އާންމުންނަށް އުނދަގުވާ ކަމަށް ބުނެ މަސައްކަތްތެރިންގެ ހިނގާލުން ފުލުހުން ހުއްޓުވައިފި

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުން ބޭއްވުމަކީ ރައްޔިތުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި ----- ސަން ފޮޓޯ: ފަޔާޒު މޫސާ

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި މަދަނީ ޖަމްއިއްޔާތައް ގުޅިގެން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ފުލުހުން ހުއްޓުވައިފި އެވެ.

މިއަދު ހަވީރު 4:30 ގައި ޝޯޝަލް ސެންޓަރު ކުރިމަތިން ފެށުމަށް ހަމަޖެއްސި އެ ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް މީގެކުރިން ފުލުހުން ވަނީ އަންގާފަ އެވެ.

މެއި 1 2016: މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުން ބޭއްވުމަކީ ރައްޔިތުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ހިނގާލުން ހުއްޓުވާފައި ----- ސަން ފޮޓޯ: ފަޔާޒު މޫސާ

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި ކުރިއަށް ގެންދަން އުޅުނު ހިނގާލުމުގެ ބައިވެރިން ވަނީ 2008ވަނަ އަހަރު ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިނިމަމް ވޭޖެއް ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ކަނޑައަޅައި ދިނުމަށް ގޮވާލާފަ އެވެ.

މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތު އެކި ގޮންޖެހުންތައް ނައްތާލުމަށް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަމު ނުދާ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވެ އެވެ.

މެއި 1 2016: މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާ

ހިނގާލުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު މާބޮޑެތި ކުރިމަތިލުމެއް ހިނގާފައި ނުވި ނަމަވެސް ހިނގާލުމުގެ ބައިވެރިން ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިނުމަށް ފުލުހުންނަށް އިލްތިމާސްކޮށްފަ އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ޖަމްއިއްޔާތައް ގުޅިގެން މިއަދު ހަވީރު ކުރިއަށް ގެންދން ނިންމި ހިނގާލުމަށް ހުރަސް ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ގޮވާލައިފަ އެވެ.

މެއި 1 2016: މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާ

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެދި މިއަދު ކުރިއަށް ގެންދަން ނިންމި ހިނގާލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު "ސަން" އަށް ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ލިއްބައިދެނީ ހަމަ އެކަނި މަގުމައްޗަށް ނުކުތުމުގެ ފުރުސަތު ދިނުމުން ނޫން ކަމަށެވެ. އުމަރު ވިދާޅުވީ ވިދާޅުވީ، މިއަދުގެ ހިނގާލުމަށް ފުރުސަތު ދިނުމަށް އެޗްއާރްސީއެމް އިން ބުނެފައި ނުވާ ކަމަށެވެ.

"ހިއުމަން ރައިޓްސް އިން ބުނީ ގާނޫނު އަސާސީގައި ބުނާ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ދޭން. އެއީކި މަގުމައްޗަށް ނުކުތުމެއް ނޫނެއް ނޫންތޯ ކޮންމެހެން،" އުމަރު ވިދާޅުވި އެވެ.

މެއި 1 2016: މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުގެ ހިނގާލުމަށް ފުރުސަތު ނުދޭން ފުލުހުން ނިންމީ ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި ދުއްވާ ތަކެތި ދުއްވުން ހުއްޓި އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ކަމަށް ބުނެ އެވެ.

comment ކޮމެންޓް