"ހަވީރު" އިދާރާގައި ރޯކޮށްލުމަކީ ދިން ޓެރަރިސްޓް ހަމަލާއެއް: ހަވީރު މީޑިއާ ގްރޫޕް

ހަވީރު އިދާރާގެ ރިސެޕްޝަން އޭރިއާގައި އަލިފާން ރޯކޮށްލުމުން، އެތަނުގެ ބޮޑެތި ގެއްލުންތަކެއްވެފައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން

"ހަވީރު"ގެ އިދާރާގައި މިދިއަ ހުކުރު ދުވަހުގެ ދަންވަރު ބަޔަކު ރޯކޮށްލި އަމަލަކީ، ހަވީރު މީޑިއާ ގްރޫޕަށް ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ދެކޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހަވީރު ނޫހުގެ އިދާރާގެ ރިސެޕްޝަންގައި ރޯކޮށްލި އަލިފާންގަނޑު އިމާރާތަށް ނުފެތުރެނީސް ގަލޮޅު ޕޮލިސް ސްޓޭޝަންގައި ޑިއުޓީގައި ތިބި ފުލުހުން ވަނީ އަލިފާން ނިއްވާލާފަ އެވެ.

އަލިފާން ނިއްވާލަން ސިފައިން އެ ސަރަހައްދަށް ދިއުމުގެ ކުރިން، "ހަވީރު" އިދާރާ ހިންގާ ގޯތީގެ ފާރުމަތިން މީހަކު ފުންމާލައިގެން ފިލިތަން ފެނުނު ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

ހަވީރު މީޑިއާ ގްރޫޕުން މިއަދު ހަވީރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، "ހަވީރު"ގެ އިދާރާގައި ރޯކޮށްލި މީހާ ފާރުމަތިން ފުންމާލައިގެން ދިޔަ މަންޒަރު ފެނިފައިވުމުން، އެއީ ގަސްދުގައި ބަޔަކު "ހަވީރު" އާއި އެ މީޑިއާ ގްރޫޕަށް ގެއްލުން ދިނުމަށާއި ނޫސްވެރިކަމަށް ބިރުދައްކައިގެން ހުރަސް އެޅުމަށް ކުރި ކަމެއް ކަން ވަަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ހަވީރު މީޑިއާ ގްރޫޕުން ބުނީ އަލިފާން ރޯކޮށްލި އިމާރާތުގައި ހަވީރުގެ ރިސެޕްޝަންގެ އިތުރުން، ލޯމާފާނު ޗާޕުޚާނާ އާއި ހަވީރުގެ ނިއުސްރޫމް ވެސް ހުންނަ ކަމަށެވެ. އަދި އެހެންކަމުން، އެއީ ހަވީރު މީޑިއާ ގްރޫޕަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއެއް ކަމަށް ދެކޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހަވީރު މީޑިއާ ގްރޫޕުން އިތުރަށް ބުނީ، އަލިފާން ރޯކޮށްލުމާއެކު، ގަލޮޅު ފުލުސް އޮފީހުގެ ފުލުހުންނާއި އެ ސަރަހައްދުގައި އުޅުނު އާންމުން އަދި އެމްއެންޑީއެފުން ވަރަށް އަވަހަށް ހަރަކާތްތެރިވެ، އެ އަލިފާންގަނޑު ނިއްވާލާފައި ވާތީ، އެފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އަލިފާންގަނޑު އިތުރަށް ބޮޑުވިޔަ ނުދީ ހިފެހެއްޓުނީ، އެ ހުރިހާ ފަރާތްތަކެއްގެ ވެސް މަސައްކަތުން ކަމަށް އެކުންފުނިން ބުނެ އެވެ.

އެ ކުންފުނީގެ ބަޔާނުގައި، "ހަވީރު"ގެ އިދާރާއަށް ދިން ހަމަލާ ސީރިއަސްކޮށް ބަލައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ އިދާރާތަަކަށް ގޮވާލާފައިވެ އެވެ. އަދި އެ ހާދިސާއިން ވެސް ދައްކައިދެނީ ދިވެހި ނޫސްވެރިންނާއި މީޑިއާތަކަށް ހިމާޔަތް އިންތިހާއަށް ބޭނުންވާ ވަރު ކަމަށް އެކުންފުނިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވި ގޮތުން، ހަވީރުގެ އިދާރާގައި ރޯކޮށްލި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް