެގެން ދާނެ، މީހުން ވެސް މަރަމުންދާނެ. އެފަދަ ތަނެއްގައި ހަމައެއް ލަމައެއް ނޯންނާނެ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ލީޑަރަކު ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުން ފަގީރު ކުރުމަކަށް ނުގޮވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީދޫ ކައުންސިލްގެ ފަރާތުން ވަނީ ސިޔާމަށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.

comment ކޮމެންޓް