ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާގެ އެހީ ހަވާލުކުރަން ފަށައިފި

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރާއި ކޯސްޓްލައިނުން އަދި އަމިއްލަ ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ މިއަދު ހަވާލުކުރަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރާއި ކޯސްޓްލައިނުން އަދި އަމިއްލަ ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ އެއްކޮށްލައިގެން ފައިސާގެ އެހީ ބަހަން ފިނޭންސް މިނިސްޓްރީ އިން ފަށަައިފި އެވެ.

ކޯސްޓްލައިނު ހާޑްވެއާ ފިހާރައިގައި ރޯވެ ހިނގައި ދިޔަ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އޭގެ ތެރޭގައި އެހިސާބުގައި ގޭގޭގައި ދިރުއުޅުން މީހުންގެ އިތުރުން ބައެއް ފިހާރަތައް ވެސް ހިމެނެ އެވެ. ގެއްލުންވި ފަރާތްތަކަށް ފައިސާ ބެހުން މިއަދު ދެއަކުން ފެށިގެން ކުރިއަށް ދާއިރު ގެއްލުން ލިބުނު އާއިލާތަކުން ވަނީ ފައިސާއާ ހަވާލުވުމަށް ފިނޭންސް މިނިސްޓްރީ އަށް ގޮސްފަ އެވެ.

މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން ނެޝަނަލް ޑިސާސްޓަ މެނޭޖްމެންޓް ސެންޓަރުގެ ފަރާތުން އެސިސްޓެންޓް ކޯޑިނޭޓަރު އަހުމަދު ރަޝީދު ވިދާޅުވީ ސަރުކާރާއި ކޯސްޓްލައިނުން އަދި އަމިއްލަ ފަރާތަކުން ދިން އެހީއާ އެކު ޖުމްލަ 3.6 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯސްޓްލައިނުން ދިން އެއް މިލިއަން ރުފިޔާ އާއި އަމިއްލަ ފަރާތަކުން ދިން 3000 ރުފިޔާގެ އިތުރުން ސަރުކާރުގެ ފަރާތުން ދޭ 2.6 މިލިއަން ރުފިޔާ ކަމަށެވެ.

އޭޕްރިލް 18، 2016: ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކޯސްޓްލައިން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 34 ފަރާތަކަށް ފައިސާގެ އެހީދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި ފަރާތަށް ލިބޭ ފައިސާގެ އަދަދަކީ 457،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ. ރުފިޔާ ދިނުމުގެ އުސޫލަށް ބަލާއިރު ގޭގެ ވެރިފަރާތަށް، އިމާރާތަށް ވި ގެއްލުން އަދި ގޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ހިފާގެންގުޅޭ ތަކެއްޗަށް ވީ ގެއްލުމުގެ އަގަށްވާ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެހާދިސާގައި ގެއްލުން ލިބުނު ފިހާރަތަކުގެ މުދަލަށްވާ ގެއްލުމުގެ ފައިސާ ދިނުމުގެ އުސޫލެއް ޑިސާސްޓަ މެނޭޖްމެންޓުން ނުގެންގުޅޭ ކަމަށާއި ނަމަވެސް ފިހާރަ ހުރި އިމާރާތަށްވި ގެއްލުމަށް ފައިސާ އެ އިމާރާތުގެ ވެރިފަރާތަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯސްޓްލައިނުން ހަދިޔާކުރި އެއްމިލިއަން ރުފިޔާގެ ތެރެއިން ފިހާރަ އަށްވީގެއްލުމުގެ ފައިސާގެ ގޮތުގައި ދިނުމަށް އެބޭފުޅުން އެދުމުން އެ ފައިސާ އިން ފިހާރަތަކަށްވީ ގެއްލުމަށް އެހީދެމުންދާ ކަމަށެވެ.

ކޯސްޓު ލައިން ހާޑުވެއާގެ ފިހާރާގައި އަލިފާން ރޯވެ އަނދަނީ--- ސަން ފޮޓޯ: އަހުމަދު ޒާހިރު (ހިރިގާ)

ސަރުކާރުން ދެމުންދާ ފައިސާ އިން ކަވަކޮށްދެނީ ލިބުނު ގެއްލުމުގެ 40 ޕަސެންޓުކަމަށް ޑިފެންސް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ މިއަދު ބައެއް ފަރާތްތަކަށް ނުގުޅިގެން ފައިސާ ހަވާލުނުކުރެވޭ ކަމަށާއި ނަމަވެސް ރަސްމީ ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީ އަށް ދިއުމުން ފައިސާ ލިބުމުގެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ކޯސްޓުލައިން ހާޑުވެއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުން ވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްނުވެ ގިނައިރުތަކެއް ވީފަހުން، އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އަލިފާން ނިއްވާ ލޮރީ ގެނެސްގެން އެއާޕޯޓު މުވައްޒަފުންގެ ވެސް އެހީތެރިކަމާ އެކު އެވެ.

އެތަނުގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ ސަބަބު ހޯދުމަށް ޓަކައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް