މިނިވަން ނޫސްވެރިކަމަށް މިނިވަން މުއައްސަސާއެއް ބޭނުންވެފައި!

ނޫސްވެރިންތަކެއް ހައްގުތައް ހޯދުމަށް މަގުމަތީގައި --

ބައެއް ނޫސްވެރިން ތިބީ މަގުމަތިވެފަ އެވެ. އަނެއްބައި ނޫސްވެރިން ކޯޓަށް ދަމަނީ އެވެ. ނޫސް އިދާރާތަކުގައި ހުޅުޖަހަމުން ދާއިރު ނޫސްވެރިންނަށް މަރުގެ އެތައް އިންޒާރުތަކެއް އެވަނީދީފަ އެވެ. މިނިވަންކަން ބޭނުންވެ އަޅުވެތިކަމުގައި ނޫސްވެރިކަން ކުރަމުންދާ އެތައް ބަޔަކު ވެސް އެބަތިއްބެވެ. ހަރަދުކުރާނެ ފައިސާ ނެތި މީޑިއާތައް ބަނގުރޫޓުވަނީ އެވެ. ފައިސާ ހޯދެން އޮތީ ނޫސްވެރިކަން ކުއްޔަށް ދީގެންނެވެ. މިއީ މިއަދު ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތެވެ.

ނޫސްވެރިކަމުގެ ހާލަތު މިހާ ހިސާބަށް ގޮސް އެތައް ކަމެއް ބޮއްސުއްލަމުންގޮސް ނޫސްވެރިންނާ ދެކޮޅަށް ގާނޫނުތައް ފާސްވުމަށް އަމާޒު ހިފާފައިވާ އިރު މީގެ އެންމެ ބޮޑު ހިތާމައަކީ އެކަންކަމުގެ ހައްގުގައި މަސައްކަތް ކުރާނެ ފަރާތްތައް މަދުކަމެވެ.

ރާއްޖޭގައި ނޫސްވެރިންގެ އަމިއްލަ ޖަމިއްޔާއެއް ވެސް ރަނގަޅަށް ފަންކްޝަން ނުކުރާ އިރު ދައުލަތުން ހަރަދުކޮށްގެން ހިންގާ ދެ މުއައްސަސާއިން ކުރެ ތަނަކަށް އެ މަސައްކަތް ރަނގަޅަށް ކުރެވޭތޯ މިއީ ކުރެވޭ ބަހުސެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަށް މިއަހަރު ދައުލަތުގެ ބަޖެޓުން 4,607,328 ރުފިޔާ ހަރަދުކުރާ އިރު ބްރޮޑްކާސްޓިން ކޮމިޝަނަށް ދަނީ 9,074,089 ރުފިޔާ ހަރަދުކުރަމުންނެވެ. މިހާ ބޮޑު ހޭދައެއް ދައުލަތުން މި މުއައްސަސާތަކަށް ކުރާ އިރު މީގެ ނަތީޖާ ނެރެވޭތޯ މިއީ އުފެދޭ ސުވާލެކެވެ.

މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލް މެމްބަރުން--

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު ބުނާގޮތުން އެ ކައުންސިލްގެ ބޭނުމަކީ ރާއްޖޭގައި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި އެކަންކަމަށް ފިޔަވަޅު އެޅުމެވެ. ހަމަ އެއާ އެކު މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަހުލާގީ މިންގަނޑުތައް އެކަށައެޅުން ހިމެނެ އެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ ދާއިރާތަކުން މަސައްކަތްކުރަނީ ޒިންމާދާރު ގޮތެއްގައި އަހުލާގީ މިންގަނޑުގެ ތެރޭގައިކަން ކަށަވަރުކުރުމަކީ ވެސް އެ ކައުންސިލްގެ ޒިންމާއެކެވެ. ހަމަ އެއާ އެކު ގާނޫނީ ހަމަތަކާ ހިލާފަށް އަހުލާގީ މިންގަނޑުތަކާ ހިލާފަށް ހިންގާ ކަންތައްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވައްތައް ބަލައި ގޮތެއް ކަނޑައެޅުމަކީ ވެސް އެކައުންސިލްގެ ޒިންމާއެކެވެ. ގާނޫނު ބުނާގޮތުން އެކަންކަން ކުރުމުގެ ބާރު އެކައުންސިލަށް ލިބިގެންވެ އެވެ. މި ހުރިހާ ބާރަކާ އެކު ވެސް އެފަރާތްތަކަށް ޒިންމާ އަދާކުރެވޭތޯ އެވެ؟

ދިވެހި ނޫސްވެރިކަމުގެ މަތިފަޑީގައި މަސައްކަތް ކުރައްވާ ބޭފުޅުން ގަބޫލް ކުރައްވާ ގޮތުގައި ބައެއް މީޑިއާތަކުގެ އަހުލާގީ މިންގަނޑު ދަށްވެ ދަށުދަރަޖައިގެ ހަބަރުތައް ގެނެސްދެމުންދާއިރު ވެސް މީޑިއާ ކައުންސިލުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ގެންދާތަނެއް ނުފެނެ އެވެ. ހަބަރުތަކުގެ ކޮމެންޓުތައް އާންމުކުރުމުގައި ވެސް އަހުލާގީ މިންގަނޑު ދަށް ކޮމެންޓުތައް ޕަބްލިޝަންކޮށްފައިވާ އިރު އެކަންކަން ރަނގަޅަށް ނުބެލިވާކަން ފާހަގަކުރެވެ އެވެ.

ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވާފައިވާ ހަވީރު ނޫހުގެ ކުރީގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވީ، އެކުލެވިފައިވާ ގޮތުން މީޑިއާ ކައުންސިލް މިނިވަން ވެދާނެ ކަމަށާއި ނަމަވެސް މީޑިއާ ކައުންސިލްގެ ދެ ދައުރު ނިމި ތިން ވަނަ ދައުރެއް ފެށިގެން އު ޅޭއިރު މީޑިއާ ކައުންސިލަށް ކުރިއެެރުމެއް ނާންނަ ކަމަށެވެ.

"އޭގެ ޒާތުގައި މައްސަލަތަކެއް ބެލިދާނެ. ނަމަވެސް އެއީ ފިޔަވަޅު އެޅޭނެ މައްސަލަތަކެއް ނޫން. ...ދައުވާކުރުމުގެ ބާރު ގާނޫނުގައި އޮތެއްކަމަކު އެޅޭ ހުރަސްތައް ވަރަށް ބައިވަރު އެބަހުރި އިނގޭތޯ. އެހެންމީވަ ފުރަތަމަ ދެ ދައުރު ނިމިގެންދިޔައިރު ވެސް މީޑިއާ ކައުންސިލް މިއޮތީ މާކަ ބޮޑު ބާރެއްއޮތްތަނެއްގެ ގޮތެއްގައެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވާ ގޮތުގައި މީޑިއާ ކައުންސިލްގެ ބާރެއްނެތްކަން ފާހަގަކުރެވޭ އިރު ސަރުކާރުން މީޑިއާ ކައުންސިލްގެ ވާހަކަތައް އަޑުނާހާކަން ވެސް ފާހަގަކުރެވެ އެވެ. އެހެންކަމުން މި ކޮންސެޕްޓަކީ ރާއްޖޭގައި ކުރިއަށްގެންދެވޭނެ ކޮންސެޕްޓެއްކަމަށް އިސްމާއިލް ގަބޫލެއް ނުކުރައްވަ އެވެ.

ހިމޭން ހިގާލުމުގެ ނަމުގައި ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މީޑިއާ ކައުންސިލްގެ މަސައްކަތްތަކަށް ފާޑުކިޔުންތައް ރައްދުވެފައިވާ އިރު އެކައުންސިލުން ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް ޓަކައި މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް ނޫސްވެރިކަމަށް ދިމާވާ ގޮންޖެހުންތައް، މިސާލަކަށް ނޫސްވެރިއަކަށް ގެއްލުންދިނުން ނުވަތަ ހައްޔަރުކުރުން ނުވަތަ އެނޫން ވެސް ގެއްލުމެއް ދިނުމުން އެކައުންސިލުން އެކަންކަމަށް މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް ފެންނަނީ މަދުފަހަރެއްގަ އެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އެބޭފުޅުން އަންނަނީ ޒިންމާ އަދާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މީޑިއާތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ނުކުރެވި ކުރަން ހުރި މަސައްކަތްތައް ހުރިކަމަށް ޝަރީފް ގަބޫލް ކުރައްވަ އެވެ.

"މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭވަރަށް ކުރަން. ހޭލުންތެރިކަން އުފެއްދުމަށް ވެސް މަސައްކަތް ކުރެވޭ. އަނެއްކާ މިދާއިރާ އަށް އާ ފަރާތްތައް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މެމްބަރުންނަކީ ޕާޓްޓައިމް ބަޔަކަށްވުމާ އެކު އިދާރީ އޮނިގަނޑު ވަރުގަދަނުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މީޑިއާ ކައުންސިލް ރަނގަޅަށް ހިންގަންބޭނުންވާ ނަމަ ރަނގަޅު އިދާރީ އޮނިގަނޑެއް އެކުލަވައިލާން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިއްބަވާ އިރު އެ މެމްބަރުންނަކީ ޕާޓްޓައިމް ބައެކެވެ. އެއީ ފުލްޓައިމްކޮށް އެހެން އިދާރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކެވެ. މީޑިއާ ކައުންސިލުން އެބޭފުޅުންނަށް މުސާރައިގެ ގޮތުގައި ދެނީ 5000 ރުފިޔާ އެވެ. މީޑިއާ ކައުންސިލްގެ މަސައްކަތްތަކަކީ ކޮމެޓީތަކަކެއްގެ މައްޗަށް އެކުލެވިގެންވާ މަސައްކަތްތަކަކަށްވާ އިރު ކޮމެޓީ އެލަވެންސެއް އެ މެމްބަރުންނަކަށް ނުލިބެ އެވެ. އެހެންކަމުން މަސައްކަތް ކުރާ މެމްބަރާއި ނުކުރާ މެމްބަރާއި މުސާރައިގެ ގޮތުން މިއޮންނަނީ ހަމަހަމަ އުސޫލެކެވެ. މިއީވެސް އެ ކައުންސިލްގެ ކޮމެޓީތައް ރަނގަޅަށް ފަންކްޝަން ނުވާ އެއް ސަބަބެއް ކަމަށް ބެލެވެ އެވެ.

ބްރޮޑްކާސްޓިން ކޮމިޝަން

ބްރޮޑްކާސްޓިން ކޮމިޝަންގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކުރުން ހިމެނެ އެވެ. ހަމައެއާ އެކު ތަފާތު ވިސްނުންތަކަށް ފުރުސަތު ލިބޭނެގޮތް ހަމަޖައްސައި ދިނުމާއި ހަގީގީ މައުލޫމާތު ލިބިދެނިވި ޕްރޮގުރާމްތައް ކުރިއެރުވުން ހިމެނެ އެވެ. ހަމައެއާ އެކު ދިވެހި އުފެއްދުންތައް ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކުރިއަރުވައި އާލާކުރުން ހިމެނެ އެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުން---

އެ ކޮމިޝަން އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވައި މަޖިލީހުން އައްޔަންކުރެވޭ ހަތް މެމްބަރުންގެ މައްޗަށެވެ. މިއީ އެ ކޮމިޝަން އެންމެ އިންސާފުވެރި ނުވަތަ އެންމެ ހައްގު ފަރާތްތަކަށް އެކޮމިޝަނުން ޖާގަ ލިބުމުގެ ބަދަލުގައި ސިޔާސީ ފިކުރުތަކަށް އެކޮމިޝަން އޮތުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ވިދާޅުވާ ގޮތުގައި މިވަގުތު ބްރޮޑްކާސްޓިން ކޮމިޝަނުގައި ތިބި ފަރާތްތަކަކީ މިނިވަންކަންމަތީ މަސައްކަތް ކުރެވޭނެ ބައެއްތޯ ސުވާލު އުފެދެއެވެ. ހެޔޮނިޔަތުގައި ކަމެއް ކުރަން ބަލާއިރު ވެސް ގާނޫނީ ބިރުވެރިކަމެއް ކޮމިޝަނުގެ މެމްބަރުންނަށް އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލްކުރާގޮތުގައި އެތަނުގައި މިނިވަން މެމްބަރަކު ނެތް. އެ މިނިވަންކަން އެ މެމްބަރުންނަކަށް ނުލިބޭ. އެހެންވީމަ ގާނޫނީ ބިރުވެރިކަމެއް އެބޭފުޅުންނަށް އެބައޮތް،" އަލީ ވިދާޅުވި އެވެ.

މީޑިއާގައި ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓީން ކޮމިޝަނުގެ ޒިންމާތައް އަދާ ކުރުމުގެ ބަދަލުގައި އެކޮމިޝަނުން މަސައްކަތް ކުރަމުންދާތަން ބޮޑަށް ފެންނަނީ، އޭރަކު އޮތް ސަރުކާރެއް ނުވަތަ މަޖިލީހުގެ މެޖޯރިޓީއެއްގެ ފަހަތުން ދުވަމުން އަންނަ ބައެއްގެ ގޮތުގަވެ. އެހެންކަމަށްވުމާ އެކު ރާއްޖޭގެ މިހަލަބޮލި މީޑިއާ ރެގިއުލޭޓްކޮށް ކުރިއެރުވުމުގެ ގާބިލްކަން ކޮމިޝަނުގައިނެތްކަން ނޫސްވެރިން ފާހަގަކުރެ އެވެ. މަހަކު 40،000 ރުފިޔާގެ މުސާރަ ކޮންމެ މެންބަރަކު ބޭނުން ކުރައްވާ އިރު އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ދޭ މުސާރަކަން ދަންނަން ޖެހެ އެވެ.

