މިދިޔަ އަހަރު ލިބުނު ފައިދާ 93.7 މިލިއަނަށް އަރާ: އެމްޓީޑީސީ

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން-- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރު 93.7 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެ ކުންފުނީގެ ޗެއާޕާސަން އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި އެމްޓީޑީސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އިބްތިޝާމާ ވިދާޅުވެފައި ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ ހަ ގުނަ އިތުރުވެފައިވާއިރު، 2014 ވަނަ އަހަރު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައި ވަނީ 13.6 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު އެ ކުންފުންނީގެ ފައިދާ 93.7 އިތުރުވެގެން ދިއުމަކީ އެމްޓީޑީސީގެ ކުރިމަގު އުޖާލާވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އިބްތިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ހެރެތެެރަ އައިލެންޑް ރިސޯޓާއި އުލިގަމު ސިޓީ ހޮޓާ މަޝްރޫއަށް ކުރަމުންދިޔަ ހޭދަ 2014ގައި ހުއްޓާލުމުން އޭގެ ފޮނި ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

"...ހަމަ އެހެންމެ 2015 ވަނަ އަހަރު ވަނީ އާންމުދަނީ ނުލިބޭ ބައެއް ރަށްތައް ދޫކޮށް، ހަރަދުތައް ހިސާބުން އުނިކުރެވި، ދަރަނި ވަނީ ހަލާސްކުރެވިފަ އެވެ. އެހެންކަމުން ކުންފުނީގެ ސާފު ފައިދާއަށް 2014 ވަނަ އަހަރާއި އަޅާބަލާއިރު 6 ގުނައިގެ ކުރިއެރުމެއް އައިސް 13.6 މިލިއަން ރުފިޔާއިން 93.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ،" އެމްޓީޑީސީގެ މިދިޔަ އަހަރުގެ ރިޕޯޓުގައި އިބްތިޝާމާ ވިދާޅުވެފައިވެ އެވެ.

"ނަތީޖާއެއްގެ ގޮތުން ހިއްސާއަކަށް ޖެހޭ ފައިދާ 0.46 ރުފިޔާއިން 2.78 ރުފިޔާއަށް މި ވަނީ އިތުރުވެފަ އެވެ،" އިބްތިޝާމާ ވިދާޅުވީ ކުންފުނީގެ އިދާރީ ހަރަދުގެ ގޮތުގައި 2014 ވަނަ އަހަރު ހޭދަކުރަމުންދިޔަ 64.4 މިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު 25.3 މިލިއަން ޑޮލަރަށް ދަށްކޮށްފައިވާ ކަމަށެވެ.

ހިއްސާގެ މުއާމަލާތްތައް މަޑުމަޑުން އިތުރުވަމުންދާ ކަމަށް ވެސް އެމްޓީޑީސީގެ އަހަރީ ރިޕޯޓުގައި އިބްތިޝާމާ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ހިއްސާގެ މުއާމަލާތްތައް އިތުރުވަމުން ދިއުމަކީ ކުންފުންޏާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދެމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

"ނަމަވެސް ފާއިތުވި އަހަރުތަކުގައި ކުންފުނީގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ހީނަރުކަން އައިސް، އަދި މިދިޔަ އަހަރުތަކުގައި ފައިދާގެ ރިޒާވް ގެއްލުމުގެ ރިޒާވަކަށް ބަދަލުވެފައިވެ އެވެ. މި ރިޒާވް ފައިދާގެ ރިޒާވަކަށް ބަދަލު ކުރުމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ކާމިޔާބު ކުންފުންޏަކަށް ހެދުމަށް ވަރަށް ބުރަކޮށް ކުންފުނިން މަސައްކަތް ކުރަމުންދެ އެވެ،" އިބްތިޝާމާ ވިދާޅުވެފައިވެ އެވެ.

އަހަރީ ރިޕޯޓުގައި އޭނާ ވިދާޅުވެފައިވާ ބަޔާން ނިންމަވާލައްވާފައި ވަނީ އިންވެސްޓަރުންނާއި ހިއްސާދާރުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް އެމްޓީޑީސީ ހެދުމަށް ސަރުކާރާއެކު މަޝްވަރާކޮށް، ވިޔަފާރި ފުޅާ ކުރުމަަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ.

comment ކޮމެންޓް