އިންޑިއާގައި ވިއްކުމަށް އުފެއްދި ބޭހެއް، ރާއްޖޭގައި ވިއްކުން މަނާކޮށްފި

ފައިޒާ ބްރޭންޑުގެ މިނިޕްރެސް ބޭސް: މަނާ ކޮށްފައި ވަނީ އިންޑިއާ މާކެޓަށް ޚާއްސަކޮށް އުފައްދާފައިވާ މިނިޕްރެސް ބޭސް --

ހަމައެކަނި އިންޑިއާގައި ވިއްކުމަށް އުފައްދާފައިވާ ބޭހެއް، ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތީ، އެ ބޭސް ރާއްޖޭގައި ވިއްކުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފި އެވެ،

އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، "ޕްރަޒޮސިން" ޖެނެރިކްގެ 2.5 މިލިގްރާމް އަދި 5 މިލިގްރާމްގެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކުމުގެ ހުއްދަ ދީފައި އޮންނަނީ ފްރާންސްގެ ފައިޒާ ކުންފުނިން އުފައްދާ މިނީޕްރެސް އެކްސްއެލް 2.5 އަދި 5 މިލިގްރާމް ބޭހަށް އެކަނި ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ފައިޒާ ފާމަސިއުޓިކަލްސް އެލްއެލްސީން، ހަމައެކަނި އިންޑިއާގައި ވިއްކުމަށް ޚާއްސަ ކަމުގައި ލޭބަލް ޖަހައި، އުފައްދާފައިވާ ބޭސްތަކެއް ވެސް މާކެޓުގައި އުޅޭ ކަމަށް ފާހަގަވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެ ބޭސްތައް ރާއްޖޭގައި ވިއްކަމުން ދަނީ، ހަމައެކަނި އިންޑިއާގައި ވިއްކުމަށް އުފައްދާފައިވާ ކަމަށް ބުނެ ޖަހާފައިވާ ލޭބަލްގެ މަތިން ކަޅު ކުލައިގެ މާކަރަކުން ކުލަ ޖެއްސުމަށްފަހުގައި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

އެމްއެފްޑީއޭއިން ބުނީ، އެމެރިކާގެ ފައިޒާ ފާމަސިއުޓިކަލްސްއިން އުފައްދާފައިވާ މިނީޕްރެސް އެކްސްއެލް 2.5 އަދި 5 މިލިގްރާމުގެ ބޭހަކީ ރާއްޖެ އެތެރެކޮށް، ވިއްކުން މަނާ ބޭހެއް ކަމަށެވެ. ނަމަވެސް ފްރާންސްގެ ކުންފުނިން އުފައްދާ ބޭސް ރާއްޖޭގައި ވިއްކޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

"މިކޮޅުން އެޕްރޫވް ކޮށްފައި އޮންނަ ލިސްޓުގައި ހިމެނިފައި ވަނީ ފްރާންސުން އުފައްދާ މިނިފްރެސް. އެތަނުން އުފައްދަނީ އިންޓަނޭޝަނަލް މާކެޓަށް. އެކަމަކު އެމެރިކާ ޢިން އުފައްދާ ބޭހަކީ ހަމައެކަނި އިންޑިއާ މާކެޓަށް އުފައްދާ އެއްޗެއް. އެހެންވެ މި ވިއްކުން މަނާ ކުރީ،" ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

comment ކޮމެންޓް