އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ކޭޝް އެކައުންޓިން އުސޫލުތަކާ ހިލާފުވެފައި: އޮޑިޓް ރިޕޯޓް

އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް -- ސަން ފައިލް ފޮޓޯ

އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އިން ވަނީ މާލީ އަހަރުގެ ހަރަދުތައް ރިޕޯޓުކުރުމުގައި ކޭޝް އެކައުންޓިންގެ އުސޫލުތަކާ ހިލާފުވެފައި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ބުނީ، ދިވެހި ދައުލަތުގެ އޮފީސްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރުމަށް ފިނޭންސް މިނިސްޓްރީގެ މާލިއްޔަތާ ބެހޭ ސާކިއުލާ އިން ކަނޑައަޅާފައިވާ އަސާސަކީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓްސް (އައިއެފްއޭސީ) އިން ނެރޭ އިންޓަނޭޝަނަލް ޕަބްލިކް ސެންޓާ އެކައުންޓިން ސްޓޭންޑާޑްސް (އިޕްސަސް):ފައިނޭންޝަކް ރިޕޯޓިން އަންޑާ ދި ކޭޝް ބޭސިސް އޮފް އެކައުންޓިން ކަމަށެވެ.

އެ އަސާސްގެ ދަށުން ހަރަދެއް ހަރަދެއްގެ ގޮތުގައި ބެލެވެނީ، އެ ހަރަދަކާ ގުޅޭ ޗެކް ލިޔެ ކޭޝް ބުކްގައި ރެކޯޑުކުރާ ތާރީހުގަ އެވެ. ނުވަތަ އެ ހަރަދެއް ކުރުމަށް ޓަކައި ބޭންކް ޓްރާންސްފާ ހެދުމަށް ހުއްދަދޭ ތާރީޙުގަ އެވެ.

ނަމަވެސް މިނިސްޓްރީން ހަރަދުކުރާ ފައިސާ މާލީ ބަޔާންތަކުގައި ހަރަދެއްގެގޮތުގައި ހިމަނާފައި ވަނީ އެ ހަރަދާ ގުޅޭ ޗެކް ލިޔެ ކޭޝް ބުކްގައި ރެކޯޑުކުރާ ނުވަތަ އެ ގަރަދެއް ކުރުމަށް ޓަކައި ބޭންކް ޓްރާންސްފާ ހެދުމަށް ހުއްދަދޭ ތާރީހުގައި ކޫން ކަމަށާއި ހަރަދު ވައުޗާ ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރާ ހިސާބުންކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން އަހަރުގެ ތެރޭގައި އެގޮތަށް ޕޯސްޓުކުރާ މުއާމަލާތްތަކުގެ ތެރެއިން އަހަރުގެ ނިޔަލަށް ފައިސާ ނުދެއްކި ހުންނަ މުއާމަލާތްތައް ދެނެގަނެ އެއާގުޅިގެން މިނިސްޓްރީގެ މާލީ ބަޔާންތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފައި ނުވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެ ކަންކަމަކީ އިންޓަނޭޝަނަލް ޕަބްލިކް ސެންޓާ އެކައުންޓިން ސްޓޭންޑާޑްސް (އިޕްސަސް):ފައިނޭންޝަކް ރިޕޯޓިން އަންޑާ ދި ކޭޝް ބޭސިސް އޮފް އެކައުންޓިން ގެ އުސޫލުތަކާ ހިލާފުކަމެއް ކަމަށާއި އެކަން އިސްލާހުކުރަން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ލަފާދީފަ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެހެނިހެން އިދާރާތަކުން ހަރަދުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީ އަށް ފާސްކޮށްދީފައިވާ ބަޖެޓްގެ މަގްސަދުތައް ހާސިލުވާގޮތަށް ކަމަށް ދެކޭ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް