މި މަހުގެ ފަހުން ކުރީގެ ނޫޓުތަކުން ވިޔަފާރިއެއް ނުކުރެވޭނެ

އަލަށް ނެރެފައިވާ ރަންދިހަފަހެއްގެ ނޫޓުތައް

މީގެ ކުރިން ރާއްޖޭގައި ބޭނުންކުރި ފައިސާގެ ނޫޓުތަކުގެ ތެރެއިން 2.2 ބިލިއަން ރުފިޔާގެ ނޫޓުތައް މިހާރު ނަގާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ދިވެހި ފައިސާގެ އާ ނޫޓުތައް، ރަންދިހަފަހެއްގެ ނޫޓުތައް އާންމުކޮށްފައި ވަނީ މި އަހަރު ފާހަގަކުރި ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގަ އެވެ. އެމްއެމްއޭ އިން ވަނީ މި މަހުގެ ނިޔަލަށް ކުރީގެ ނޫޓުތައް ބޭނުންކުރަން ފުރުސަތުދީފަ އެވެ.

އެހެންކަމުން ކުރީގެ ނޫޓުތައް ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ އެެންމެ ފަހު މަހަކީ މި މަހެވެ. ނަމަވެސް އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެމްއެމްއޭ އިން ކުރީގެ ނޫޓުތައް ބަދަލުކޮށްދޭނެ އެވެ. އެމްއެމްއޭ އިން ބުނީ ރަންދިހަފަހެއްގައި ނެރެން މަސައްކަތްކުރި ފަސް ރުފިޔާގެ ފައިސާ ފޮތީގެ މަސައްކަތް އަދި ނުނިމޭތީ، އެ ނެރެވެންދެން ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުންކުރެވޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ މިދިޔަ މަހުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާގެ ބާ ނޫޓްތައް ނަގާފައިވާ ކަމަށާއި އެއީ އިގްތިސޯދުގައި ދައުރުވި ފައިސާގެ 77 ޕަސެންޓް ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 2.5 ބިލިއަން ރުފިޔާގެ އާ ނޫޓު ވަނީ ދޫކޮށްފަ އެވެ. އެއީ މިހާރު އިގްތިސޯދުގައި ދައުރުވާ ފައިސާގެ 79 ޕަސެންޓެވެ.

މަރުކަޒީ ބޭންކާއި ރާއްޖޭގެ ބޭންކްތަކުން ދަނީ އަލަށް ނެރުނު ނޫޓު ބަދަލުކޮށްދެމުންނެވެ.

---

ނޯޓު: ކުރިން މި ހަބަރު ގެނެސްދިން އިރު، ކުރީގެ ފައިސާ މިއަދުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ މި މަހުގެ ފަހުން ކުރީގެ ނޫޓުތަކުން ވިޔަފާރި ނުކުރެވޭނެ ވާހަކަ އެވެ. މި ކުށަށް ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

comment ކޮމެންޓް