އިސްމާއިލް ނަސީރު ވިދާޅުވީ، ބްރޮޑްކާސްޓިން ކޮމިޝަންގެ ދައުރު ނިމިގެންދާ އިރު ކުރިކަމަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. މީޑިއާ ކުރިއެރުވުމުގެ ބަދަލުގައި ބްރޮޑްކާސްޓިން ކޮމިޝަނުގެ ފަރާތުން ބައެއް ޓީވީ ސްޓޭޝަންތަކަށް އުނދަގޫތައް ކުރިމަތި ކުރަމުންދާތަން ފެންނަކަމަށް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން އިސްނަގައިގެން ބޭއްވި ނޫސްވެރިންގެ ފޯރަމްގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެންނަށް ވަރަށް ގިނަ އަޑުތަކެއް އިވިގެންދިޔަ މިވެނި ބަޔަކާއި ސޮއިކޮށްފި މިވެނި ބަޔަކާއި ބައްދަލުކޮށްފި. މިކަހަލަ ބައްދަލުވުންތަކާއި އެއްޗެހި އަޅުގަނޑުމެންނަށްފެނޭ އިނގޭތޯ. އެހެންނަމަވެސް ބްރޮޑްކާސްޓިން ކޮމިޝަންގެ ސަބަބުން މީޑިއާއަށް އައީ ކޮން ކުރިއެރުމެއްތޯ މިއީ އަޅުގަނޑަށް ހީވަނީ ސުވާލުކުރަން ޖެހޭ ކަމެއްހެން،" އިސްމާއިލް ވިދާޅުވި އެވެ.

ގިނަސަބަބުތަކާއި ހުރެނަމަވެސް ބްރޮޑްކާސްޓިން ކޮމިޝަނަށް މިވަނީ އެތައް ފާޑުކިޔުންތަކެއް ރައްދުވެފަ އެވެ. އެކަންކަމަށް ރައްދުދެއްވައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވި ގޮތުގައި އެކޮމިޝަނުން އަންނަނީ އެ ކޮމިޝަނަށް ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރަމުންނެވެ. މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.

"މިނިވަންކަމާ އެކު އަޅުގަނޑުމެންގެ ގާނޫނު ދެމެހެއްޓުމުގެ ފުރުސަތު އެބައޮތް އަޅުގަނޑުމެންނަށް. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް ގާނޫނު ނުދެމެހެއްޓޭނެ ކަމަކަށް،" ޝަހީބް ވިދާޅުވި އެވެ.

ބްރޮޑްކާސްޓިން ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ އިރު ގަވައިދުތައް ވެސް އިސްލާހުކޮށް މިޒަމާނަށް ފައްތަން ޖެހޭ ކަމަށް ޝަހީބް ވިދާޅުވި އެވެ.

ހަގީގީ ހައްލަކީ ކޮބާ؟

މީޑިއާގެ ބެލެނިވެރިންނަށް ދައުލަތުން މި އަހަރު ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާ އިރު މުޅިންހެން މިއަޑު އިވެނީ އެކައުންސިލް ނުވަތަ ކޮމިޝަން ރަނގަޅަށް ފަންކްޝަން ނުކުރާ ވާހަކަ އެވެ. އެހެންކަމުން ލަސްނުކޮށް މިކަމަށް ހައްލު ހޯދަންޖެހެ އެވެ. މީޑިއާތަކުގެ ހައްގުގައި ރަނގަޅު ބެލެނިވެރި އޮތޯރިޓީއެއް ގާއިމްކުރެވެން ޖެހެ އެވެ.

ނޫސްވެރިން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން

އިސްމާއިލް ވިދާޅުވީ، މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަކީ އޮވެގެންވާނެ ދެތަނެއް ނޫން ކަމަށެވެ. އެދެތަން އުވާލުމަށް ފަހު މިނިވަން ކޮމިޝަނެއް އެކުލަވައިލާން ޖެހޭ ކަމަށާއި އެ ކޮމިޝަނަކީ ރައީސް ނަން ހުށަހަޅާ ގޮތަށް އޮންނަ ކޮމިޝަނަކަށް ނަހަދައި އެއީ އާންމުންގެ ތެރެއިން ހޮވޭ ބަޔަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާ އެކު އެފަދަ ކޮމިޝަނެއްގެ މެމްބަރުންނަކީ ވަކިފެންވަރެއްގެ ބަޔަކަށް ވާން ޖެހޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިން ގަބޫލް ކުރައްވާ ގޮތުގައި މިހާރު ރާއްޖެއަށް އެންމެ ރަނގަޅީ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލައި ބްރޮޑްކާސްޓިން މީޑިއާ އާއި އޮންލައިން ނުވަތަ ޕްރިންޓްމީޑިއާ ރެގިއުލޭޓްކުރުން ދެ އައުޓްލެޓެއްގެ ތެރެއިން ހިންގުމެވެ. އެގޮތަށް އެކުލަވައިލާ ކޮމިޝަނަކީ 100 ޕަސެންޓް ނުވަތަ ބޮޑު ޕަސެންޓެއްގެ މެޖޯރިޓީއެއް މީޑިއާތަކަށް ދީގެން ހިންގާ ފަހެއް ނުވަތަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކަށްވުން މުހިންމެވެ.

އެގޮތަށް އެކުލަވައިލާ ކޮމިޝަނެއްގެ ފުރަތަމަ ޒިންމާއަކީ މީޑިއާއަށް ނުވަތަ ނޫސްވެރިކަމަށް ރައްކާތެރިކަން ހޯދައިދީ މީޑިއާގެ ހައްގުގައި މަސައްކަތްކުރާނެ ބަޔަކަށްވާންޖެހެ އެވެ. ހަމައެއާ އެކު މައުލޫމާތު ފޯރުކޮށްދިނުމަށް ހުރަސް އެޅުމުގެ ބަދަލުގައި އެކަމަށް ބާރުއަޅާ މީޑިއާތަކަށް ކުރިއެރުން ހޯދައިދޭ ބަޔަކަށް ވާންޖެހެ އެވެ.

އެފަދަ ކޮމިޝަނެއް އެކުލަވައިލާނެކަމުގެ ފެހި ސިގްނަލް ވެސް ސަރުކާރުން މިހާރުވަނީ ދީފައެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ދައުލަތެއްގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ދެ މުއައްސަސާ އޮންނަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގައި ނޫސް މަޖައްލާތަކުގައި ޝާއިއުކުރާ ކޮންޓެންޓް ރެގިއުލޭޓް ކުރުމަށް "ޕްރެސް ކައުންސިލް އޮފް އިންޑިއާ"ގެ ނަމުގައި ގާނޫނީ ޝަޚުސެއް ގާއިމްކޮށްފައިވާ އިރު އެ ގައުމުގެ ޓީވީއާއި ރޭޑިއޯ ކޮންޓެންޓް ރެގިއުލޭޓް ކުރަނީ އަމިއްލަ ރެގިއުލޭޓަރީ ބޮޑީތަކުންނެވެ. އެމެރިކާގައި ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ އެގައުމުގެ ގާނޫނު އަސާސީއާ ޚިލާފު ކަމެކެވެ. އެހެން ނަމަވެސް ޓީވީ އާއި ރޭޑިއޯ އަދި އިލެކްޓްރޯނިކް މީޑިއާގައި ބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓް ރެގިއުލޭޓް ކުރުމަށްޓަކައި "ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައިވެ އެވެ. އެހެންކަމުން ދުނިޔޭގެ ބޮޑެތި ޑިމޮކުރަސީތައް ނަމޫނާއަށް ބަލައި މިގައުމުގެ މީޑިއާތަކުގެ ބެލެނިވެރިން އެކުލަވައިލާން ޖެހެ އެވެ.

ދިވެހި ނޫސްވެރިކަން ދެކެމުން މިދަނީ ކިތަންމެހާ ވެސް ނުރައްކާތެރި ދުވަސްތަކެކެވެ. އެތައް ގޮތަކުން ނޫސްވެރިންނާއި މީޑިއާތަކަށް މިވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. މިކަންކަން އިންތިހާއަށް އިތުރުވަމުން މިދަނީ މީޑިއާތަކުގެ ބެލެނިވެރި ފަރާތްތައް ރަނގަޅަށް ފަންކްޝަން ނުވުވާތީކަން ޔަގީނެވެ. މީޑިއާގެ ބެލެނިވެރި ފަރާތްތަކުގެ ގޮތުގައި މިވަގުތު ރާއްޖޭގައި އޮތް ދެ މުއައްސަސާއިން މީގެ ނަތީޖާ ނެރެވޭ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އަވަސް ހައްލެއް ބޭނުންވެ އެވެ.

comment ކޮމެންޓް