ޖަނެރޭޓަރެއް ހަލާކުވެ، މަނަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މަނަދޫ އިންޖީނުގެ ހުންނަ ސަރަހައްދު ---

ޖަނެރޭޓަރެއް ހަލާކުވެ ނ. މަނަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މަނަދޫ ކައުންސިލް މެމްބަރަކު ނަންނުޖެހުމަށް ޝަރުތުކޮށް މިރޭ ސަން އަށް ވިދާޅުވީ އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަނީ 400 ކިލޯ ވޮޓުގެ ޖަނެރޭޓަރަކާއި 250 ކިލޯ ވޮޓުގެ ޖެނެރޭޓަރެއްގެ އިތުރުން 160 ކިލޯ ވޮޓުގެ ޖަނެރޭޓަރެއް ކަމަށެވެ.

މުޅި ރަށަށް ކަރަންޓު ދެވެނީ 400 ކިލޯ ވޮޓުގެ ޖަނެރޭޓަރާއި އިތުރު ޖަނެރޭޓަރެއް ބޭނުންކޮށްގެން ކަމަށާއި ނަމަވެސް މިއަދު 2:00 އެހައިކަންހާއިރު 400 ކިލޯ ވޮޓުގެ ޖަނެރޭޓަރު ހަލާކުވެފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"އެހެންވީމަ 400 ކިލޯ ވޮޓުގެ ޖަނެރޭޓަރު ހަލާކުވީމަ ރަށުގެ ބައެއް ސަރަހައްދުތަކުން މިވަނީ ކަރަންޓު ކެނޑިފައި. އެ ޖަނެރޭޓަރާ ނުލައި މުޅި ރަށަރަށް ކަރަންޓު ދިނުމުގެ ގާބިލް ކަމެއް ލިބިފައި ނެތް،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަނެރޭޓަރު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި އިންޖީނުގެއިން އަންނަނީ ކުރަމުން ކަމަށެވެ.

ތަފާތު އެކި ދުވަސްމަތިން މަނަދޫގައި ކަރަންޓުގެ މައްސަލަ ޖެހެމުން އަންނަތާ ހަތަރު ވަރަކަށް މަސް ވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ވަގުތުތަނުގައި ކަރަންޓު ކެނޑެމުން ދާތީ ރައްޔިތުން ބޭނުންކުރަމުން އަންނަ އެކި ތަކެއްޗަށް ވެސް ގެއްލުންވަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް