ނަޝީދުގެ ހުދުމުހުތާރުކަން ފޮރުވަން ތަގުރީރުގައި ވަނީ އިތުރުފުޅު ހައްދަވާފައި: ޕީޕީއެމް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ސަން ފޮޓޯ: އިސްބާހު އިސްމާއީލް

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ "ހިއުމަން ރައިޓްސް އިން އޭޝިޔާ ކޮންފަރެންސް″ގައި ތަގުރީރު ކުރައްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއް ދައްކަވާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

އެ ކޮންފަރެންސުގައި ނަޝީދު ވާހަކަފުޅު ދެއްކެވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރެއްވުމުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ހަނދާންތަކާ އަދި މިހާރު ވެސް ކުރައްވާ ކަންކަމާ ގުޅޭ ގޮތުންނެވެ. އަދި ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރަޓިކް ވެރިކަމެއް ގާއިމުކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް ވަނީ އަލިއަޅުވާލައްވާފަ އެވެ.

ނަޝީދުގެ ތަގުރީރާ ގުޅިގެން މިއަދު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ތައާރުފު ކުރައްވައި، މަލްޓި ޕާޓީ ޑިމޮކްރަސީއެއް ގެންނަވައި ޑިމޮކްރަސީގެ އުސޫލުތައް ރާއްޖެއަށް ތައާރަފުކުރެއްވީ ރައީސް މައުމޫން ކަމަށެވެ.

އަދި ޒަމާނީ ޑިމޮކްރެޓިކް އުސޫލުތަކާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނުއަސާސީއެއް އެކުލަވާލައި އެއަށް އަމަލުކުރަން ފެށިފައިވަނީވެސް ރައީސް މައުމޫނުގެ ޒައާމަތުގައި ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނެއް އުފައްދަވައި، ގިނަ ޕާޓީތަކަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ބާއްވާފައި ވަނީ ވެސް އެމަނިކުފާނުގެ ޒައާމަތުގައި ކަމަށް ބަޔާނުގައިވެ އެވެ.

"ގިނަ ޕާޓީތަކަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބުގައި މި ޕާޓީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނަވައިގެން ވާދަކުރައްވައި ކުޑަ ތަފާތަކުން ނަމަވެސް އިންތިހާބު ކާމިޔާބު ނުވެ ދިއުން ހާމަކޮށްދެނީ އޭރުގެ އިންތިހާބުތަކަށް އެމަނިކުފާނު އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނުވާކަމަށެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން ބުނީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމުގެ ސިފަތައް ފެނިގެން ދިޔައީ އެ ރިޔާސީ އިންތިހާބަށް ފަހުގައިކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގައި އެއްވެސް އަސާސެއް ނެތި ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި މީޑިއާތަކަށް ބިރުދެއްކުމާއި، ފަނޑިޔާރުން ވަގަށް ނަގައި ހައްޔަރުކުރުން ފަދަ ކަންކަން ފެނިގެން ދިޔަ ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ޑިމޮކްރެޓިކް އުސޫލުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރެވިފައިވާ ކަމަށާއި، ރައީސް ޔާމީންވެސް ގެންދަވަނީ ރާއްޖޭގެ ރައްޔިތުންނާއި ގައުމަށް ތަރައްގީ ގެނެސް، އިގްތިޞާދު ކުރިއަރުވައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ މަސައްކަތްތެރިންނަށް ފަހި މާހައުލެއް ފަހިކޮށްދިނުމަށް ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

ނަޝީދުގެ ތަގުރީރުގައި ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަނެ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި ރައްޔިތުންގެ ބިރުވެރިކަމުގެ ތެރެއަށް ގަންބާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުން ކުރާ އެފަދަ ކަންކަން އަބަދުވެސް ހާމަ ކުރުމަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރާ މީހުންގެ ޒިންމާއެއް ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވައި ޕީޕީއެމް އިން ބުނީ މިއަދުގެ ސަރުކާރުން މިނިވަން ނޫސްވެރިންގެ މަސައްކަތަށް ދަތިކޮށް ހަދާ މަންޒަރު ނުފެންނަ ކަމަށާއި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުގައިވާ ގޮތުގެ މަތިން ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އެހެންކަމުން ރައީސް ނަޝީދުގެ ތަގުރީރުގައި މި ސަރުކާރާއި ކުރީގެ ސަރުކާރުން ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއްގެ ސަގާފަތެއް ދަމަހައްޓަމުން ގެންދާ ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ އެފަދަ ހުދުމުހުތާރު ވެރިކަމެއްގެ ސަގާފަތާއި، ހުދުމުހުތާރު ކަންކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ފޮރުވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކަން ފާހަގަކުރެވެ އެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން ވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކަވައިގެން ރާއްޖޭގެ އިގްތިޞާދު ހަލާކުކޮށްލައްވައި ރާއްޖެއަށް ގެއްލުން ދިނުމުގެ ބަދަލުގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް ނަޝީދަށް ގޮވާލައްވާފަ އެވެ. އަދި އެފަދަ ވާހަކަތަކުން ނަޝީދަށް އެއްވެސް ފައިދާއެއް ކުރާނެ ކަމަށް ޕީޕީއެމް އިން ގަބޫލު ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް